އަލްފާޟިލް އާދަމް ޢަލީ
ވ. ކަނި

އާދަމް ޢަލީ، ސަރުކާރުގެ ޚިދުމަތުގައި 39 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވިއިރު އެންމެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގޭގެ ވަޒީފާގައެވެ. އެތާނގެ ވަޒީފާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 27 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

ސަރުކާރުގެ ޚިދުމަތާ އާދަމް ޢަލީ ގުޅިވަޑައިގަތީ، 6 ފެބުރުވަރީ 1982 ގައި އޯޑިޓް އޮފީހުގެ ޕިޔޯނެއްގެ ވަޒީފާއިންނެވެ. އޯޑިޓް އޮފީހުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވަނިކޮށް 13 މާރިޗު 1983 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕިޔޯނެއްގެ ވަޒީފާއަށް ބަދަލު ކުރެއްވިއެވެ. އޭގެ ފަހުން، 27 ޖޫން 1987 ގައި ޑްރައިވަރެއްގެ ވަޒީފާއަށް ބަދަލު ކުރެއްވިއެވެ. ޑްރައިވަރެއްގެ ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރުގެ ޑިޕްލޮމޭޓުން ވަޑައިގަންނަވަން ބޭނުންފުޅުވާ ތަންތަނަށް ގެންދެވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިރުޝާދުގެ ދަށުން، ޑްރައިވަރެއްގެ ގޮތުން އިޚްލާޞްތެރިކަމާއި، ޤާބިލު ކަމާއި، ފަރުވާތެރިކަމާއެކު ދަތުރުތައް ކުރައްވަމުން ގެންދެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވަނިކޮށް، މުލީއާގޭގެ ވެހިކަލް ޑްރައިވަރަކަށް ބަދަލުކުރެއްވީ 20 މޭ 1993 ގައެވެ. އޭރުއްސުރެ މިއަދާ ހަމައަށްވެސް ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ، މުލީއާގޭގައެވެ. މުލީއާގޭގެ ވެހިކަލް ޑްރައިވަރުކަމާއި، ވެހިކަލް ޑްރައިވަރ ގްރޭޑް 2 ކަމާއި، ސީނިއަރ ވެހިކަލް ޑްރައިވަރުގެ މަގާމާއި، ސީނިއަރ ވެހިކަލް ޑްރައިވަރ ސަޕޯޓް ސްޓާފްގެ މަގާމުވެސް އަދާކުރެއްވިއެވެ. މިހާރު ހުންނެވީ، ސީނިއަރ ވެހިކަލް ޑްރައިވަރ ސަޕޯޓް ސްޓާފް ގްރޭޑް 5 ގެ މަގާމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގޭގައި ކުރަންޖެހޭ ދަތުރުތައް ކުރެއްވުމުގައި އާދަމް ޢަލީއަކީ، ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ވަގުތަށް ކަމޭހިއްތަވައިގެން ޒިންމާދާރުކަމާއެކު އެ މަސައްކަތް ކުރައްވާ މުރާލި ބޭފުޅެކެވެ. އަދި ވެރިންނާއި މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރައްވާ ބޭފުޅެކެވެ. އޮފީހުގެ ފަރާތުން އިންތިޒާމުކުރާ އެކިއެކި ބައްދަލުވުންތަކާއި، ޙަފްލާތައް އިންތިޒާމު ކުރެއްވުމުގައި، އާދަމް ޢަލީއަކީ، އިސްނަންގަވައިގެން މަސައްކަތްކުރައްވާ ބޭފުޅެއްވެސް މެއެވެ.

މުލީއާގެއަށް 100 އަހަރުފުރުން ފާހަގަކުރުމުގެގޮތުން ބޭއްވި ޙަފްލާގައި، 20 އަހަރަށްވުރެ ދިގުމުއްދަތަށް މުލީއާގޭގައި ޚިދުމަތް ކުރެއްވި މުވައްޒަފުންނަށް ދެއްވި ހަނދާނީ ފިލާ އާދަމް ޢަލީއަށް ލިބިވަޑައިގެންފައި ވެއެވެ.