އަލްފާޟިލް އިބްރާހީމް ޢާޒިމް
ހ. ވައިލެޓްމީޑް

އިބްރާހީމް ޢާޒިމް ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، ދިވެހިރާއްޖޭގެ އަޑުގެ އޮޕަރޭޓަރުކަމުގެ ވަޒީފާއިން 5 ޖަނަވަރީ 1982 ގައެވެ. މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 39 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ އަޑުގެ ޓެކްނީޝަން އެސިސްޓެންޓްކަމާއި، ސީނިއަރ ޓެކްނީޝަންކަމާއި، އެސިސްޓެންޓް އިންޖިނިއަރިންގ ކަމާއި، މެނޭޖަރ ސައުންޑް އިންޖިނިއަރިންގކަމުގެ މަގާމު ހިމެނެއެވެ. މިހާރު ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖަރ، ސައުންޑް އިންޖިނިއަރިންގގެ މަގާމުގައެވެ.

އިބްރާހީމް ޢާޒިމަކީ، ވަރަށް އިޚްލާޞްތެރިކަމާއެކު ކަމަށް ކަމޭހިއްތަވައިގެން ކެތްތެރިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތްކުރައްވާ ބޭފުޅެކެވެ. ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ސްޓޫޑިއޯ އިކުއިޕްމަންޓުތައް ބެލެހެއްޓެވުމާއި، މިއުޒިކާއި ލަވަ ޕްރޮގްރާމްތަކުގެ ލައިޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، އަޑުގެ ސްޓޫޑިއޯ ފިޔަވައި އެހެން ތަންތަނުގައި ތިބެގެން ފޮނުވާ ޕްރޮގްރާމްތައް މޮނިޓަރކުރުމާއި، ލައިވް ޕްރޮގްރާމްތައް އެހުންތެރިންނާ ހަމަޔަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްކުރުން ހިމެނެއެވެ.

އިބްރާހީމް ޢާޒިމް ކުރައްވާފައިވާ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ އަޑުގެ މާސްޓަރ ކޮންޓްރޯލް ރޫމް ފަރުމާކުރެއްވުމާއި، ޒަމާނީ ފެންވަރަށް ޚިދުމަތްދިނުމުގެ ގޮތުން ފައިބަރ އޮޕްޓިކަލް މެދުވެރިކޮށް ޚިދުމަތް ދިނުމަށް ބޭނުންވާ އިކުއިޕްމަންޓްތައް ބެލެހެއްޓެވުމާއި، އެފް.އެމް.ގެ ޚިދުމަތް ދިނުމަށްޓަކައި މާލޭގެ އެކި ސަރަޙައްދުތަކުގައި ފައިބަރ އޮޕްޓިކަލް ކޭބަލް އެޅުމުގެ މަސައްކަތްކުރެއްވުމާއި، އެ މަސައްކަތް ހިނގާނުހިނގާ ގޮތް މޮނިޓަރކޮށް ބެލެހެއްޓެވުން ހިމެނެއެވެ.

އިބްރާހީމް ޢާޒިމް ކުރައްވާފައިވާ ފާހަގަކޮށްލެވޭ ބޮޑެތި މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ދިވެހި ފަންނާނުންގެ މިޔުޒިކީ ޢީދު ބޭއްވުމަށް ސްޓޭޖް ހެދުމާއި، ދިވެހިރާއްޖޭގެ އަޑުގެ ބެލުމުގެ ދަށަށް، އޯޑިއޯ ސިނަމާ އައުމުން އެތަނުގައި ކުރަންޖެހުނު އެންމެހައި މަސައްކަތްތައް ކުރުމާއި، ހެންވޭރުގައި ހުރި ދިވެހިރާއްޖޭގެ އަޑުގެ މަރުކަޒުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން، ޓްރާންސްމިޝަން މަރާމާތުކޮށްގެން ޚިދުމަތްދިނުން ފާހަގަކޮށްލެވެއެވެ. އަދި ރޭޑިއޯ ބިލްޑިންގގެ އައި.ޓީ. ނެޓްވަރކްގެ މަސައްކަތާއި، އިލެކްޓްރިކް ޕެނަލް ބޯޑު ބެހެއްޓުން ފަދަ މުހިންމު އެތައް މަސައްކަތެއް ޢާޒިމް ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ލަވަ މުބާރާތްތައް ބޭއްވުމަށް ލައިޓިންގ ހެދުމުގެ މަސައްކަތަކީވެސް، އިބްރާހީމް ޢާޒިމް ކުރައްވާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.

އިބްރާހީމް ޢާޒިމަކީ، ޒަމާނާ އެއްގޮތަށް ޚިދުމަތް ފޯރުވައިދިނުމަށްޓަކައި، ޓެކްނޯލޮޖީއަށް އަންނަމުންދާ ކުރިއެރުންތަކާމެދު ފުންކޮށް ވިސްނަވައިގެން ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން ރޭޑިއޯ ސްޓޫޑިއޯތައް ޒަމާނާ އެއްގޮތަށް ފަރުމާކުރައްވައި، އިކުއިޕްމަންޓްތައް ރާއްވަވައި ހައްދަވައިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ޓްރާންސްމިޝަންތަކަށް އެވަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ތަރައްޤީކޮށް ޚިދުމަތްދެވޭނެ މަގު ފަހިކޮށްދެއްވަމުން ގެންދެވުމަކީވެސް، ޢާޒިމްގެ ފަންނުވެރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.