އަލްފާޟިލް މުޙައްމަދު ފުއާދު
ހުޅުމާލެ. ފްލެޓް ނަންބަރު 02-1-90

މުޙައްމަދު ފުއާދު، ޕަބްލިކް މެއިންޓެނަންސް ޑިވިޜަންގެ ޕިޔޯނު ކަމުގެ ވަޒީފާގައި 25 އެޕްރީލް 1981 ގައި ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަތުމަށްފަހު، ދައުލަތުގެ ތަފާތު މުއައްސަސާތަކުގައި މަސައްކަތްކުރައްވައިފައި ވެއެވެ. އަދި ދައުލަތަށް ޚިދުމަތްކުރައްވާތާ މިހާރު 39 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިހާރު ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ ލޮޖިސްޓިކް އޮފިސަރުކަމުގެ މަގާމުގައެވެ.

މުޙައްމަދު ފުއާދު ފުރަތަމަ އަދާކުރެއްވި، ޕަބްލިކް މެއިންޓެނަންސް ޑިވިޜަންގެ ވަޒީފާއިން ބަދަލުވެވަޑައިގަތީ، ޕޯސްޓް އޮފީހުގެ ޕޯސްޓްމަން ކަމުގެ މަގާމަށެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕިޔޯނުކަމާއި، މުލީއާގޭ ޕިޔޯނުކަން ކުރައްވައިފައި ވެއެވެ. ދިވެހިރާއްޖޭގެ އަޑުގެ ޑިއުޓީ އޮފިސަރުކަމުގެ މަގާމުން ބަދަލުވެވަޑައިގަތީ، ހެންވޭރު އަވަށު އޮފީހުގެ ސުޕަވައިޒަރެއްގެ މަގާމަށެވެ. ދެވަނަ ފަހަރަށް ދިވެހިރާއްޖޭގެ އަޑުގެ ޑިއުޓީ އޮފިސަރުކަމުގެ މަގާމަށް ބަދަލުވެވަޑައިގަތީ، 9 މޭ 2002 ގައެވެ.

މުޙައްމަދު ފުއާދު ފުރަތަމަ ކުރައްވަމުން ގެންދެވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އެކި ފަރާތްތަކަށް ދުވަހުން ދުވަހަށް ރައްދުކުރުމަށް ޙަވާލުކުރައްވާ ސިޓީއާއި ޕާރސަލް ފަދަ ތަކެތި އަމާނާތްތެރިކަމާއި ރައްކާތެރިކަމާއެކު ރައްދުކުރެއްވުން ހިމެނެއެވެ. ހެންވޭރު އަވަށު އޮފީހުގެ ސުޕަވައިޒަރަކަށް ހުންނެވިއިރު ހެންވޭރު އަވަށުގެ މަގުތައް ސާފުތާހިރު ތަނަކަށް ހެދުމުގެ ގޮތުން މަގުމަތީގެ ހާލަތު ބައްލަވައި، މަގުމަތީގައި ގަވާއިދާ ޚިލާފަށް ހުންނަ އެކި ބާވަތުގެ ތަކެތި ނަންގަވައި ހެއްދެވިއެވެ. އަދި ދިވެހިރާއްޖޭގެ އަޑާއި، ޕަބްލިކް ސަރވިސް މީޑިއާގެ ލޮޖިސްޓިކް ސުޕަވައިޒަރުކަމުގެ މަގާމުގައި ހުންނަވައިގެން، އެ ތަންތަނުގެ އެކި ބޭނުންތަކަށް ކުރަންޖެހޭ އެއްގަމު ދަތުރުތައް ކުރުވުމާއި، ވެހިކަލްތައް ބެލެހެއްޓެވުމާއި، ކުންފުނީގެ ފަރާތުން ސެކިއުރިޓީ ބަލަހައްޓާ ތަންތަނުގެ ސެކިއުރިޓީގެ ކަންކަން ހިނގަމުންދާ ގޮތް ބައްލަވަމުން ގެންދަވައިފައިވެއެވެ. މީގެ އިތުރުން، ސެކިއުރިޓީގެ ކަންކަން ހިނގަމުންދާ ގޮތް ލޮގްކުރައްވައި ބެލެހެއްޓެވުމާއި، އެކިކަންކަމަށް ޓީވީ ކްރޫ ފޮނުއްވުމުގެ މަސައްކަތާއި، ގަޑިން ގަޑިއަށް އެތަންތަނަށް މުވައްޒަފުން ހާޒިރުވޭތޯ ބެއްލެވުމުގެ މަސައްކަތްވެސް ކުރައްވައެވެ.

މިނިވަން 25 ފާހަގަކުރުމަށް ދިވެހިރާއްޖޭގެ އަޑުން ހިންގި ޙަރަކާތްތަކުގައްޔާއި، މިނިވަން 50 ފާހަގަކުރުމަށް ހިންގި ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން ވަރަށް ހީވާގިކަމާއެކު، މުޙައްމަދު ފުއާދު މަސައްކަތްކުރައްވައިފައި ވެއެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ބާއްވަމުން ގެންދެވި، ޢީދު ކުޅިވަރުތަކުގައި ވަރަށް ފޯރީގައި ޢަމަލީ ގޮތުން ބައިވެރިވަޑައިގެންފައިވެސް ވެއެވެ. މީގެ އިތުރުން، ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ހިންގާ އެކިއެކި ޙަރަކާތްތަކުގައިވެސް ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.

މުޙައްމަދު ފުއާދަކީ، ދިވެހިރާއްޖޭގެ އަޑުގެ ރޭޑިއޯ ކްލަބުގައިވެސް ޙަރަކާތްތެރި ހީވާގި މެންބަރެކެވެ. މިގޮތުން ރޭޑިޔޯ ކްލަބުގެ ބޮޑުބެރު ގްރޫޕް އުފައްދަވައި ކުރިއެރުވުމަށް މަސައްކަތްކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ރޭޑިއޯ ވޮލީ ޓީމުގެ މެނޭޖަރުކަންކުރައްވައި އެކި ފަހަރުމަތިން ވޮލީ މުބާރާތްތަކުގައި އޮފިޝަލެއްގެ ގޮތުގައިވެސް ޙަރަކާތްތެރިވެވަޑައިގެންފައިވެއެވެ.