އަލްފާޟިލް ޢަބްދުﷲ ވަޙީދު ޢަލީ
ދަފްތަރު. ނަންބަރު ރސ 4922

ޢަބްދުﷲ ވަޙީދު ޢަލީ އަކީ، މަދަނީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ދާއިރާގައި، ސަލާމަތީ ގޮތުން އަޅަންޖެހޭ ރައްކާތެރި ފިޔަވަޅުތައް އަޅައިގެން މަތިންދާ ބޯޓަށް މުދާ އަރުވައި ބޭލުމުގައި ހީވާގިކަމާއި ފަރުވާތެރިކަމާއެކު ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޢަބްދުﷲ ވަޙީދަކީ، މަތިންދާބޯޓުތަކަށް ދޭންޖެހޭ މިނޫން އެހެނިހެން ޚިދުމަތްތައްވެސް ދެއްވުމުގައި ދެމިހުންނެވި ބޭފުޅެކެވެ. މި ދާއިރާގައި ޢަބްދުﷲ ވަޙީދު ޢަލީ މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 39 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

ދައުލަތަށް ޚިދުމަތްކުރެއްވުމަށް ޢަބްދުﷲ ވަޙީދު ޢަލީ، މި ދާއިރާއަށް ވެދެވަޑައިގެންނެވީ، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ މަސައްކަތުމީހެއްގެ ވަޒީފާއަށެވެ. އޭގެ ފަހުން، އެ އޮތޯރިޓީގައި ލޯޑަރުގެ މަގާމާއި، ރޭމްޕް ޑްރައިވަރުގެ މަގާމާއި، ސީނިއަރ ރޭމްޕް ޑްރައިވަރުގެ މަގާމާއި، ރޭމްޕް އޮޕަރޭޓަރުކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި ސުޕަވައިޒަރުކަމާއި ސީނިއަރ އޮފިސަރ، އިކުއިޕްމަންޓްކަމާއި، އެގްޒެކެޓިވް ރޭމްޕް އޮފިސަރުކަމުގެ މަގާމު އަދާކުރައްވައިފައިވެއެވެ.

ޢަބްދުﷲ ވަޙީދު ޢަލީ، މި ދާއިރާގައި ހޭދަކުރައްވައިފައިވާ ދިގު މުއްދަތުގެ ތެރޭގައި، ކުރައްވާ މަސައްކަތާއި ދެއްވާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށްޓަކައި ވަޒީފާގައި ހުންނަވައިގެން ތަފާތު ތަމްރީނުތައް ފުރިހަމަކުރައްވައިފައި ވެއެވެ. އޭގެ ތެރޭގައި، ސެކިއުރިޓީއާއި، ހޭންޑްލިންގއާއި، ސަލާމަތީ ކަންކަމާއި، ނުރައްކާތެރި ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައް ދެނެގަތުމުގެ ތަމްރީނުތައް ހިމެނެއެވެ. އަދި މުދާ އުފުލުމާއި ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި ރަނގަޅު ގޮތްތަކާބެހޭ ތަމްރީނުތައްވެސް ފުރިހަމަކުރައްވައިފައި ވެއެވެ.

ޢަބްދުﷲ ވަޙީދު ޢަލީ ފާހަގަވެފައިވަނީ ހަވާލުކުރާ މަސައްކަތްތައް ވަގުތަށް ނިންމުމަށް ސަމާލުކަން ދެއްވައިގެން ވަރަށް ދަތި އުނދަގޫ ދަނޑިވަޅުތަކުގައިވެސް ހިތްވަރާއެކު މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި އިދާރީ ހިންގުންތެރިން އެހީއަކަށް ބޭނުންވާ ކޮންމެ ވަގުތެއްގައި އެހީތެރިކަން ފޯރުކޮށްދެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.

މި ދާއިރާގައި ދައުލަތުގެ ޚިދުމަތަށް ޢަބްދުﷲ ވަޙީދު ޢަލީ ނުކުމެވަޑައިގެންނެވިއިރު، މާގިނަ ވަސީލަތްތަކެއް ނެތެވެ. މަސައްކަތްކުރަން ތިބީ މަދު އަދަދެއްގެ މުވައްޒަފުންކޮޅެކެވެ. ނަމަވެސް މުވައްޒަފުން މަދުވުމަކުން ކުރައްވަންޖެހިވަޑައިގެންނެވި މަސައްކަތްތައް ކުރެއްވުމަކަށް ފަސްޖެހިވަޑައެއް ނުގަންނަވައެވެ. ޢަބްދުﷲ ވަޙީދު ޢަލީ، ހިމެނިވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތުގައި ދެމިހުންނެވި ނަމޫނާ މުވައްޒަފުންގެ ތެރޭގައެވެ.