އަލްފާޟިލާ ޢާއިޝަތު މުނާ
މއ. އަޅިފަށުވި

ޢާއިޝަތު މުނާ، ސަރުކާރުގެ ޚިދުމަތަށް ނުކުމެވަޑައިގަތީ، 1984 ޖޫން 16 ވަނަ ދުވަހު، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ އިލެކްޓްރީޝަނެއްގެ ގޮތުންނެވެ. 4 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، 1988 ޑިސެންބަރު 28 ގައި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޓެލެފޯން އޮޕަރޭޓަރަކަށް ބަދަލުވެވަޑައިގަތެވެ. އޭރުއްސުރެން ފެށިގެން ޢާއިޝަތު މުނާ ކުރައްވަމުން ގެންދަވައިފައި ވަނީ، ޝަރުޢީ ދާއިރާގެ އިދާރީ މަސައްކަތެވެ. އަދި ގިނަ ދުވަސްތަކެއްވަންދެން ވަޒީފާ އަދާކުރައްވަމުން ގެންދަވައިފައިވަނީ، ޝަރުޢީ ދާއިރާގައެވެ.

މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގައި، ޢާއިޝަތު މުނާ ކުރެއްވީ، އެކިއެކި އެއްޗެއްސަށް ދިމާވާ ކަރަންޓުގެ މައްސަލަތައް ޙައްލުކުރެއްވުމުގެ މަސައްކަތެވެ. ކޮންމެ ވަގުތަކު މައްސަލައެއް ދިމާވިކަމުގައި ވިޔަސް ފަސްޖެހުމެއްނެތި އެކަމެއް ނިންމަވަމުން ގެންދެވިއެވެ. މިނިސްޓްރީ އޮފް ޖަސްޓިސްއަށް ބަދަލުވެވަޑައިގަތުމަށްފަހު ފުރަތަމަ ކުރެއްވީ، އެ މިނިސްޓްރީއަށް އެކި ފަރާތްތަކުން އެކި ކަންކަމުގައި ކުރާ ފޯންކޯލްތަކަށް ޖަވާބު ދެއްވުމުގެ މަސައްކަތެވެ. އޭގެ ފަހުން، މިނިސްޓްރީގެ ނަން އެކިފަހަރު ބަދަލުވިކަމުގައި ވިޔަސް، މަސައްކަތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.

ޢާއިޝަތު މުނާއަކީ، ޝަރުޢީ ދާއިރާގެ އޮފީސްތަކުގައި އެކި ސެކްޝަންތަކުގައި ތަފާތު މަސައްކަތްތައް ކުރައްވައިފައިވާ ބޭފުޅެކެވެ. މުނާއަކީ، ސެކްޝަންތަކުން ޙަވާލުކުރާ މަސައްކަތްތައް ރަނގަޅަށް އެނގިވަޑައިގެން ހުންނަވައިގެން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ތެދުވެރިކަމާއެކު މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވައިފައިވާ ބޭފުޅެކެވެ. މިކަމުގެ ސަބަބުން މަސައްކަތުގެ އަމާޒަށް ވާސިލު ވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ފަސޭހަވެގެން ދިޔަކަން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން އެންމެ ގިނައިން ކުރައްވަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، އެކި ފަރާތްތަކުން ހޯއްދަވަން އެދިވަޑައިގަންނަވާ ކުށާއި ދަރަނީގެ ފޯމުތައް ބަލައިގަތުމާއި، ފޯމުތައް ފުރިހަމަކުރައްވައި ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލު ކުރެއްވުމާއި، އެކިއެކި ބޭނުންތަކުގައި ވަޑައިގަންނަވާ ބޭފުޅުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް، ކަމާބެހޭ ސެކްޝަންތަކާ ގުޅިގެން ފޯރުކޮށްދެއްވުމާއި، ފޯންކޯލްތަކަށް ޖަވާބުދެއްވުމާއި، މަޢުލޫމާތު ހޯދުމަށް އަންނަ ފަރާތްތަކަށާއި، ފޯނުން މަޢުލޫމާތު ހޯދަން އެދޭ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދެއްވުމުގެ މަސައްކަތްތައް ހިމެނެއެވެ. އަދި ޑިޕާޓްމަންޓުގެ ރިސެޕްޝަނަށް ލިބޭ ލިޔެކިޔުންތަކާއި، ފައިސާ ދެއްކުމަށް އަންނަ ފަރާތަކުން ހަވާލުކުރާ ފައިސާ ބަލައިގަނެ ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ގަވާއިދުން ޙަވާލުކުރައްވައި ނިންމަވަމުން ގެންދަވައިފައިވެއެވެ.

މީގެއިތުރުން، ޓްރެއިނިންގ ސެކްޝަނުން ހިންގަވާ ޤާނޫނީ ވަކީލުން ވަކީލުކަމުގެ ހުވައިކުރެއްވުމުގެ އިންތިޒާމުތަކާއި، ރަށުކޯޓުތަކުގެ މެޖިސްޓްރޭޓަރުންނާއި މުވައްޒަފުންނާއި، މާލޭގެ ކޯޓުތަކުގެ ޤާޟީންނާއި މުވައްޒަފުންނަށް އަމާޒުކުރައްވައިގެން ހިންގެވި ތަމްރީނުތަކާއި މަސައްކަތު ބައްދަލުވުންތައް ރާއްވަވައި ހިންގެވުމުގައި ޢާއިޝަތު މުނާ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި އަތޮޅުތައް ޒޯންތަކަކަށް ބަހާލައިގެން ރަށްރަށުގެ ރަށުކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް ހިންގުނު ތަމްރީނުތަކާއި، ރަށުކޯޓުތަކުގެ އިދާރީ މުވައްޒަފުންނަށާއި، މާލޭގެ ކޯޓުތަކުގައާއި، މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ހިންގެވި ތަމްރީނު ޕްރޮގްރާމްތައް ހިންގެވުމުގައި އިދާރީގޮތުން ކުރަންޖެހުނު ހުރިހާ ކަމެއްގައި ވަރަށް ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކު މަސައްކަތް ކުރެއްވިއެވެ. މި ދާއިރާގެ އެހެން އޮފީސްތަކުގައި ޢާއިޝާތު މުނާ މަސައްކަތް ކުރެއްވިއިރުވެސް، މާލޭގެ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ޤާޟީންނަށް ޚާއްޞަ ކުރައްވައިގެން ހިންގެވި ސިމްޕޯޒިއަމްތަކާއި، މަހާސިންތާތަކާއި، އެނޫން ޙަފްލާތައް ރާއްވަވައި ހިންގެވުމުގައިވެސް އިސްނަންގަވައިގެން މަސައްކަތް ކުރެއްވިއެވެ.

ޢާއިޝަތު މުނާ ވަނީ، 36 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.