އަލްފާޟިލް މުޙައްމަދު އަނީސް
ވ. އޭޝިއަންވިލެޖް

މުޙައްމަދު އަނީސް ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، ޑިޕާޓްމަންޓް އޮފް ސިވިލްއޭވިއޭޝަންގެ ޕިޔޯނެއްގެ ވަޒީފާއިން 9 އެޕްރީލް 1984ގައެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ގާޑެއްގެ ވަޒީފާއަށް މުޙައްމަދު އަނީސް ބަދަލުވެވަޑައިގަތީ 26 ޖަނަވަރީ 1986ގައެވެ. ތިންމަހެއްހައިދުވަހު ކަސްޓަމްސްގައި ވަޒީފާ އަދާކުރެއްވުމަށްފަހު، 10 މޭ 1987 ގައި މާލޭ މުނިސިޕަލްޓީގެ ދެނަންބަރު ކާތިބަކަށް ބަދަލުވެވަޑައިގަތެވެ. ކަސްޓަމްސްގެ ވަޒީފާއަށް އަލުން ބަދަލުވެވަޑައިގަތީ 6 އޮކްޓޫބަރު 1987ގައެވެ. ކަސްޓަމްސްގެ ދެނަންބަރު ކާތިބުކަމާއި، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ 3 ކަމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ގްރޭޑް 2 ގެ މަގާމުވެސް އަނީސް ފުރުއްވައިފައި ވެއެވެ. އަނީސް މިހާރު ހުންނެވީ، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައެވެ.

ތިލަފުށީގައި ޤާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީހާއި، މާލޭ ސީ ކާގޯ އެގްޒޭމިނޭޝަން ސެކްޝަނާއި، ހާބަރ މެނޭޖްމަންޓް ސެކްޝަނާއި، ގއ.ވިލިނގިލީގައި ހުންނަ ކަސްޓަމްސްގެ ސަރަޙައްދީ އޮފީހުގައިވެސް މުޙައްމަދު އަނީސް ޚިދުމަތް ކުރައްވައިފައި ވެއެވެ. މައިގަނޑު ގޮތެއްގައި ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖެއަށް އެތެރެކޮށް އަދި ބޭރުކުރާ މުދާ ޗެކްކޮށް ދޫކުރެއްވުމާއި، ޓޫރިސްޓް ރިޒޯޓް ހަދާ ރަށްރަށަށް ގެންދާ މުދާ ބޭލުމަށް ބޯޓުފަހަރުގައި އެ ރަށްރަށަށް ވަޑައިގަތުން ހިމެނެއެވެ. އަދި ތެޔޮ ބޯޓުފަހަރުގައި ކަސްޓަމްސްގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު މުޙައްމަދު އަނީސް ކުރައްވައިފައި ވެއެވެ.

މުޙައްމަދު އަނީސް ވަނީ، ކާމިޔާބުގެ ރަން ކުލައާއި، އިޚްލާޞްތެރިކަމުގެ ކުލައާއި، ޤާބިލުކަމުގެ ކުލައާއި، ކަސްޓަމްސްގެ ރަން ބެޖުވެސް ހާސިލު ކުރައްވައިފައެވެ.