އަލްފާޟިލާ މަސްޢޫދާ މޫސާފުޅު
މީނާޒް މ. މުލި

މަސްޢޫދާ މޫސާފުޅު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފުރަތަމަ ފަށްޓަވައިފައިވަނީ 4 ޖަނަވަރީ 1984 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މ.އަތޮޅުއޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރެއްގެ ވަޒީފާއެވެ. 29 ނޮވެންބަރު 1988 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އަލުން ޚިދުމަތް ފެށްޓެވީ 24 މޭ 1990 ގައި މުލީ ރީޖަނަލް ހޮސްޕިޓަލްގެ ކާތިބާ ކަމުގެ ވަޒީފާއިންނެވެ. އޭގެފަހުން އެ ހޮސްޕިޓަލްގެ ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަން ކުރެއްވިއެވެ. 24 ޖޫން 2021 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އެ ހޮސްޕިޓަލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.

މަސްޢޫދާ މޫސާފުޅު، މ.އަތޮޅުއޮފީހުގައި ވަޒީފާ އަދާކުރެއްވިއިރު، އަތޮޅުއޮފީހުގެ މަސައްކަތްތަކުގައި އިސްނަންގަވައިގެން ހަރަކާތްތެރިކަމާއެކު އުޅުއްވައިފައިވެއެވެ. އަދި ހާޒިރީއަށް ފަރުވާބަހައްޓަވައި، ދުވަހުން ދުވަހަށް ނިންމަންޖެހޭ އެންމެހައި މަސައްކަތްތައްވެސް ބަރާބަރަށް ނިންމަވަމުން ގެންދަވައިފައިވެއެވެ. އަދި އަތޮޅުއޮފީހުން އިސްނަންގަވައިގެން ހިންގެވި އެކިއެކި ވަރކްޝޮޕްތަކާއި، ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދެވުމުގައިވެސް އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލްގައި މަސްޢޫދާ ޚިދުމަތް ކުރެއްވިއިރު، އެ ހޮސްޕިޓަލްގެ އިދާރީ އެންމެހައި ކަންކަން ކުރައްވަމުން ގެންދެވިއެވެ. އަދި ކުރައްވާ މަސައްކަތުގެ ފެންވަރު ވަޒަންކުރައްވައި، އެކިފަހަރުމަތިން 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯއްދަވައި، އަގު ވަޒަން ކުރުމުގެ ލިޔުން ލިބިވަޑައިގެންފައި ވެއެވެ.

މަސްޢޫދާ މޫސާފުޅު، މުލީ ރީޖަނަލް ހޮސްޕިޓަލްގައި ވަޒީފާ އަދާކުރައްވަމުން ގެންދެވީ، މަސްޢޫދާގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށެވެ. މަސްޢޫދާއަކީ، މުވައްޒަފުންނާ ގުޅިގެން، ތެދުވެރިކަމާއި، ވަފާތެރިކަމާއެކު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.