އަލްފާޟިލް ޢަބްދުﷲ ޖިހާދު
ހުޅުމާލެ. ފްލެޓް 06-01-174

ޢަބްދުﷲ ޖިހާދު، ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ 2 ސެޕްޓެންބަރު 1984 ގައި މާލޭ މުނިސިޕަލްޓީގެ އިންސްޕެކްޓަރުކަމުގެ ވަޒީފާއިންނެވެ. ޢަބްދުﷲ ޖިހާދަކީ، މަސައްކަތް ހިނގަމުންދާ ތަންތަނަށް ވަޑައިގެން ކުރަމުންގެންދާ މަސައްކަތް ހިނގަމުންދާ ގޮތް ބެއްލެވުމުގައި ގިނަ ވަގުތު ހޭދަކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. 38 އަހަރަށްވުރެން ގިނަ ދުވަހު ޚިދުމަތުގައި ހޭދަކުރައްވައިފައިވާއިރު ދިގު މުއްދަތެއްގައި ކުރައްވައިފައިވަނީ، މި މަސައްކަތެވެ.

ޢަބްދުﷲ ޖިހާދު، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސުޕަވައިޒަރުކަމާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފީލްޑް އޮފިސަރުކަމާއި، ގއ.ވިލިނގިލީ ކުޑަކަތީބުކަން ކުރައްވައިފައި ވެއެވެ. ދެވަނަ ފަހަރަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފީލްޑް އޮފިސަރުކަމުގެ މަގާމު 30 ސެޕްޓެންބަރު 1992 ގައި އަދާކުރައްވަން ފެށްޓެވިއެވެ. އޭގެ ފަހުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސްގެ އެސިސްޓެންޓް ސައިޓް މެނޭޖަރުކަމާއި، ސައިޓް މެނޭޖަރުކަމުގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ. އަދި އެ މިނިސްޓްރީގެ ނަމަށް އެކި ދުވަސްވަރު ބަދަލު އައި ނަމަވެސް ޕަބްލިކް ވަރކްސްގެ ދާއިރާގައި ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މިވަގުތު ހުންނެވީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ސައިޓް މެނޭޖަރުކަމުގެ މަގާމުގައެވެ.

ޢަބްދުﷲ ޖިހާދަކީ، ވަޒީފާ އަދާކުރައްވާ އިދާރާތަކުގެ ބެލުމުގެ ދަށުން ހިންގާ މުހިންމު މަޝްރޫޢުތައް ހިނގަމުންދާއިރު، އެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރަމުންދާ ތަންތަނަށް ވަޑައިގެން މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވައި، ބައެއް ފަހަރު މުވައްޒަފުން ލައްވައި މަސައްކަތްކުރުވުމުގެ ޢަމަލީ ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ޢިމާރާތްތަކުގެ ސާފުތާހިރުކަން ބެލެހެއްޓެވުމާއި، ބިލްޑިންގތައް މޮނިޓަރކޮށް ބެލެހެއްޓެވުމާއި، އާބާތުރަފިލުވުމުގެ ކަންކަން ހިނގަމުންދާގޮތް ގާތުން ބައްލަވަމުން ގެންދަވައެވެ.

ޢަބްދުﷲ ޖިހާދު ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، ރަށްރަށުގެ ބަނދަރު ހެދުމާއި، ފަޅު ކޮނުމާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، މަގުހެދުމާއި ތޮށިލުން ފަދަ މަސައްކަތްތައް ހިންގާ ރަށްރަށަށް ވަޑައިގެން މަސައްކަތް ހިނގާނުހިނގާގޮތް ބެއްލެވުމާއި، ސުނާމީގައި ހާލުގައިޖެހުނު ފަރާތްތަކަށް ވަގުތީ ހިޔާ އެޅުމާއި، އެ ގެތަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތުގައިވެސް ޢަމަލީ ދައުރެއް އަދާކުރައްވައިފައިވުން ހިމެނެއެވެ. ފުވައްމުލަކު ބަނދަރު ހެދުމާއި، އެރަށުގެ 8 އަވަށުގެ މަގުތައް ހެދުމާއި، ރަށުއޮފީހާ ގުޅިގެން ރަށުގެ އިޖުތިމާޢި މަސައްކަތްތައް ކުރެއްވުމުގައި ޖިހާދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފުވައްމުލަކު ރަސްގެފަންނު ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޢަބްދުﷲ ޖިހާދަކީ، މެރިން ރިސަރޗް ސެކްޝަނުން ހިންގެވި 2000 ކަޅުބިލަ މަހުގައި ފާހަގަ ޖެހުމުގެ މަސައްކަތުގައިވެސް ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.

ޢަބްދުﷲ ޖިހާދު، މާލޭ މުނިސިޕަލްޓީގައި ވަޒީފާ އަދާކުރެއްވިއިރު، މާލޭގެ ވެލިމަގުތައް މަރާމާތު ކުރެއްވުމުގެ މަސައްކަތާއި، މާލޭގެ މަގުމައްޗާއި ބާޒާރުމަތީގެ ސާފުތާހިރުކަންވެސް ބަލަހައްޓަވައިފައި ވެއެވެ. ހޯމް މިނިސްޓްރީގައި މަސައްކަތްކުރެއްވި އިރުވެސް، މާލޭގައި ފިހާރަތަކަށާއި، ސައިހޮޓާ، ރެސްޓޯރެންޓްތަކަށް ދީފައިވާ ހުއްދަތައް ޗެކުކުރެއްވުންފަދަ ކަންކަންވެސް ކުރައްވައިފައި ވެއެވެ. ޢަބްދުﷲ ޖިހާދަކީ، ކުރައްވާ މަސައްކަތްތައް ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.