އަލްފާޟިލް އިބްރާހީމް ޢަބްދުﷲ
ނޫރާނީވިލާ ޅ. ހިންނަވަރު

ދައުލަތުގެ ޚިދުމަތުގައި އިބްރާހީމް ޢަބްދުﷲ ހޭދަކުރެއްވި 39 އަހަރުދުވަހުގެ ތެރޭގައި މުޅީންވެސް ޚިދުމަތް ކުރެއްވީ، ތަޢުލީމީ ދާއިރާގައެވެ. 1982 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު ޚިދުމަތް ފެށްޓެވީ، ޅ.ހިންނަވަރުގައި އޭރު ހުރި ޅ.އަތޮޅު މަދަރުސާގައެވެ. އެ މަދަރުސާގައި، ޕްރައިމަރީ ޓީޗަރެއްގެގޮތުން ހުރިހާ މާއްދާތަކެއް ކިޔަވައިދެއްވިއެވެ. 1984 ވަނަ އަހަރު ޅ.އަތޮޅު ތަޢުލީމީ މަރުކަޒަށް ބަދަލު ކުރެއްވުމުން އެ މަރުކަޒުގައި ދިވެހި މާއްދާ ކިޔަވައިދެއްވަމުން ގެންދެވިއެވެ. އަދި 1999 އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު، ތަޢުލީމީ މަރުކަޒުގެ އެސިސްޓެންޓް ހެޑްމާސްޓަރުގެ މަގާމަށް ބަދަލު ކުރައްވައި، އޭގެފަހުން ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުވެސް އަދާކުރެއްވިއެވެ.

ސްކޫލުގެ އިދާރީ މަގާމުތަކަށް ބަދަލުކުރެއްވުމުން ކުރައްވަން ޖެހިވަޑައިގަތީ، އިދާރީގޮތުން ކުރައްވަންޖެހޭ މަސައްކަތްތަކާއި، ފައިސާއާބެހޭ މަސައްކަތްތަކެވެ. މިހާރު އެޑްމިނިސްޓްރޭޓަރަކަށް ހުންނެވި ކަމުގައިވިޔަސް ކުރައްވާ މަސައްކަތަށް ބަދަލު އައިސްފައެއް ނުވެއެވެ. ޤާބިލުކަމާއި ފަރުވާތެރިކަމާއެކު މަސައްކަތް ކުރެއްވުމުގައި އިބްރާހީމް ޢަބްދުﷲ ދެމިހުންނެވިއެވެ.

އިބްރާހީމް ޢަބްދުﷲ އަކީ، ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ތަޢުލީމީ ފެންވަރު ރަނގަޅު ކުރެއްވުމަށާއި، ރަނގަޅު ނަތީޖާ ހޯއްދަވައިދެއްވުމުގައި ޢަމަލީގޮތުން މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ސްކޫލުގައި ޒަމާނީ ފެންވަރުގެ ޢިމާރާތްތައް ބިނާކުރެއްވުމުގައްޔާއި، ޒަމާނީ ވަސީލަތްތަކާއި، ޓީޗަރުން ހޯއްދަވައިދެއްވުމުގައިވެސް އަގުނުކުރެވޭފަދަ ޚިދުމަތްތައް އިބްރާހީމް ޢަބްދުﷲ ކުރައްވައިފައި ވެއެވެ. ސްކޫލުގެ ބަޖެޓުގެ އެންމެހައި ކަންތައްތަކާއި، ޕްރޮކިއުމަންޓާއި، އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިގެން ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމުގައިވެސް އިބްރާހީމް ޢަބްދުﷲ އިސްވެ ޙަރަކާތްތެރިވެ ވަޑައިގަންނަވައެވެ.

ސްކޫލުން ހޯދާ ގިނަ ކާމިޔާބީތަކުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރައްވާ އެއްބޭފުޅަކީ، އިބްރާހީމް ޢަބްދުﷲ އެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޅ.އަތޮޅު ތަޢުލީމީ މަރުކަޒާ ހަވާލުކުރައްވާ ފޮތްތަކާއި ވައުޗަރުތައް ހަވާލުކުރެއްވުމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގަވައިގެން އަތޮޅުތަކަށް ވަޑައިގެން ބައެއް ސްކޫލްތައް އޯޑިޓް ކުރެއްވުމާއި، އަތޮޅުތަކުގެ ސްކޫލްތަކުގައި ފައިސާ ބަލަހައްޓާ މުވައްޒަފުންނަށް އަމާޒުކޮށް ހިންގާ ފައިސާއާބެހޭ މަސައްކަތު ބައްދަލުވުންތަކުގައި މަޢުލޫމާތު ދެއްވުންފަދަ ކަންކަމަކީވެސް އިބްރާހީމް ޢަބްދުﷲ ގެ ޚިދުމަތުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމެވެ.