ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ (ރިޓަޔަރޑް) ޙަސަން ފިރާޤު
ހުޅުމާލެ. ފްލެޓް 05-ޖީ-84

ޙަސަން ފިރާޤު، ދިވެހި ދައުލަތުގެ ޚިދުމަތަށް 24 ޖަނަވަރީ 1982 ގައި ނުކުމެވަޑައިގަތުމަށްފަހުގައި އެކި ދާއިރާތަކުގައި ތަފާތު މަސައްކަތްތައް ވަރަށް ހިތްވަރާއި މުރާލިކަމާއެކު ކުރައްވައިފައި ވެއެވެ. ކުރިމަތިލެއްވި ކޮންމެ ކަމެއް ކުރައްވައިފައިވަނީ، ސާބިތުވެ ހުންނަވައިގެން އެކަމެއް ކާމިޔާބު ކުރެއްވުމުގެ އަޒުމުގައެވެ.

ފ. މަގޫދޫ މަކްތަބުލްމިޞްބާޙުގެ 3 ވަނަ ކްލާސް ނިންމަވައިލެއްވުމަށްފަހު މާލެވަޑައިގެން ފުރަތަމަ ވެންނެވީ ކ.އަތޮޅު އޮފީހުގެ ޕިޔޯނުކަމުގެ މަގާމަށެވެ. އެއަށްފަހު މާލޭ މުނިސިޕަލްޓީގެ ކާތިބަކަށް ބަދަލުވެވަޑައިގެންނެވިއެވެ. އެ މަގާމުގައި ހުންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕިޔޯނުކަމުގެ މަގާމަށް ބަދަލުކުރެއްވި ކުރެއްވުން ޤަބޫލުކުރެއްވީ، ރައީސް އޮފީހުގައި ޚިދުމަތް ކުރެއްވުމުގެ ޝަރަފު ހޯއްދެވުމަށެވެ.

3 ނޮވެންބަރު 1988 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލައާ ގުޅިގެން ސިފައިންގެ ތެރެއަށް ވަނުމުގެ ފުރުސަތު ޒުވާނުންނަށް ހުޅުއްވައިލެއްވުމުން ޤައުމީ ޚިދުމަތުގެ ޖޯޝުގައި ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، ޕްރައިވެޓެއްގެ ރޭންކުގައެވެ. ސިފައިންގޭގައި ލާންސް ކޯޕްރަލްގެ ރޭންކުގައާއި، ކޯޕްރަލް އަދި ސާރޖަންޓް ރޭންކުގައި ޚިދުމަތްކުރައްވައިފައި ވެއެވެ.

ސިފައިންގޭގައި ދެއްވަމުން ގެންދެވި ފުލުހުންގެ ޚިދުމަތް ވަކި މުއައްސަސާއަކުން ދެއްވުމަށް ހަމަޖެއްސެވުމާ ގުޅިގެން ޙަސަން ފިރާޤު ޚިދުމަތް ފެށްޓެވީ، ފުލުހުންގެ ތެރޭގައެވެ. ފުލުހުންގެ އިދާރާގައި ސަރޖަންޓް، ސްޓާފް ސަރޖަންޓް، ސްޓޭޝަން އިންސްޕެކްޓަރ، ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރުގެ ރޭންކުގައި ޚިދުމަތް ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއެކު ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު 36 އަހަރަށްވުރެން ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ.

ޙަސަން ފިރާޤު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚިދުމަތްކުރެއްވިއިރު ޙަވާލުކުރެއްވި ހުރިހާ މަސައްކަތެއް ވަރަށް ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު، ސުޕަވައިޒަރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ކިޔަމަންތެރިކަމާއެކު ކުރައްވައިފައި ވެއެވެ. އެ އޮފީހުން އިންތިޒާމުކުރި ޚާއްޞަ ހަފުލާތަކާއި ބައްދަލުވުންތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރެއްވިއެވެ.

ސިފައިންގެ ޚިދުމަތުގައްޔާއި، ފުލުހުންގެ ޚިދުމަތުގައި ޙަސަން ފިރާޤު ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި، ޓްރެފިކް ޕޮލިސް، ލޮޖިސްޓިކްސް ޑިޕާޓްމަންޓްގެ އެޑްމިނިސްޓްރޭޝަން ޔުނިޓުގައި ވަރަށް ހީވާގިކަމާއި ތެދުވެރިކަމާއެކު އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައިފައި ވެއެވެ. މީގެ އިތުރުން، އެކިއެކި ކުށްކުށުގައި ޖަލަށް ލާފައިވާ މީހުންގެ ކަންކަން ބެލެހެއްޓެވުމުގެ މަސައްކަތްވެސް ފަރުވާތެރިކަމާއެކު ކަމަށްކަމޭހިތައިގެން ބަލަހައްޓަވައިފައި ވެއެވެ. މިގޮތުން، ގާމާދޫ ސެކިއުރިޓީ ޔުނިޓުގައްޔާއި، ދޫނިދޫ ޑިޓެންޝަން ޔުނިޓުގައި ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު، ކުއިކް ރިއެކްޝަން ފޯސް ޔުނިޓުގައިވެސް ހިންމަތާއެކު މަސައްކަތްކުރައްވައިފައި ވެއެވެ.

ސިފައިންގެ ޚިދުމަތުގައްޔާއި ފުލުހުންގެ ޚިދުމަތުގައި ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރައްވައި އެ މުއައްސަސާތަކުން ދެއްވާ މެޑެލްތަކުގެ ތެރެއިން، ސައްތައިގެ މެޑެއްޔާއި، ސުނާމީ ކާރިސާގެ މެޑެއްޔާއި، ފުލުހުންގެ މެޑެއްޔާއި، ފުލުހުންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، ޙަސަން ފިރާޤު ހާސިލު ކުރައްވައިފައި ވެއެވެ. އަދި ކުލަތަކުގެ ތެރެއިން، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އިޚްލާޞްތެރި ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، ފުލުހުންގެ ޚިދުމަތުގެ ކުލައާއި، ކާމިޔާބުގެ ކުލަ ލިބިވަޑައިގެންފައިވެއެވެ. އަދި އަޚްލާޤީ ކުލަ ދެ ފަހަރު ހާސިލު ކުރައްވައިފައި ވެއެވެ.