އަލްފާޟިލް ޖަޢުފަރު ޙަސަން
ކުޅުދޫ. މޯނިންގލައިޓް ނ.ކެނދިކުޅުދޫ

ޖަޢުފަރު ޙަސަނަކީ 38 އަހަރަށްވުރެ ގިނަދުވަހު ސަރުކާރަށް ޚިދުމަތްކުރެއްވުމަށްފަހުގައި އުމުރުފުޅުން 55 އަހަރުވެގެން ރިޓަޔަރ ކުރައްވައިފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 1979 ވަނަ އަހަރު އޮކްޓޫބަރުމަހު 1 ވަނަ ދުވަހު ނ.ތޮޅެންދޫ ކޯޓުގެ ކާތިބުކަމުގެ މަގާމުންނެވެ. އެއަށްފަހު، މުދައްރިސުން ތަމްރީނު ކުރުމުގެ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރުކަމުގެ މަގާމުގައި ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ 2 ޖަނަވަރީ 1985 ގައެވެ.

ތަޢުލީމީ ދާއިރާގައި ޖަޢުފަރު ޙަސަން ފުރަތަމަ ޚިދުމަތްކުރައްވަން ފެށްޓެވީ، ސ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އަހަރެއްހައި ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ރ.އަތޮޅު މަދަރުސާއަށް ބަދަލުވެވަޑައިގަތެވެ. އެ މަދަރުސާގައިވެސް އަހަރެއްހައިދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، ނ.ތޮޅެންދޫ މަކްތަބަށް ބަދަލުވެވަޑައިގެން އެ މަކްތަބުގައި 13 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، ކެނދިކުޅުދޫ ސްކޫލަށް ބަދަލުވެވަޑައިގެންނެވިފަހުން، ސަރުކާރުން ވަކިވެވަޑައިގެންނެވުމާ ހަމައަށް ހުންނެވީ، ކެނދިކުޅުދޫ ސްކޫލުގައެވެ. ކެނދިކުޅުދޫ ސްކޫލުގައި ޚިދުމަތް ކުރައްވައިފައިވާ މުއްދަތުގެ ތެރޭގައި، ޕްރައިމަރީ ޓީޗަރުކަމާއި، ސުޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަމާއި، ޑެޕިއުޓީ ޕްރިންސިޕަލް ކަމާއި، ސްކޫލް އެޑްމިނިސްޓްރޭޓަރުކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ޖަޢުފަރު ޙަސަން، ސ.އަތޮޅު ތަޢުލީމީ މަރުކަޒުގައާއި، ރ.އަތޮޅު މަދަރުސާގައާއި، ތޮޅެންދޫ މަކްތަބުގައާއި، ކެނދިކުޅުދޫ ސްކޫލުގައި ޚިދުމަތްކުރެއްވިއިރު، ދަރިވަރުންނަށް ކިޔަވައިދެއްވުމުގައި ވަރަށް ބުރަކޮށް ވަރަށް އަވަދިނެތި ވަގުތުތައް ހޭދަކުރައްވައިފައި ވެއެވެ. އަދި އެ ސްކޫލްތަކުގައި ކިޔަވައިދިނުމުގެ އިތުރުން ހިންގާ އެހެން ހުރިހާ ހަރަކާތްތަކެއްގައިވެސް ޖަޢުފަރު ބައިވެރިވެވަޑައިގެންފައި ވެއެވެ. ކެނދިކުޅުދޫ ސްކޫލުގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްވަރުގައްޔާއި، އެސިސްޓެންޓް ހެޑްމާސްޓަރެއްގެ މަގާމުގައި ހުންނަވައިގެން ސްކޫލް ހިންގެވި ދުވަސްވަރުގެ ތެރޭގައި، އެ ސްކޫލުގެ ކިޔަވައިދިނުމުގެ ކަންކަން ހިނގަމުންދާގޮތް ދުވަހުން ދުވަހަށް ބައްލަވައި، ކިޔަވައިދިނުމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެގެން ޓީޗަރުންނަށް އިރުޝާދު ދެއްވައިގެން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރެއްވުމަށް އެކުވެރި މާހައުލެއްގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވެއެވެ. ހަމައެއާއެކު، އެ ސްކޫލުގެ އިދާރީ މަސައްކަތްތަކާއި ފައިސާއާބެހޭ މަސައްކަތްތައްވެސް ގާތުން ބައްލަވައި ހަރުދަނާކުރެއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ޖަޢުފަރު ކުރައްވައިފައި ވެއެވެ. އަދި ކޮންމެ އަހަރަކު ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، ސްކޫލުގެ އާބާތުރަ ފިލުވައި، ދަރިވަރުންނަށާއި މުދައްރިސުންނަށް ރައްކާތެރި މާހައުލަކަށް ސްކޫލް ހެދުމަށް ކުރައްވައިފައިވާ މަސައްކަތްތައްވެސް ފާހަގަކޮށްލެވެއެވެ.

ޖަޢުފަރު ޙަސަން ފާހަގަކުރެވިފައިވަނީ، ތަފާތު މިޒާޖުގެ މީހުން ގޮވައިގެން މަސައްކަތްކުރައްވައިގެން ނަތީޖާ ހާސިލުކުރައްވައިފައިވާ ޚިދުމަތްތެރި ބޭފުޅެއްގެ ގޮތުގައެވެ. ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވުމަށްފަހު ކެނދިކުޅުދޫ ސްކޫލުގެ ޚިދުމަތުން ޖަޢުފަރު ޙަސަން ވަކިވެވަޑައިގެންނެވީ، ސްކޫލްގައި ކިޔަވައިދޭނެ ޓީޗަރުންނާއި ހިންގުންތެރިން ބިނާކުރެއްވުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި ނަތީޖާ ހާސިލުކުރެއްވުމަށްފަހުގައެވެ.