އަލްފާޟިލާ ޝަމީމާ ޢަލީ
ދަފްތަރު. ނަންބަރު ރސ 1622

އަލްފާޟިލާ ޝަމީމާ ޢަލީ، ސަރުކާރަށް ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ 11 ޖުލައި 1981 ގައެވެ. ފުރަތަމަ އަދާކުރެއްވީ މުލީއާގޭ މެއިޑެއްގެ ވަޒީފާއެވެ. އޭގެފަހުން، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުން ހިންގި ދިވެހި، ދީނިއްޔާތު، ތިމާވެށި ކޯސް ފުރިހަމަކުރައްވައި، 1985 ވަނަ އަހަރު މުދައްރިސް ކަމުގެ ސަނަދު ހާސިލު ކުރެއްވުމަށްފަހު، ޖަމާލުއްދީން ސްކޫލްގެ މުދައްރިސެއްގެ ވަޒީފާއަށް ވެދެވަޑައިގަތެވެ. އެދުވަހުން ފެށިގެން މިއަދާ ހަމަޔަށް، މެދުކެނޑުމެއްނެތި ޓީޗަރެއްގެ ވަޒީފާގައި ހުންނަވައިގެން، ހީވާގިކަމާއި މުރާލިކަމާއެކު ދަރިވަރުންނަށް އުނގަންނައިދެއްވުމުގެ ބުރަ މަސައްކަތް ކުރައްވަމުން ގެންދަވައިފައި ވެއެވެ.

ކިޔަވައިދެއްވުމުގެ އިތުރުން، ސްކޫލްގެ އިތުރު ހަރަކާތްތަކާއި، ދަރިވަރުންގެ ކުރިއެރުމަށް އެކި ކަންކަން ކޮށްދެއްވައިފައި ވެއެވެ. ދަރިވަރުންގެ ތެރެއިން އެވްރެޖް ލެވެލްއަށް ނާންނަ ކުދިންނަށް އެންރިޗްމަންޓް ޕްރޮގްރާމް ހިންގެވުމާއި، ސްކޫލް ކޮންސެޓާއި، މިނިވަންދުވަހުގެ އައިޓަމް ތައްޔާރުކޮށްދެއްވުމުގައި އެހީތެރިވެދެއްވުމާއި، ކަބް ސްކައުޓް، ލިޓްލްމެއިޑް، އަދި ސްވިމިންގ ފަދަ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މީގެއިތުރުން، ސްކޫލްގައި ހިންގާ ކްލަބުތަކުގައި ދަރިވަރުން ތަމްރީނު ކުރުމުގެ މަސައްކަތް ކޮށްދެއްވައިފައި ވެއެވެ. އަދި އަޑުއިވުމުގެ ދަތިކަން ހުންނަ ކުދިންނަށް ލިޔަންކިޔަން ދަސްކޮށްދެއްވުމާއި، އެކުދިން މުޖުތަމަޢަށް ފައިދާހުރި ކުދިބަޔަކަށް ހެއްދެވުމަށް، އެފަދަ ކުދިންނަށް ސްކޫލްގައި ހިންގާ މާޖެހުމާއި ފަހަން ދަސްކޮށްދޭ ކްލާސްތަކާއި، އެފަދަ އެހެން ޕްރޮގްރާމްތަކުގައި، އެކުދިންނަށް ތަރުޖަމާ ކޮށްދެއްވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.

ޝަމީމާ ޢަލީއަކީ، ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުން ބައިވެރިވާ ހުރިހާ ޙަރަކާތެއްގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.

ޝަމީމާ ޢަލީ، މަތީ ތަޢުލީމު ހާސިލު ކުރައްވައިފައި ވަނީ ވިލާ ކޮލެޖުންނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީންނެވެ. ވިލާ ކޮލެޖުން ޝަރީޢާ އެންޑް ލޯއިން އޮނަރސް ޑިގްރީ ހާސިލުކުރައްވައި، ކިޔަވައިދިނުމުގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޯމާ ހާސިލު ކުރައްވައިފައި ވެއެވެ. އަދި ދިވެހި ލޭންގްވިޖުން މާސްޓަރ އޮފް އެޑިޔުކޭޝަން ފުރިހަމަކުރައްވައިފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ.