އަލްފާޟިލާ ޖަލީލާ ޢަބްދުއްޞަމަދު
ވ. ލަކީސެވަން

ޖަލީލާ ޢަބްދުއްޞަމަދަކީ، ޝައުޤުވެރިކަމާއި ވަފާތެރިކަމާއެކު ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި 38 އަހަރު ހޭދަކުރައްވައިފައިވާ ބޭފުޅެކެވެ. ޚިދުމަތުގައި ހޭދަކުރައްވައިފައިވާ ދިގު މުއްދަތުގެ ތެރޭގައި ކޮންމެ ވަޒީފާއެއްވެސް އަދާކުރައްވައިފައިވަނީ، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކުގައެވެ.

ޖަލީލާ ޢަބްދުއްޞަމަދު، މިހާރު ހުންނެވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައެވެ. ކަސްޓަމްސްގެ ޚިދުމަތާ ގުޅިވަޑައިގަތުމުގެ ކުރިން ސަރުކާރުގެ އެހެން އިދާރާތަކުގައިވެސް ޖަލީލާ މަސައްކަތް ކުރައްވައިފައި ވެއެވެ.

ޖަލީލާ ޢަބްދުއްޞަމަދު، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، އިލެކްޝަންސް ޑިވިޜަނުގެ 2 ނަންބަރު ކާތިބާކަމުގެ ވަޒީފާއިންނެވެ. އޭގެ ފަހުން، ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ 2 ނަންބަރު ކާތިބާކަމުގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ. އަދި މާލޭ މުނިސިޕަލްޓީގެ 2 ނަންބަރު ކާތިބާކަމާއި، ސީނިއަރ ކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމުގެ މަގާމު އަދާކުރެއްވުމަށްފަހުގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމަށް 17 މާރިޗު 1994 ގައި ބަދަލުވެވަޑައިގަތެވެ.

ޖަލީލާ ޢަބްދުއްޞަމަދަކީ، ހާޒިރީއަށް ފަރުވާތެރި އަދި މަސައްކަތްތައް ގަޑިއަށް ނިންމެވުމުގައި ނަމޫނާ ދައްކަވާ ބޭފުޅެކެވެ. އަދި އެކިއެކި މުނާސަބަތުތައް ފާހަގަކުރުމަށް ކަސްޓަމްސްގެ ފަރާތުން ކުރާ މުހިންމު މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން މަސައްކަތްތައް ކުރައްވާ ބޭފުޅެއްވެސް މެއެވެ.

މުވައްޒަފުން ކުރާ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ތެރެއިން ޖަލީލާ ޢަބްދުއްޞަމަދު ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޖުމުލަގޮތެއްގައި 95 އިންސައްތައަށްވުރެން މަތިން މާކްސް ހޯއްދަވައިފައިވާކަން ފާހަގަކުރެވެއެވެ.

ކަސްޓަމްސްގައި މުވައްޒަފުން އަދާކުރައްވަމުން ގެންދަވާ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން އެ މުއައްސަސާއިން ދެއްވާ އެކި ކުލަ، ޖަލީލާ ޢަބްދުއްޞަމަދަށް ލިބިވަޑައިގެންފައިވެއެވެ. މިގޮތުން ހާސިލު ކުރައްވައިފައިވާ ކުލަތަކުގެ ތެރޭގައި، ދިގުމުއްދަތުގެ ކުލައާއި، ކާމިޔާބުގެ ރަން ކުލައާއި، ޚިދުމަތުގެ ކުލައާއި، އިޚްލާޞްތެރިކަމުގެ ކުލައާއި، އަޚުލާގީ ކުލައާއި، ޤާބިލުކަމުގެ ކުލަ ހިމެނެއެވެ.