އަލްފާޟިލް އިބްރާހީމް ޙަރީފް
ގ. ފަސާނާ

އަލްފާޟިލް އިބްރާހީމް ޙަރީފް، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 38 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ވޭތުވެދިޔަ ދިގު މުއްދަތުގައި ޚިދުމަތް ކުރައްވައިފައިވަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައެވެ. ފުރަތަމަ އަދާކުރެއްވީ، ޕަބްލިކް ރިލޭޝަންސް އޮފިސަރު ކަމުގެ މަގާމެވެ. އޭގެފަހުން، އޮޕަރޭޝަންސް އޮފިސަރު ކަމާއި، ސީނިއަރ އޮޕަރޭޝަންސް އޮފިސަރު ކަމާއި، ޗީފް އޮޕަރޭޝަންސް އޮފިސަރުކަން ކުރެއްވިއެވެ. އަދި އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމާއި، ހެޑް އޮފް ޓަރމިނަލް ސަރވިސަސްގެ މަގާމާއި، މެނޭޖަރ، ޕެސެންޖަރ ޓަރމިނަލް ސަރވިސަސް ކަމުގެ މަގާމާއި، ޖެނެރަލް މެނޭޖަރ ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ. މިހާރު ހުންނެވި، ސީނިއަރ ޖެނެރަލް މެނޭޖަރ ކަމުގެ މަގާމު ފުރުއްވަމުން ގެންދަވަނީ، 1 ޖުލައި 2021 ން ފެށިގެންނެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، އިބްރާހީމް ޙަރީފް ވަނީ ރާއްޖޭގައްޔާއި، ރާއްޖެއިން ބޭރުގައި ތަފާތު ތަމްރީނު ކޯސްތައް ފުރިހަމަކުރައްވައިފައެވެ. އަދި ހިންގުމާބެހޭ އެކިއެކި ވަރކްޝޮޕްތަކުގައިވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިބްރާހީމް ޙަރީފަކީ، ވަރަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުންފުންޏަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެއަރޕޯޓް އޮޕަރޭޝަންސާބެހޭ ގިނަ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އެއަރޕޯޓުގެ ކުރިއެރުމާއި ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެއްވުމުގައި އިސްކަންދެއްވާ، އަދި މުވައްޒަފުންނާ ވަރަށްގާތުން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެއްވެސް ފޫހިފުޅުވުމެއްނެތި ގިނަ ވަގުތު މަސައްކަތުގައި އުޅުއްވަމުން ގެންދަވާ، ހީވާގި މުރާލި ބޭފުޅެއްވެސް މެއެވެ.

އިބްރާހީމް ޙަރީފަކީ، އެއަރޕޯޓް ރިކްރިއޭޝަން ކްލަބުގެ ޗެއަރމަން ކަމާއި، ޖެނެރަލް ސެކްރެޓަރީކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އެއީ 2002، 2004، 2005 އަދި 2006 ވަނަ އަހަރުއެވެ. މީގެއިތުރުން، އެއަރޕޯޓުން ހިންގާ ތަފާތު އެކި ހަރަކާތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.