އަލްފާޟިލް ޢަބްދުﷲ ފަހުމީ
ގަދަކޯޅިގެ ސ. މަރަދޫ

ޢަބްދުﷲ ފަހުމީ، ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ، އިސްކަންދަރު ސްކޫލްގެ 2 ނަންބަރު ކާތިބުކަމުގެ މަގާމުން 29 ނޮވެންބަރު 1982 ގައެވެ. ދުވަސްކޮޅެއްވަންދެން އިސްކަންދަރު ސްކޫލުގައި މަސައްކަތްކުރެއްވުމަށްފަހު ބަދަލުވެވަޑައިގަތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޓެލަރއަކަށެވެ. ކަސްޓަމްސްގެ ޚިދުމަތާ ގުޅިވަޑައިގަތީ 16 ޖޫން 1986 ގައެވެ. 2 ނަންބަރު ކާތިބެއްގެ ގޮތުގައި ކަސްޓަމްސްއާ ގުޅިވަޑައިގެންނެވިފަހުން މިއަދާ ހަމަޔަށް ހުންނެވީ ކަސްޓަމްސްގެ ޚިދުމަތުގައެވެ. އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، ކަސްޓަމްސް އޮފިސަރުކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރުކަމާއި، ޗީފް ކަސްޓަމްސް އޮފިސަރުކަމާއި، ސްޕްރިންޓެންޑެންޓް ކަމުގެ މަގާމު ހިމެނެއެވެ. މިހާރު ހުންނެވީ ސީނިއަރ ސުޕްރިންޓެންޑެންޓް ކަމުގެ މަގާމުގައެވެ.

ޢަބްދުﷲ ފަހުމީއަކީ، ގަޑިއަށް ފަރުވާ ބަހައްޓަވައިގެން ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ކޮންމެ މަސްއޫލިއްޔަތެއް ހަވާލުކުރެވުނު ކަމުގައިވިޔަސް، ފަސްޖެހުމެއްނެތި އެމަސައްކަތެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، އިމްޕޯޓް މުދާ ބަލައި ފާސްކޮށް ދޫކުރުމުގެ މަސައްކަތާއި، ޑިކްލަރޭޝަންގައިވާ އަދަދުތަކާއި، މުދާ އިމްޕޯޓްކޮށްފައިވާ މިންވަރާ ދިމާވޭތޯ ބެއްލެވުމާއި، ދައުލަތަށް ލިބެންވާ ފައިސާ ހަމަޔަށް ލިބޭތޯ ބެއްލެވުން ހިމެނެއެވެ. އަދި ރާއްޖެއަށް އެތެރެކުރުން މަނާ އެއްވެސް އެއްޗެއް، ރާއްޖެއަށް އެތެރެވޭތޯ ފަރުވާތެރިކަމާއެކު ބައްލަވައި، އެކި މައްސަލަތަކާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ކަސްޓަމްސްގެ ސެކްޝަންތަކާ ގުޅިގެން އެޅުއްވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.

ކަސްޓަމްސްއިން ދޭ ޚިދުމަތްތައް ހަލުވިކުރެއްވުމުގެ ގޮތުން ސ.ގަމުގައި ހުންނަ ކަސްޓަމްސްގެ އޮފީހުގައި ޚިދުމަތްދޭނެ މުވައްޒަފުން ތަމްރީނު ކުރެއްވުމާއި، މަސައްކަތަށް ބޭނުންވާ ތަކެތި ހޯއްދެވުމަށް ކުރައްވަންޖެހޭ މަސައްކަތް، ޢަބްދުﷲ ފަހުމީ ވަނީ ކުރައްވައިފައެވެ. އަދި، މަސައްކަތް އިތުރުވަމުންދާ ނިސްބަތް މަތިވަމުންދާތީ، މުދާ ބަހައްޓާނެ ގުދަންތައް ހޯދުމުގެ ގޮތުން އޭރު ހުރި ގަން ބަލަހައްޓާ ޔުނިޓާ މަޝްވަރާކުރެއްވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސ.ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ހިނގަމުންދިޔައިރު، މަސައްކަތަށް ބޭނުންވާނެ ޖާގައާއި، އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމާބެހޭ މަޝްވަރާތަކުގައްޔާއި، ސ.ހިތަދޫގައި ކަސްޓަމްސްގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ޖާގަ ހޯދުމަށް ހިތަދޫ ޕޯޓް ލިމިޓެޑާ ކުރެވުނު މަޝްވަރާތަކުގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. ޖުމުލަގޮތެއްގައި އައްޑުއަތޮޅުގައި ކަސްޓަމްސްގެ ޚިދުމަތް ދިނުމަށް ކުރެވުނު ހުރިހާ މަސައްކަތެއްގައި ޢަބްދުﷲ ފަހުމީ ބައިވެރިވެވަޑައިގެން ޒިންމާދާރުކަމާއެކު މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ގއ.ވިލިނގިލީގައި ހުންނަ ކަސްޓަމްސްގެ އޮފީހުގައިވެސް ޢަބްދުﷲ ފަހުމީ ވަނީ ޚިދުމަތް ކުރައްވައިފައެވެ.

ކަސްޓަމްސްގައި ޚިދުމަތްކުރައްވާ މުވައްޒަފުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން އެތަނުން ދެއްވާ ކުލަތަކުގެ ތެރެއިން އަޚުލާޤީ ކުލައާއި، ދިގުމުއްދަތުގެ ކުލައާއި، ކާމިޔާބުގެ ރަންކުލައާއި، އިޚްލާޞްތެރިކަމުގެ ކުލައާއި، ޚިދުމަތުގެ ކުލައާއި، ޤާބިލުކަމުގެ ކުލަ ޢަބްދުﷲ ފަހުމީއަށް ލިބިވަޑައިގެންފައިވެއެވެ. މީގެއިތުރުން، ކަސްޓަމްސްއަށް 20 އަހަރު ޚިދުމަތްކުރައްވާ މުވައްޒަފުންނަށް ދެއްވާ ރަން ބެޖުވެސް ލިބިވަޑައިގެންފައި ވެއެވެ.