އަލްފާޟިލް އިބްރާހީމް ރައޫފް
އިޔުރިޝް ކ. ތުލުސްދޫ

ކ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކާތިބުކަމުގެ މަގާމުން އިބްރާހީމް ރައޫފް ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 1982 ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ. ތަޢުލީމީ މަރުކަޒުގައި އަހަރަކަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، ކ.އަތޮޅު އޮފީހުގެ ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރަކަށް ބަދަލުވެވަޑައިގަތީ 1984 އޮގަސްޓު މަހުގެ 13 ވަނަ ދުވަހުއެވެ. އިބްރާހީމް ރައޫފު، މާލެއަތޮޅު އޮފީހުގައި، ސީނިއަރ ރޭޑިއޯ ޓެލްފޯން އޮޕަރޭޓަރުކަމާއި، ސެކްރެޓެރީކަމާއި، އަތޮޅުވެރިޔާގެ އެހީތެރިޔާކަމުގެ މަގާމު އަދާކުރެއްވިއެވެ. އިބްރާހީމް ރައޫފް އެންމެ ފަހުން އަދާކުރެއްވީ، މާލެއަތޮޅު އަތޮޅު ކައުންސިލްގެ ރައީސްކަމުގެ މަގާމެވެ.

އަތޮޅު އޮފީހުގައި ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރުގެ މަގާމުގައި ހުންނެވިއިރު އަތޮޅުގެ ރަށްރަށަށް ކޮންމެ ދުވަހަކުވެސް ގުޅުއްވައިގެން އެ ރަށްރަށުން އަތޮޅު އޮފީހަށް ހުށަހަޅަންޖެހޭ ކަންކަމުގެ މަޢުލޫމާތު އޮޅުންފިލުއްވައިގެން އެ މަޢުލޫމާތު ހިއްސާކުރަންޖެހޭ ބޭފުޅުންނާ ހިއްސާ ކުރައްވަމުން ގެންދެވީ، ވަރަށް ފަރުވާތެރިކަމާއި ޒިންމާދާރުކަމާ އެކުގައެވެ. އޭގެ ފަހުން، ސެކްރެޓެރީގެ މަގާމުގައްޔާއި، އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމުގައި ހުންނެވިއިރު، އޮފީހުގައި އިދާރީގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ބައްލަވައި އިރުޝާދު ދެއްވައިގެން ނިންމަވަމުން ގެންދެވިއެވެ.

1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ކުލީސިފައިންގެ ބަޔަކު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލައިގެ ޚަބަރު ރާއްޖޭގެ އަތޮޅުތަކަށް ފޮނުއްވައިދެއްވައި އެކަމާބެހޭ ތެދު މަޢުލޫމާތު ފޯރުކޮށްދެއްވުމުގައި ރައޫފު އިސް ދައުރެއް އަދާކުރެއްވިއެވެ. އެއީ، އޭރު ފޯނުގެ ޚިދުމަތް ލިބެންހުރީ، ހަމައެކަނި މާލެއަތޮޅު އޮފީހުންކަމަށްވާތީއެވެ. އަދި ތުލުސްދޫގެ ރައްޔިތުންނަށް ދިމާވި ބިރުވެރިކަމުގެ ތެރޭގައި ރައްޔިތުންގެ ކަންބޮޑުވުންތައް ބައްލަވައި، ކަންކަން ޙައްލު ކޮށްދެއްވުމުގައި އިބްރާހީމް ރައޫފް ވަރަށް އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި 2004 ވަނަ އަހަރު ދިމާވި ސުނާމީ ކާރިސައިގައިވެސް ތުލުސްދޫގެ ރައްޔިތުންނަށާއި އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގައި، އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ ހައިސިއްޔަތުން ފޯރުކޮށްދެއްވަން ޖެހިވަޑައިގެންނެވި ހުރިހާ ޚިދުމަތެއް ފޯރުކޮށްދެއްވުމުގައިވެސް އިސް ދައުރެއް ރައޫފު އަދާކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ތަޢާރުފު ވެގެން އައުމާއެކު، ރަށްރަށާއި އަތޮޅު ތަކުގައި ކައުންސިލްތައް އިންތިޚާބު ކުރެވިގެން، ރަށްރަށާއި އަތޮޅުތައް ހިންގެވީ ކައުންސިލްތަކުންނެވެ. 2010 ވަނަ އަހަރު ބޭއްވި ފުރަތަމަ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި މާލެއަތޮޅު ކައުންސިލަށް ކުރިމަތިލައްވައި ވާދަކުރައްވައިގެން ގޮނޑިއެއް ކާމިޔާބު ކުރެއްވުމަށްފަހުގައްޔާއި، އޭގެފަހުން ބޭއްވި ދެ އިންތިޚާބުގައިވެސް ވާދަކުރައްވައިގެން ކައުންސިލްގެ ގޮނޑިއެއް ކާމިޔާބު ކުރައްވައި، ވަރަށް ޒިންމާދާރުކަމާއެކު އެ މަގާމު އަދާކުރެއްވިއެވެ. ދެ ދައުރުގައިވެސް ނާއިބު ރައީސްގެ މަގާމު ފުރުއްވިއެވެ. ތިންވަނަ ދައުރުގައި ރައީސްކަމުގެ މަގާމުވެސް އިބްރާހީމް ރައޫފު ފުރުއްވިއެވެ. ނާއިބު ރައީސްކަމާއި ރައީސްކަމުގެ މަގާމުގައި ހުންނެވިއިރު، އަތޮޅު ފެންވަރުގައްޔާއި ރަށުފެންވަރުގައި އެކިއެކި މުބާރާތްތައް ބޭއްވުމުގައާއި، ރަށު ކައުންސިލްތައް ހިނގާނުހިނގާގޮތް މޮނިޓަރ ކުރެއްވުމާއި، އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރެއްވުމުގައި މުހިއްމު މަސައްކަތްތަކެއް ކުރެއްވިއެވެ. މީގެއިތުރުން، އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ ފެންވަރު މަތިކުރެއްވުމަށް އެކިއެކި ތަމްރީނު ކޯސްތައް ހިންގެވުމާއި، އަތޮޅުގެ 9 ރަށުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވައިލެއްވުމާއި، ރަށްރަށުގައި އަލަށް އިންތިޚާބުވާ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން، ޤާނޫނުތަކަށް އަހުލުވެރިކުރުވުންފަދަ ގިނަ މަސައްކަތްތަކެއް ވަރަށް ޒިންމާދާރުކަމާއި އިޚްލާޞްތެރިކަމާއެކު އިބްރާހީމް ރައޫފް އިސްނަންގަވައިގެން ކުރެއްވިއެވެ.

އިބްރާހީމް ރައޫފް ވަނީ، 38 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.