މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު ޙަސަން ޚަލީލް ޔޫސުފް
ކަރަންކާގެ ގއ. މާމެންދޫ

ޙަސަން ޚަލީލް ޔޫސުފް، ދިވެހި ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 28 އޮކްޓޫބަރު 1970 ގައި ގއ.އަތޮޅު ކޯޓުގެ ވަގުތީ ގާޟީކަމުގެ މަގާމުންނެވެ. އަތޮޅުކޯޓުތައް އުވައިލައްވައި ރަށްރަށުގައި ކޯޓުތައް ގާއިމުކުރެއްވުމާ ގުޅިގެން ގއ.ކަނޑުހުޅުދޫ ކޯޓުގެ ޤާޟީކަމާއި، ގއ.ނިލަންދޫ ކޯޓުގެ ޤާޟީކަމާއި އެ ކޯޓުގެ މެޖިސްޓްރޭޓްކަން ކުރެއްވުމަށްފަހު ބަދަލުވެވަޑައިގެންނެވީ ގއ.މާމެންދޫ ކަތީބުކަމުގެ މަގާމަށެވެ. އޭގެ ފަހުން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާކަމުގެ މަގާމާއި، ގއ.އަތޮޅު އޮފީހުގެ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާކަމުގެ މަގާމު އަދާކުރައްވައިފައިވެއެވެ. އަދި އަތޮޅު ކުރިއަރުވާ ކޮމިޓީގެ މެންބަރުކަމާއި، މާމެންދޫ ރަށް ކުރިއަރުވާ ކޮމިޓީގެ ރައީސްކަން ކުރައްވައިފައިވެއެވެ.

ޙަސަން ޚަލީލް ޔޫސުފް ޝަރުޢީ ދާއިރާއަށް ޚާއްޞަވެވަޑައިގެންނެވީ، 1969 ވަނަ އަހަރު ހިންގި ޤާޟީކަމުގެ 5 ވަނަ ބުރުގައި ބައިވެރިވެވަޑައިގެން މުޅި ކޯހުން 1 ވަނަ ދަރިވަރެއްގެ މަގާމު ހާސިލުކުރެއްވުމަށްފަހުގައެވެ. ޤާޟީކަމުގެ މަގާމުގައި ހުންނެވިއިރު، ޤާޟީން ތަމްރީނުކުރުމަށް ހިންގެވި ކޯހެއް ފުރިހަމަކުރައްވައިފައިވެއެވެ. އަދި ރާއްޖޭގެ ރަށްރަށުގެ ވެރިންނަށާއި މުދިމުންނަށް ސަރުކާރުން ހިންގެވި [އިސްލާމީ ނަދުވާ] ގައި ބައިވެރިވެގެންވެސް ތަމްރީނު ހޯއްދަވައިފައިވެއެވެ.

ޙަސަން ޚަލީލް ޔޫސުފް، އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވަނީ، ޝަރުޢީ ދާއިރާގައެވެ. ޝަރުޢީ ދާއިރާގައި 25 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރައްވައިފައިވެއެވެ. ޝަރުޢީ ދާއިރާގައި މަސައްކަތްކުރެއްވިއިރު، މައްސަލަތައް ބެއްލެވުމަށްޓަކައި އަތޮޅުގެ އެކި ރަށްރަށަށް އޭރު ދަތުރުކުރައްވައިފައިވަނީ ރިޔާނެގި ވަދުދޯނީގައެވެ. ދައުލަތުގެ ޚިދުމަތުން މުސްކުޅިކުރެއްވިއިރު 38 އަހަރަށްވުރެ ގިނަ ދުވަހު، ދައުލަތަށް ޚިދުމަތްކުރައްވައިފައިވެއެވެ. ޙަސަން ޚަލީލު ޔޫސުފް ޝަރުޢީ ދާއިރާއާ ވަކިވެވަޑައިގެންނެވިއިރު ލިބިވަޑައިގެންފައިވާ އެންމެ ބޮޑު ހިތްޕުޅުހަމަޖެހުމަކީ، ނިންމެވި އެއްވެސް މައްސަލައެއް އަލުން ބަލަންޖެހިގެން ބަލައިފައި ބަދަލެއްގެނެވިފައި ނެތުމެވެ.

ޙަސަން ޚަލީލް ޔޫސުފަކީ، މާމެންދޫގެ ކަތީބުކަމުގެ މަގާމުގައި ހުންނަވައިގެން ރައްޔިތުންނަށް ދަތިވެފައިވާ އެތައް ކަމަކަށް ޙައްލު ހޯއްދަވައިދެއްވި ބޭފުޅެކެވެ. ފާލަންއެޅުމާއި، ފަޅުކޮނުމާއި، ބަނދަރު ހެދުން ފަދަ އެތައް މަސައްކަތްތަކެއްގައި ރައްޔިތުންނަށް ލުއިފަސޭހަ ހޯއްދަވައިދެއްވައިފައިވެއެވެ. ފަންޑެއް ހުޅުއްވައިގެން ފައިސާ ހޯއްދަވައި 24 ގަޑިއިރު ކަރަންޓު ލިބޭނެ އިންތިޒާމުވެސް ހަމަޖެއްސެވިއެވެ. އަދި ގްރޭޑް 5 ގެ ފެންވަރަށް ކިޔަވައިދެމުން އައި މާމެންދޫ ސްކޫލަކީ، ގްރޭޑް 10 ގެ ފެންވަރަށް އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ޢަމަލީ ގޮތުން މަސައްކަތް ކުރައްވައި، އިނގިރޭސި ޓީޗަރަކުވެސް ހޯއްދަވައިދެއްވައިފައިވެއެވެ. އަދި ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުމަށް ރަށުގައި ޑޮކްޓަރަކު ހުންނާނޭ އިންތިޒާމުވެސް ހަމަޖައްސަވައިދެއްވައިފައިވެއެވެ. ސުނާމީ ކާރިސާއާ ގުޅިން އެދުވަހު ރައްޔިތުންގެ ހާލަތު ގާތުން ބައްލަވައި ދިމާވި ހުރިހާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޙަސަން ޚަލީލް ޔޫސުފަކީ ހިލޭސާބަހަށްވެސް ޚިދުމަތްކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އެގޮތުން ގއ.މާމެންދޫ މަދަރުސާގައި ހިލޭސާބަހަށް ކިޔަވައިދެއްވުމާއި، ކާޑުގެއާއި، ރަށު އޮފީހާއި، ނާއިބުގެ އޮފީހުގެ ކާތިބެއްގެ ވަޒީފާ އަދާކުރެއްވުމާއި، ރަށުގައި ހުރި ދުވަސްވީ މިސްކިތެއް ބެލެހެއްޓެވުން ހިމެނެއެވެ. ކަނޑުހުޅުދޫގައި ހުންނެވި ދުވަސްވަރު އެރަށު ކުދިންނަށްވެސް ހިލޭސާބަހަށް ކިޔަވައިދެއްވައިފައިވެއެވެ.

ޙަސަން ޚަލީލް ޔޫސުފް ވަޒީފާ އަދާކުރެއްވުމުގެ ތެރޭގައި ނިންމަވަންޖެހިވަޑައިގެންނެވި ކޮންމެ ނިންމެވުމެއް ނިންމަވާފައިވަނީ، މީހަކު ދައްކާ ވާހަކައަކަށް ނުބައްލަވައި، މީހެއްގެ ނުފޫޒަކަށް ބޯނުލަނބައި، އެއްވެސް ދުލެއް ނުދެއްވައި، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރެއްވުމުގެ މަޤުޞަދުގައެވެ. ކޮންމެ މަގާމެއްވެސް ފުރުއްވައިފައިވަނީ، ޤާބިލިއްޔަތު ތަންދިން އެންމެ މަތީ ދަރަޖައިގައި، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ކަމަށް ކަމޭހިއްތަވައިގެންނެވެ.