އަލްފާޟިލް އަޙްމަދު ނަސީމް
ހ. ސްވޯރޑް

އަޙްމަދު ނަސީމް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 24 މާރިޗު 1982 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ވެލްޑިންގ އެންޑް ޝީޓް މެޓަލް (ޓްރޭނީ) އެއްގެ ވަޒީފާއެވެ. 13 މާރިޗު 1984 ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގައެވެ. ފުރަތަމަ އަދާކުރެއްވީ، އެސިސްޓެންޓް މެކޭނިކެއްގެ މަގާމެވެ. އޭގެފަހުން، އިލެކްޓްރިޝަން ކަމާއި، އެސިސްޓެންޓް އިލެކްޓްރިކަލް އިންޖިނިއަރ ކަމާއި، ސީނިއަރ އިލެކްޓްރިކަލް އިންޖިނިއަރ ކަމާއި، އިލެކްޓްރިކަލް އިންޖިނިއަރކަން ކުރައްވައިފައި ވެއެވެ. އަދި މެނޭޖަރ ކަމުގެ މަގާމާއި، އެސިސްޓެންޓް ޖެނެރަލް މެނޭޖަރ ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ. އަޙްމަދު ނަސީމް މިހާރު ހުންނެވީ، ޖެނެރަލް މެނޭޖަރ، އިންޖިނިއަރިންގ އެންޑް ޔުޓިލިޓީސްގެ މަގާމުގައެވެ.

އަޙްމަދު ނަސީމަކީ، ޕަވަރ ޖެނެރޭޝަން އަދި ވޯޓަރ ސަޕްލައި ސެކްޝަންގެ އިސްވެރިއެއްގެ ގޮތުން، ހީވާގިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަޙްމަދު ނަސީމްގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރަމުން ގެންދާ މުވައްޒަފުންގެ ކުރިއެރުމަށާއި، އާ ޓެކްނޯލޮޖީއަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.

ކުންފުނީގެ ކުރިއެރުމަށް، އަޙްމަދު ނަސީމް ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ހުޅުލޭ ޕަވަރ ސިސްޓަމް އަދި ވޯޓަރ ޕްރޮޑަކްޝަންގެ މަސައްކަތްތައް ތަރައްޤީ ކުރެއްވުމާއި، އައި.އެސް.އޯ. ގެ މިންގަނޑަށް، އޭވިއޭޝަން އިންޑަސްޓްރީގެ މިންގަނޑުތަކާ އެއްގޮތަށް އަދި ސަރުކާރުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރެއްވުން ހިމެނެއެވެ.

އަޙްމަދު ނަސީމް، 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވައިފައިވާއިރު، ނަސީމް ފާހަގަކުރެވިފައިވަނީ ހަވާލުކުރެވޭ މަސައްކަތްތައް ވަރަށް ޒިންމާދާރުކަމާއެކު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ކުންފުނީގެ އެހެން މުވައްޒަފުންނަށް ނަމޫނާ ދައްކަވައި، އިޚްލާޞްތެރި ޚިދުމަތްތެރިއެއްގެ ގޮތުގައެވެ.