އަލްފާޟިލް ޢާމިރު ޢަލީ
ހ. ފޮއްގަސްގެ

އަލްފާޟިލް ޢާމިރު ޢަލީ، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 8 މޭ 1983 ގައެވެ. އެދުވަހުން ފެށިގެން މި ވޭތުވެދިޔަ ދިގު މުއްދަތުގައި ޚިދުމަތް ކުރައްވައިފައިވަނީ، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގައެވެ. މިހާރު ވަޒީފާ އަދާކުރައްވަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައެވެ. ފުރަތަމަ އަދާކުރެއްވީ، ކޮމިއުނިކޭޝަންސް އޮފިސަރ (ޓްރޭނީ) އެއްގެ މަގާމެވެ. އޭގެފަހުން، އެ ކުންފުނީގެ ކޮމިއުނިކޭޝަން އޮފިސަރު ކަމާއި، ކޮމިއުނިކޭޝަން ސުޕަވައިޒަރު ކަމާއި، ސީނިއަރ ކޮމިއުނިކޭޝަން އޮފިސަރު ކަމާއި، ސީނިއަރ ޓެކްނިކަލް އޮފިސަރު ކަމާއި، ސީނިއަރ އޮފިސަރ، ނެޓްވަރކް ކަމާއި، ސީނިއަރ އޮފިސަރ، މާކެޓިންގ ކަމާއި، ސީނިއަރ އޮފިސަރުކަން ކުރައްވައިފައި ވެއެވެ. 1 ސެޕްޓެންބަރު 2012 އިން ފެށިގެން އަދާކުރައްވަމުން ގެންދަވަނީ، އެގްޒެކެޓިވް، ކޯޕަރޭޓިވް ކޮމިއުނިކޭޝަންސްގެ މަގާމެވެ.

މިވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޢާމިރު ޢަލީ ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރައްވައިފައެވެ. މިގޮތުން، އެއަރ ޓްރެފިކް ކޮންޓްރޯލްގެ ދަށުން ހިނގަމުންދާ އޭވިއޭޝަން ކޮމިއުނިކޭޝަންގެ ދާއިރާއިން ޚިދުމަތް ފެށްޓެވުމަށްފަހު، އެ ރޮނގުން ފަންނީ ހުނަރު ހޯއްދަވައިފައި ވެއެވެ. އޭގެފަހުން ޚިދުމަތް ކުރައްވަމުން ގެންދެވީ، އިލެކްޓްރޯނިކްސް އަދި އައި.ޓީ.ގެ ދާއިރާގައެވެ. މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ކޯޕަރޭޓް އެފެއާޒްގެ ދަށުން ހިންގާ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ވިޜުއަލް އެންޑް ގްރެފިކްސް ސެކްޝަންގައެވެ. މިހާރު ކުރައްވާ މައިގަނޑު މަސައްކަތްތަކަކީ، ޓަރމިނަލް އަދި މުޅި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެކިއެކި ބޯޑުތައް ފަރުމާކުރެއްވުމާއި، ކުންފުނީގެ އެހެނިހެން ގްރެފިކްސްއާއި، މަލްޓި މީޑިއާގެ މަސައްކަތްތަކެވެ. މީގެއިތުރުން، ކުންފުނީގެ ފަރާތުން އިންތިޒާމު ކުރައްވާ އެކިއެކި އިވެންޓްތަކުގެ ހުރިހާ މެޓީރިއަލްތައް ފަރުމާކުރެއްވުމާއި، އެ އިވެންޓްތައް މެނޭޖް ކުރެއްވުމަކީވެސް ޢާމިރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ޢާމިރު ޢަލީ ވަނީ ކުންފުނީގެ އަހަރީ ދުވަސްތަކުގެ ހަރަކާތްތަކުގައާއި، އެކިއެކި މުނާސަބަތުތަކާ ގުޅިގެ ތައްޔާރުކުރާ ފްލޯޓު ހެދުމުގެ މަސައްކަތްތަކުގައި 2016 ވަނަ އަހަރުން ފެށިގެން ގިނަ އަހަރުތަކެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ޢާމިރު ޢަލީއަކީ، ކުންފުނީގެ ކުރިއެރުމަށްޓަކައި ތަފާތު އެކި ރޮނގު ރޮނގުން ކުންފުންޏަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ކުރައްވާ ކޮންމެ މަސައްކަތެއްވެސް ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.