އަލްފާޟިލް މުޙައްމަދު ޢާމިރު
ދަފްތަރު. ނަންބަރު ދރ 1187

މުޙައްމަދު ޢާމިރު ދިވެހި ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 25 މާރިޗު 1984 ގައި ޓީވީ މޯލްޑިވްސްގެ ކޮންޓްރޯލް ރޫމް އެޓެންޑެންޓެއްގެ ވަޒީފާއިންނެވެ. ކުޑަދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހުގައި ދެން ވަޒީފާ އަދާކުރައްވަން ފެށްޓެވީ ކަސްޓަމްސްގައެވެ. ކަސްޓަމްސްގައި ގާޑެއްގެ ވަޒީފާ އަދާކުރެއްވުމަށްފަހު އަނެއްކާވެސް ޚިދުމަތުން ވަކިވެވަޑައިގެންނެވިއެވެ. ދެވަނަ ފަހަރަށް ޓީވީ މޯލްޑިވްސްއާ ގުޅިވަޑައިގަތީ 10 އޮކްޓޫބަރު 1992 ގައެވެ. ޓީވީ މޯލްޑިވްސްގެ ޓެކްނިކަލް އެސިސްޓެންޓް ކަމާއި، އެސިސްޓެންޓް ލައިޓިންގ ޓެކްނީޝަންކަމުގެ ވަޒީފާ އަދާކުރައްވައިފައިވެއެވެ. އަދި އެންމެ ފަހުން އަދާކުރެއްވީ ޕަބްލިކް ސަރވިސް މީޑިއާގެ ސީނިއަރ ލައިޓިންގ ޓެކްނީޝަން ކަމުގެ މަގާމެވެ.

ޒިންމާދާރުކަމާއި ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާއެކު 36 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތުގައި ހޭދަކުރެއްވިއެވެ. މުޙައްމަދު ޢާމިރު ވަޒީފާއިން ރިޓަޔަރ ކުރައްވައިފައިވަނީ، 9 ޖަނަވަރީ 2021 ގައެވެ. އެންމެ ގިނަދުވަހު ކުރައްވައިފައިވަނީ، ޓީވީ މޯލްޑިވްސްއިން ގެނެސްދޭ ޚަބަރާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތަކަށް އިތުރު ފުރިހަމަކަން ގެނެސްދޭ ލައިޓިންގ ހެދުމުގެ މަސައްކަތެވެ. ޓީވީ މޯލްޑިވްސްގެ ސްޓޫޑިއޯއިން ލައިވްކޮށް ގެނެސްދިން ޕްރޮގްރާމްތަކުގެ ލައިޓިންގއާއި، ސްޓޫޑިއޯއިން ބޭރުގައި ބޭއްވުނު އެކި ޙަރަކާތްތަކުގެ ލައިޓިންގ ހެދުމުގެ މަސައްކަތް ކުރެއްވުމުގެ އިތުރުން، ޚަބަރާއި ޕްރޮގްރާމްތަކަށް ބޭނުންވާ ވީޑިއޯ ނެގުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ. މުޙައްމަދު ޢާމިރު ކުރައްވައިފައިވާ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި، ލައިޓިންގ ޓެކްނިކަލް ޑައިރެކްޓަރުގެ ޒިންމާ އަދާކުރެއްވުމާއި، ލައިޓިންގ ޓެކްނީޝަނުންގެ މަސައްކަތްތައް ބެލެހެއްޓެވުން ހިމެނެއެވެ.

މުޙައްމަދު ޢާމިރަކީ ކުރައްވާ ކޮންމެ މަސައްކަތެއްވެސް ޤާބިލުކަމާއި ހުނަރުވެރިކަމާއެކު ވީ އެންމެ ރަނގަޅަކަށް ކުރެއްވުމަށް އިސްކަން ދެއްވި ބޭފުޅެކެވެ. އެކިއެކި ޕްރޮގްރާމްތައް އުފެއްދުމުގެ މަސައްކަތުގައި، މާލެއާއި އަތޮޅުތަކުގައި ހީވާގިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މަސައްކަތަށް ބޭނުންވާ ހުނަރުވެރިކަން އިތުރުކުރެއްވުމުގެ ގޮތުން ރާއްޖެއިން ބޭރުންނާއި ރާއްޖެއިން އެކިއެކި ތަމްރީނުތައް މުޙައްމަދު ޢާމިރު ފުރިހަމަކުރެއްވިއެވެ.

ޓީވީ މޯލްޑިވްސްއިން ހިންގަވާ އެކިއެކި ޙަރަކާތްތަކުގައިވެސް މުޙައްމަދު ޢާމިރު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ. މިގޮތުން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހިންގުނު ޙަރަކާތްތަކުގައްޔާއި، މިނިވަން 50 އަދި ޖުމްހޫރީ 30 ފާހަގަކުރުމަށް ހިންގުނު ޙަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.