އަލްފާޟިލް އަޙްމަދު ޒާހިރު
ދަފްތަރު. ރސ ނަންބަރު 7994

އަޙްމަދު ޒާހިރު، ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ، 23 ފެބުރުވަރީ 1980 ގައި، މޯލްޑިވްސް ކަސްޓަމްސްގެ ދެ ނަންބަރު ކާތިބެއްގެ ވަޒީފާއިންނެވެ. އޭގެ ފަހުން، މަހެއްހައިދުވަހު، ކޯޓު ނަންބަރު 3 ގައިވެސް ވަޒީފާ އަދާކުރައްވައި، ކަސްޓަމްސް ޚިދުމަތާ އަލުން ގުޅިވަޑައިގަތެވެ. ސަރުކާރުގެ ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރު ދުވަހުގެ ތެރޭގައި، ގިނަދުވަހު ޚިދުމަތް ކުރެއްވީ، މޯލްޑިވްސް ކަސްޓަމްސްގައެވެ. ކަސްޓަމްސްގެ ސީނިއަރ ކާގޯ ކްލިއަރެންސް އޮފިސަރުކަމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ޗީފް ކަސްޓަމްސް އޮފިސަރުކަމާއި، ސުޕްރިންޓެންޑެންޓުކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، ސީނިއަރ ސުޕްރިންޓެންޑެންޓުކަމުގެ މަގާމުގައެވެ.

އަޙްމަދު ޒާހިރު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ކަސްޓަމްސްގައި ޚިދުމަތް ކުރެއްވިއިރު، ކަސްޓަމްސްގެ ބައެއް ސެކްޝަންތަކާއި، ސަރަޙައްދީ އޮފީސްތައް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. މިގޮތުން، ކާގޯ އެގްޒޭމިނޭޝަން ސެކްޝަނާއި، ހުޅުމާލެ ކަސްޓަމްސްއާއި، ކަސްޓަމްސް ޕޯސްޓާއި، ބޮންޑެޑް ވެއަރހައުސްގެ އިތުރުން، ތިލަފުށީ ކަސްޓަމްސްއާއި، ކުޅުދުއްފުށްޓާއި، ލ.ގަމުގައި ހުންނަ ކަސްޓަމްސްގެ އޮފީހާއި، ގއ.ވިލިނގިއްޔާއި، ތުލުސްދޫގައި ހުންނަ ކަސްޓަމްސްގެ އޮފީސް ހިންގެވުމުގައްޔާއި، އެ އޮފީސްތަކުގެ ހިންގުން ހަރުދަނާކޮށް ކުރިއެރުވުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކަސްޓަމްސްގެ އޮޕަރޭޝަން ބޯޑުގެ މެންބަރުކަންވެސް ކުރެއްވިއެވެ. ވަޒީފާއާގުޅޭގޮތުން ރާއްޖެއިން ބޭރުންނާއި ރާއްޖޭގައި އެކިއެކި ތަމްރީނުތައްވެސް އަޙްމަދު ޒާހިރު ފުރިހަމަ ކުރައްވައިފައި ވެއެވެ.

މީގެ އިތުރުން، އެސިސްޓެންޓް އޯ.އައި.ސީ.އިން ކުރާ މަސައްކަތްތައް ސުޕަވައިޒް ކުރައްވައި، އިޞްލާޙު ކުރަންޖެހޭ ކަންތައްތައް އިޞްލާޙު ކުރުވުމާއި، ސުޕަވައިޒަރުންގެ މަސައްކަތްތައް ސުޕަވައިޒްކުރައްވައި ބެލެހެއްޓެވުމާއި، ޕޯސްޓް އޮފީހުގައި މަސައްކަތްކުރާނެ އޮފިސަރުން ހަމަޖެއްސެވުމާއި، ތެޔޮ ޓޭންކަރުތަކާއި، ތެޔޮ ހިފައިގެން އަންނަ އެހެނިހެން އުޅަނދުފަހަރަށް އޮފިސަރުން ހަމަޖައްސަވައި ފޮނުއްވުމުގެ މަސައްކަތްތަކަކީ، އަޙްމަދު ޒާހިރު އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ މަސައްކަތްތަކެވެ.

އަޙްމަދު ޒާހިރު ވަނީ، ކަސްޓަމްސްގައި މަސައްކަތަށް އެންމެ ރަނގަޅު މުވައްޒަފެއްގެ ގޮތުގައްޔާއި، ނަމޫނާ މުވައްޒަފެއްގެ ގޮތުގައި ހޮވިވަޑައިގެންފައެވެ. އަދި އަޚްލާޤީ ކުލައާއި، އިޚްލާޞްތެރިކަމުގެ ކުލައާއި، ޚިދުމަތުގެ ކުލައާއި، ދިގުމުއްދަތުގެ ކުލައާއި، ޤާބިލުކަމުގެ ކުލައާއި، ކަސްޓަމްސްގެ ރަން ބެޖުވެސް އަޙްމަދު ޒާހިރަށް ލިބިވަޑައިގެންފައި ވެއެވެ.