އަލްފާޟިލް ޢަބްދުﷲ ރަމީޒު
ހުޅުމާލެ. ފްލެޓް ނަންބަރު 02-ޖީ-18

ޢަބްދުﷲ ރަމީޒު، ދިވެހި ސަރުކާރުގެ ޚިދުމަތަށް ނުކުމެވަޑައިގެންނެވީ، 14 ޖަނަވަރީ 1982 ގައި ލޭންޑް ރެޖިސްޓްރޭޝަން ޑިވިޜަނުގެ ދެ ނަންބަރު ކާތިބުކަމުގެ މަގާމުންނެވެ. އޭގެ ފަހުން މެދުކެނޑުމެއްނެތި ގެންދަވަނީ ޚިދުމަތް ކުރައްވަމުންނެވެ. ޢަބްދުﷲ ރަމީޒު، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 39 އަހަރަށްވުރެން ދިގު މުއްދަތެއް ވެއްޖެއެވެ.

ލޭންޑް ރެޖިސްޓްރޭޝަން ޑިވިޜަންގައި ހުންނަވަނިކޮށް 1982 ސެޕްޓެންބަރު 1 ވަނަ ދުވަހު މާލޭ މުނިސިޕަލްޓީ އުފެއްދެވުމާ ގުޅިގެން، އެތަނުން ކުރައްވަމުން ގެންދެވި މަސައްކަތް، މާލޭ މުނިސިޕަލްޓީއަށް ބަދަލު ކުރެއްވުމުން، އެދުވަހުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދެވީ މާލޭ މުނިސިޕަލްޓީގައެވެ. މާލޭ މުނިސިޕަލްޓީގެ ދެ ނަންބަރު ކާތިބުކަމާއި، ސެކްރެޓެރީކަމާއި، ސީނިއަރ ސެކްރެޓެރީކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލް އުފެއްދެވުމާ ގުޅިގެން ޚިދުމަތްކުރައްވަން ޖެހިވަޑައިގެންނެވީ މާލޭ ސިޓީ ކައުންސިލްގެ އިދާރާގައެވެ. މާލޭ ސިޓީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރުކަމުގެ މަގާމު އަދާކުރެއްވުމަށްފަހުގައި މިހާރު ހުންނެވީ، ސީނިއަރ އެކައުންޓްސް އޮފިސަރުކަމުގެ މަގާމުގައެވެ.

ޢަބްދުﷲ ރަމީޒަކީ، މާލޭ މުނިސިޕަލްޓީގައި ހުންނަވައިގެން މާލޭގެ ތަރައްޤީއަށް ހިންގި ވަރަށް ގިނަ މަސައްކަތްތަކުގައި ޢަމަލީގޮތުން އުޅުއްވައިފައިވާ ބޭފުޅެކެވެ. މިގޮތުން މާލޭގެ މަގުތަކުގައި ގާ އަތުރައިގެން ރަނގަޅު ފެންވަރަކަށް ހަދަން ފެށުމުގެ މަސައްކަތާއި، ތިލަފުށިން ބިން ހިއްކަން އަލަށް ފެށްޓެވުމުގައްޔާއި، ވޭސްޓް މެނެޖްމަންޓް ސެކްޝަނުން ކުރަންޖެހުނު މަސައްކަތްތައް ކުރުމަށް ބޭނުންވާ ބަޖެޓް އެކުލަވައިލުމަށް އިސްވެ ހުންނަވައިގެން ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ. މީގެ އިތުރުން، މައިކްރޯ ސޮފްޓް ތާނަ ތަޢާރުފުވުމުގެ ކުރިން، މާލޭގެ ގޭގެއަށް ކިޔާ ނަންތައް ފަސޭހައިން ދެނެގަތުމުގެ ގޮތުން، ގޭގެއަށް ކިޔާ ނަންތައް، ތާނައިގެ އަކުރުތަކުގެ ތަރުތީބުން ލިޔުމުގައިވެސް ވަރަށް މުހިންމު ދައުރެއް ރަމީޒު އަދާކުރައްވައިފައި ވެއެވެ. އަދި، މާލޭގެ އެޑްރެސްފޮތް ތައްޔާރުކޮށް، ޗާޕުކޮށް ވިއްކުމާއި، އެޑްރެސް ފޮތުގެ ސީޑީ ތައްޔާރުކޮށް ވިއްކުމުގެ މަސައްކަތްވެސް ރަމީޒު ކުރައްވައިފައި ވެއެވެ.

ޢަބްދުﷲ ރަމީޒު، ދިގު މުއްދަތެއްގައި ކުރެއްވީ ފައިސާއާބެހޭ މަސައްކަތްތަކެވެ. އޭގެ ތެރޭގައި، އަހަރީ ބަޖެޓް އެކުލަވައިލެއްވުމާއި، ހަމަޖެހިފައިވާ ގަވާއިދާއި އުސޫލުގެތެރެއަށް ފައްތަވައިގެން ބަޖެޓުން ޚަރަދުކުރެއްވުމާއި، އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ޖަމާކުރެއްވުމުގެ މަސައްކަތްތައް ހިމެނެއެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ދޭ އެކިއެކި ޚިދުމަތްތަކަށް ނުވަތަ އެކިއެކި ކަންކަމަށް އެދޭ ފޯމުތައް، ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތަކާއެކު އޮންލައިންކޮށް ހުށަހެޅުމަށް ޕޯޓަލްއެއް އުފެއްދެވުމާއި، މާލޭގައި ހުރި ގަރާޖުތަކާއި، ވަރކްޝޮޕްތަކާއި، ގުދަންތަކުގެ މަޢުލޫމާތު، ފަސޭހައިން ބެލުމަށް އުފެއްދުނު ޕޯޓަލްއާއި، ކޯވިޑް-19 އާ ގުޅިގެން، މާލޭ ސިޓީ ކައުންސިލުން ދޫކުރަންޖެހުނު ހުއްދަތައް ދޫކުރުމަށް އުފެއްދުނު ޕޯޓަލް އުފައްދަވައިފައިވަނީ، ޢަބްދުﷲ ރަމީޒުގެ މޭސްތިރިކަމުގެ ދަށުންނެވެ.

ޢަބްދުﷲ ރަމީޒަކީ، މަސައްކަތުގެ މާހައުލުގައި، ވެރިން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ފަރުވާތެރިކަމާއެކު މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައިވެސް މަސައްކަތަށް ނުކުންނަވައިގެން އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރައްވާ ބޭފުޅެއްވެސް މެއެވެ.

ޢަބްދުﷲ ރަމީޒަކީ، ސަރުކާރުގެ ވަޒީފާގެ އިތުރުން، ފުޓްބޯޅަ ލައިންސްމަން ކަމާއި، ރެފްރީކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. ޤައުމީ ފުޓްބޯޅަ މުބާރާތްތަކާއި، އެހެނިހެން މުބާރާތް ތަކުގައްޔާއި، ރަށްރަށުގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކުގައިވެސް ވަރަށް ޒިންމާދާރުކަމާއެކު ގިނަ ދުވަސްތަކެއްވަންދެން ލައިންސްމަންކަމާއި، ރެފްރީކަން ކޮށްދެއްވިއެވެ. އަދި 1983 ވަނަ އަހަރުން ފެށިގެން ގިނަ އަހަރުތަކެއްގައި، ކަސްރަތު މުބާރާތްތަކާއި، ބައިސްކަލް ރޭސްތަކުގައި އޮފިޝަލްކަންވެސް ކޮށްދެއްވި ބޭފުޅެކެވެ.