އަލްފާޟިލް ޝިއުތު ޙުސައިން
ދަފްތަރު. ނަންބަރު 2066

އަލްފާޟިލް ޝިއުތު ޙުސައިނަކީ، 9 ފެބުރުވަރީ 1983 ން ފެށިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ފުރަތަމަ އަދާކުރެއްވީ، އެސިސްޓެންޓް އިލެކްޓްރިޝަން ކަމުގެ މަގާމެވެ. އޭގެފަހުން އިލެކްޓްރިޝަންގެ މަގާމާއި، ސީނިއަރ ޓެކްނީޝަންގެ މަގާމު ފުރުއްވައިފައި ވެއެވެ. 1 އޮކްޓޫބަރު 2019 އިން ފެށިގެން ފުރުއްވަމުން ގެންދަވަނީ، އެސިސްޓެންޓް އިންޖިނިއަރ ކަމުގެ މަގާމެވެ.

އުމުރުން އެންމެ 17 އަހަރުގައި އެންމެބޮޑު އަމާޒެއް ކަމުގައި ކަނޑައެޅުއްވީ، ވެރިން ހަވާލުކުރައްވާ މަސައްކަތްތަކަށް "ނޫނެކޭ ނުވަތަ ނޭނގެއޭ" ބުނުންފަދަ ބަހެއް ވިދާޅުނުވެ، ވެރިން ހަވާލުކުރައްވާ ކޮންމެ މަސައްކަތެއްވެސް ވެވުނު އެންމެ ފުރިހަމައަކަށް ކުރެއްވުމެވެ.

އެއަރޕޯޓުގައި ޝިއުތު ޙުސައިން ޚިދުމަތް ކުރެއްވި 38 އަހަރު ދުވަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގެ އެދިވަޑައިގަތުމުގެ މަތިން، 7 އަހަރު ދުވަހުގެ މުއްދަތަށް، އެ މިނިސްޓްރީއަށް ވީއްލަވައިގެން ޚިދުމަތް ކުރައްވައިފައި ވެއެވެ. އެއީ 1999 ން ފެށިގެން 2007 ވަނަ އަހަރާ ހަމަޔަށް، އެ މިނިސްޓްރީގެ ފަރާތުން މަސްވެރިންނާއި، ދަތުރުވެރިންގެ ލުއިފަސޭހައަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖައްސަވައިފައިވާ ދުރަށް އަލި ފޮނުވައިދޭ ބައްތިތައް އަލަށް ހަރުކުރުމާއި، މަރާމާތު ކުރުމާއި، މީހުން ދިރިއުޅޭ ރަށްރަށުގެ ނެރު ބައްތިތައް އަލަށް ހަރުކުރުމާއި، މަރާމާތު ކުރުމުގެ މަސައްކަތަށެވެ. މި މަސައްކަތް ޝިއުތު ޙުސައިން ކޮށްދެއްވައިފައިވަނީ، ވަރަށް އިޚްލާޞްތެރިކަމާއި މުރާލިކަމާ އެކުގައެވެ. ޖެހޭ ވަޔަކަށް، ދޭ އަތްވަކަށް، ވެހޭ ވާރެއަކަށް ބެއްލެވުމެއްނެތި، މި ކުރެއްވި މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވައި، ޝިއުތު ޙުސައިނަށް 2006 ވަނަ އަހަރު ސަރުކާރުން ވަނީ ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވައިފައެވެ. ޝިއުތު ޙުސައިން ކުރެއްވި މި މަސައްކަތުގެ ތެރޭގައި، 12 މޭލު ދުރަށް އަލި ފޮނުވައިދޭ 85 ބައްތި ހަރުކުރާ ކޮންކްރީޓް ބުޑުއަޅައި، ޓަވަރުތައް ރާވައި، ބައްތިތައް ހަރުކޮށް، ބައްތީގެ ޕޮޒިޝަން ނަންގަވައިދެއްވުމާއި، ދެ މޭލު ދުރަށް އަލި ފޮނުވައިދޭ 288 ބައްތި ހަރުކުރާ ބުޑުއަޅައި، ޓަވަރުތައް ހަރުކޮށް، ބައްތި ޖައްސަވައި ދެއްވުން ހިމެނެއެވެ.

ޝިއުތު ޙުސައިނަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބާއްވަވާ އެކި އިވެންޓްތަކުގައި ކޭބަލް އެޅުމާއި، ކަރަންޓު ދިނުމުގެ އެންމެހައި މަސައްކަތްތަކާއި، ފުޅަނދު ބުރު ބާއްވާނަމަ، އެކަމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅެއްވެސް މެއެވެ. މީގެއިތުރުން، ރަންވޭގެ އިރުމަތީފަޅިއަށް އެއަރޕޯޓުގެ ގިނަ ސެކްޝަންތައް ބަދަލުކުރުމާ ގުޅިގެން ކުރަންޖެހުނު ކަރަންޓުގެ ގިނަ މަސައްކަތްތައް، ކުރު މުއްދަތެއްގެ ތެރޭގައި ޝިއުތު ކުރައްވައި ނިންމަވައިފައި ވެއެވެ.