އަލްފާޟިލް އަބޫބަކުރު އަޙްމަދު
މަތިމަރަދޫ. ހަދުވަރުދޭގެ، ލ. ގަން

1985 ޖަނަވަރީ 1 ވަނަ ދުވަހު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވި އަބޫބަކުރު އަޙްމަދު ފުރަތަމަ ޚިދުމަތް ފެށްޓެވީވެސް ތަޢުލީމީ ދާއިރައިގައެވެ. ތަޢުލީމީ ދާއިރައިގައި ފެށްޓެވި އެ ޚިދުމަތަށް މެދުކެނޑުމެއް ނުގެންނަވައެވެ. އަދިވެސް ހުންނެވީ އެ ޚިދުމަތުގައި، އެ ދާއިރާގައެވެ.

އަބޫބަކުރު އަޙްމަދު ފުރަތަމަ ޚިދުމަތް ފެށްޓެވީ ގދ.އަތޮޅު މަދަރުސާގައެވެ. ޕްރައިމަރީ ޓީޗަރެއްގޮތުންނެވެ. ގދ.އަތޮޅު މަދަރުސާގައި، ޕްރައިމަރީ ގްރޭޑްތަކަށް، ގްރޭޑް 1 ން 5 އަށް ހުރިހާ މާއްދާތަކެއް ކިޔަވައިދެއްވަމުން ގެންދެވިއެވެ. ޝައުޤުވެރިކަމާއި، ތެދުވެރިކަމާއެކު ދަރިވަރުންނަށް އުނގަންނައިދެއްވިއެވެ. ކިޔަވައިދެއްވުމުގެ އިތުރުން، އަދަބީ ޙަރަކާތްތަކާއި، ކުޅިވަރުގެ ޙަރަކާތްތަކާއި، އިޖުތިމާޢީ ޙަރަކާތްތަކާއި، ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ ދުވަސްތައް ފާހަގަކުރުމުގެ ޙަރަކާތްތައް ހިންގެވުމުގައި އިސްނަންގަވައިގެން ޚިދުމަތް ކުރެއްވިއެވެ. 1986 ޖަނަވަރީގައި، އަބޫބަކުރު އަޙްމަދު ބަދަލުވެވަޑައިގަތީ، ލ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. އެ މަރުކަޒުގައިވެސް ޕްރައިމަރީ ގްރޭޑްތަކަށް ހުރިހާ މާއްދާތަކެއް ކިޔަވައިދެއްވިއެވެ. އޭގެ އިތުރުން ސްކޫލުން ރާވައި ހިންގާ ހުރިހާ ޙަރަކާތްތަކެއްގައްޔާއި، 1987 ވަނަ އަހަރު ބޮޑެތި މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގެ ދަށުން ލ.ފޮނަދުއާއި، ލ.ގަމުގައި ހިންގުނު ޕްރޮގްރާމްތަކުގައި ވޮލަންޓިއަރެއްގެގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

ލ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގައި 1998 ފެބުރުވަރީ 15 ވަނަ ދުވަހު ކިޔަވައިދޭން ފެށީއްސުރެން ފެށިގެން މެދުކަނޑުވައިނުލައްވައި، އަބޫބަކުރު އަޙްމަދު ގެންދަވަނީ އެ ސްކޫލުގައި ޚިދުމަތް ކުރައްވަމުންނެވެ. ޕްރައިމަރީ ޓީޗަރެއްގެގޮތުންނާއި، މިހާރު އިސްލާމް މުދައްރިސެއްގެގޮތުން، ޘާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށާއި، މަތީ ޘާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް އިސްލާމް މާއްދާ ކިޔަވައިދެއްވަމުން ގެންދަވައެވެ. އަބޫބަކުރު އަޙްމަދަކީ، ބަރާބަރަށް ފިލާވަޅުތަކުގެ ލެސަން ޕްލޭން ހައްދަވައިގެން ކިޔަވައިދެއްވައި، ކުދީންގެ ރެކޯޑްތަކާއި ކުދީންނާ ގުޅުންހުރި އެހެން ރެކޯޑްތައް ވަރަށް ފުރިހަމައަށް ބަލަހައްޓަވަމުން ގެންދަވާ ޓީޗަރެކެވެ.

ސްކޫލުގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ރާއްވަވައި ހިންގަވާ ކޮންމެ ޙަރަކާތެއްގައާއި، ޚާއްޞަކޮށް އިސްލާމް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު ސްކޫލްގެ ހައުސްތަކުގެ މެދުގައި ބާއްވާ ޤުރްއާން މުބާރާތާއި، މަދަޙަ މުބާރާތްފަދަ މުބާރާތްތައް ރާއްވަވައި އިންތިޒާމު ކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވައެވެ. މީގެ އިތުރުން، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ ދަރިވަރުން ބައިވެރިވާ މުބާރާތްތަކުގައި ދަރިވަރުންނާއެކު އަތޮޅުގެ އެހެން ރަށްރަށުގެ ސްކޫލުތަކަށާއި މާލެއަށް ދަތުރުތައް ކުރައްވަމުން ގެންދަވައެވެ. އިސްލާމް ޑިޕާޓްމަންޓުގެ އިތުރުން ސްކޫލުގެ ދަރިވަރުންނަށް ހިންގޭ ކުޅިވަރު މުބާރާތްތަކާއި، ދަރިވަރުން، ޔުނިފޯމުގައި ތިބެގެން ބައިވެރިވާގޮތަށް ރާވައި ހިންގާ ޙަރަކާތްތަކުގައިވެސް އަބޫބަކުރު އަޙްމަދު ބައިވެރިވެވަޑައިގެން އެހީތެރިވެދެއްވަމުން ގެންދަވައެވެ. ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ސްކޫލުގައި ހިންގުނު ނަމާދު ޕްރޮގްރާމުގެ ދަށުން، ނަމާދުގައި ކިޔާ ދުޢާތަކާއި، ޒިކުރުތަކާއި، ނަމާދުގެ ޙަރަކާތްތައް ސްކޫލުގެ ދަރިވަރުންނަށް ދަސްކޮށްދެއްވައި ހިންގެވުމުގައި އަބޫބަކުރު އަޙްމަދުގެ ޙިއްސާ ވަރަށްބޮޑަށް ލިބިފައިވާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.

އަބޫބަކުރު އަޙްމަދު ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 36 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.