އަލްފާޟިލް މޫސާ ޙަލީމް
މ. ޒުރީތު

މޫސާ ޙަލީމް، ދައުލަތަށް ޚިދުމަތްކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ޚިދުމަތް ފެށްޓެވީ 23 މޭ 1985 ގައި، ޓެލެވިޜަން މޯލްޑިވްސްގެ ޓެކްނީޝަން ކަމުގެ މަގާމުންނެވެ. އެންމެ ފުރަތަމަދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް ވަޒީފާ އަދާކުރައްވާފައިވަނީ، ޓީވީ މޯލްޑިވްސްގައެވެ. އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، އެސިސްޓެންޓް ޓެކްނީޝަން ކަމާއި، ޕްރޮޑަކްޝަން ޓެކްނީޝަންކަމާއި، ސީނިއަރ ޕްރޮޑަކްޝަން ޓެކްނީޝަން ކަމާއި، އެސިސްޓެންޓް މެނޭޖަރ، މެއިންޓެނަންސް ކަމާއި، މެނޭޖަރ، ޓެކްނިކަލް އޮޕަރޭޝަންސް ކަމުގެ މަގާމު ހިމެނެއެވެ.

ރާއްޖޭގައި ޓީވީގެ ޚިދުމަތް ފެށިގެން ތަރައްޤީވެގެން ދިޔުމުގައި، މޫސާ ޙަލީމުގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން، މުޅި ރާއްޖެއަށް ޓީވީގެ ސިގްނަލް ދިނުމަށްޓަކައި އެންޓެނާ ސިސްޓަމެއް ހަދައިގެން، އެ ސިސްޓަމް ބެހެއްޓުމަށް ކަނޑައަޅައިފައިވާ ރަށްރަށަށް ރިސީވަރު ފޯރުކޮށްދިނުމާއި، ސެޓެލައިޓް މެދުވެރިކޮށް ޓީވީ ގެ ސިގްނަލް ދިނުމަށްޓަކައި ޑިޝްއެންޓެނާ ރާވައި، އިންސްޓޯލްކޮށް، ސިގްނަލް ޗެކުކުރުމުގައި ވަރަށް އަވަދިނެތިކަމާއެކު ޙަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.

މޫސާ ޙަލީމް ކުރައްވައިފައިވާ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި، ޓެރިސްޓްރިއަލް ޓްރާންސްމީޓަރ ހިންގައި ބެލެހެއްޓެވުމާއި، އޮންއެއަރ ކުރާ ވަގުތުތަކުގައި އޮން އެއަރ އޮޕަރޭޓްކުރުމާއި، ޓީވީ މޯލްޑިވްސްއިން ޚަބަރު ގެނެސްދޭ ވަގުތުގައި އޮންއެއަރކުރުން ހިމެނެއެވެ. މީގެ އިތުރުން، އެކިއެކި ޕްރޮގްރާމްތައް ހެދުމަށްޓަކައި ޝޫޓިންގތަކަށް ވަޑައިގަތުމާއި، ލައިވްކުރާ އިވެންޓްތަކަށް ވަޑައިގެން އެ އިވެންޓްތައް ލައިވް ކުރުމުގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި އިވެންޓްތަކަށް ތައްޔާރުވުމުގެ ގޮތުން ރާވަންޖެހޭ އިކުއިޕްމަންޓްތައް ރޭވުމާއި، އެކިއެކި އިވެންޓްތަކަށް ދޫކުރަންޖެހޭ އިކުއިޕްމަންޓްތައް ދޫކުރުމާއި، ބަލައިގަތުމުގެ މަސައްކަތްވެސް މޫސާ ޙަލީމް ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. ހަމައެއާއެކު، ޑިސްޕެޗް ޔުނިޓް ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތުވެސް އަދާކުރައްވައިފައި ވެއެވެ.

މޫސާ ޙަލީމް ކުރައްވައިފައިވާ ޚިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، 2006 ވަނަ އަހަރު ބޭއްވި ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސިގްނަލް މުޅި ރާއްޖެއަށް ފެންނާނެ ގޮތް ހެދުމަށްޓަކައި ކުރައްވައިފައިވާ މުހިންމު ބުރަ މަސައްކަތެވެ. ޓްރާންސްމީޓަރު ނެތް 14 އަތޮޅެއްގައި ޓްރާންސް މީޓަރު ބަހައްޓައި 4 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަވައި، މުޅި ރާއްޖެއަށް ވަރލްޑް ކަޕްގެ މެޗުތައް ވަގުތުން ފެންނާނެ ގޮތް ހެއްދެވުމަށް ކުރެވުނު މުހިންމު މަސައްކަތުގައި މޫސާ ޙަލީމް، ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން ކުރެއްވި މަސައްކަތްތައް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

މި ދާއިރާގެ ޚިދުމަތުގައި ހޭދަކުރައްވައިފައިވާ ދިގު މުއްދަތުގެ ތެރޭގައި މޫސާ ޙަލީމް ވަނީ، އަދާކުރައްވާ ވަޒީފާއާގުޅޭގޮތުން އެކިއެކި ތަމްރީނުތައްވެސް ފުރިހަމަ ކުރައްވައިފައެވެ.