އަލްފާޟިލް ޙުސައިން އިބްރާހީމް
ނިރޮޅުގެ ޅ. ހިންނަވަރު

ޙުސައިން އިބްރާހީމަކީ، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީއްސުރެން ފެށިގެން މިއަދާ ހަމަޔަށްވެސް، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ކަމަށްކަމޭހިއްތަވައިގެން، ހީވާގިކަމާއެކު މަސައްކަތްކުރައްވަމުން ގެންދަވާ މުވައްޒަފެކެވެ. ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވަނީ، އަތޮޅުތަކުގެ ތަރައްޤީއާއި ކުރިއެރުވުމާބެހޭ މަސައްކަތްތަކުގައި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގައްޔާއި، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ އޮފީސްތަކުގައެވެ. އެދުވަސްވަރު އަތޮޅުތަކަށް ވަޑައިގެން ރަށްރަށުގައި ސަރުކާރުން ކުރައްވަމުން ގެންދެވި މަސައްކަތްތައް ހިނގާނުހިނގާގޮތް ބައްލަވަމުން ގެންދެވިއެވެ.

ޙުސައިން އިބްރާހީމް، ދައުލަތުގެ ޚިދުމަތަށް ނުކުމެވަޑައިގެންނެވީ 14 އެޕްރީލް 1980 ގައި ނޯދަންރީޖަނަލް އޮފީހުގެ 2 ނަންބަރު ކާތިބެއްގެ މަގާމުންނެވެ. އޭގެ ފަހުން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ސެކްރެޓެރީކަމުގެ މަގާމާއި، ނޯދަންރީޖަނަލް އޮފީހުގެ ސެކްރެޓެރީކަމާއި، ސީނިއަރ ސެކްރެޓެރީކަމުގެ މަގާމު އަދާކުރެއްވިއެވެ. އަދި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އޮފީސް އެސިސްޓެންޓް ކަމާއި، ވަކީލުކަމާއި، ޑެޕިއުޓީ ޑިރެކްޓަރުކަމާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސަރވިސްގެ ޑެޕިއުޓީ ޑިރެކްޓަރުކަން ކުރައްވައިފައިވެއެވެ.

ޙުސައިން އިބްރާހީމަކީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރައްވާ މަސައްކަތުގައި ނަތީޖާ ހާސިލުކުރެއްވުމަށް އަމާޒުކުރައްވައިގެން މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ރާއްޖެތެރެ ތަރައްޤީކުރެއްވުމަށް ހިންގަވައިފައިވާ އެކި މަޝްރޫޢުތަކާ ގުޅިގެން ކުރަންޖެހުނު ވަރަށް ގިނަ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މި ދާއިރާގައި ޙުސައިން އިބްރާހީމް ކުރައްވައިފައިވާ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި، އޮފީހުގެ އިދާރީ މަސައްކަތްތައް ބަލަހައްޓަވައި، ދުވަހުން ދުވަހަށް ކުރައްވަންޖެހުނު މަސައްކަތްތައް ބަރާބަރަށް ކުރައްވައިފައި ވެއެވެ. އަދި ފައިސާއާބެހޭބަޔާ ހަވާލުވެވަޑައިގެން އެ މަސައްކަތްވެސް ވަރަށް ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ކުރައްވައިފައި ވެއެވެ. އަތޮޅު އޮފީސްތަކާއި ރަށްރަށުގެ ރަށުއޮފީސްތަކުގެ މުވައްޒަފުންގެ ވަޒީފާއާބެހޭ މަސައްކަތްތައްވެސް ޒިންމާދާރު ގޮތެއްގައި ކުރައްވައިފައިވެއެވެ.

ޙުސައިން އިބްރާހީމް ވަނީ، އެކި ދުވަސްވަރު ސަރުކާރުން ކުރެއްވި މުހިންމު ބޮޑެތި ކަންކަމުގައި ބައިވެރިވެވަޑައިގެން ގިނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ. މިގޮތުން އިންތިޚާބުތަކުގައްޔާއި، ބޯހިމެނުމުގެ މަސައްކަތް ފަދަ މުހިންމު ކަންކަމުގައި ބައިވެރިވެވަޑައިގެން ވަރަށް އަވަދިނެތި އުޅުއްވައިފައި ވެއެވެ.

ދައުލަތަށް 38 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރައްވައިފައިވާ ޙުސައިން އިބްރާހީމް މިހާރު ހުންނެވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސިވިލް ޑެޕިއުޓީ އެގެޒެކެޓިވްގެ މަގާމުގައެވެ. މިހާރު ޢާއްމު ގޮތެއްގައި ކުރައްވަނީ، ޖަލުތައް ބެލެހެއްޓުމާބެހޭ އިދާރީ މަސައްކަތްތަކެވެ.