ސްޓާފް ސާރޖަންޓް (ރިޓަޔަރޑް) ޢަބްދުﷲ އާދަމް
ދަފްތަރު. ނަންބަރު 6388

ސްޓާފް ސާރޖަންޓް (ރިޓަޔަރޑް) ޢަބްދުﷲ އާދަމަކީ، 40 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޢާއިލާގެ އެހީތެރިއެއްގެ ވަޒީފާއިންނެވެ. އެ ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު 1985 ވަނައަހަރާއި، 1990 ވަނަ އަހަރު ސަރުކާރުން ކުރިއަށް ގެންދެވި ބޯހިމެނުމުގެ ހިސާބުގެ މަސައްކަތުގައްޔާއި، 1980 ވަނަ އަހަރުން ފެށިގެން 1985 ވަނަ އަހަރާ ހަމައަށް، ސަރުކާރުން ކުރިއަށް ގެންދެވި އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި، ވޮލަންޓިއަރެއްގެގޮތުން ކިޔަވައިދެއްވުމުގެ މުހިންމު މަސައްކަތް ޢަބްދުﷲ އާދަމް ކުރެއްވިއެވެ. ޢާއިލާގެ އެހީތެރިއެއްގެ ވަޒީފާގައި 9 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، 30 މާރިޗު 1991 ގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ޕްރައިވެޓެއްގެ ވަޒީފާއާ ގުޅިވަޑައިގަތެވެ.

ޢަބްދުﷲ އާދަމް، އެންމެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވަނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައެވެ. އެތާނގައި، 28 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވިއެވެ. ޕްރައިވެޓްކަމާއި، ލާންސް ކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސާޖަންޓްކަމާއި، ސްޓާފް ސާޖަންޓްކަން ކުރެއްވިއެވެ. އެތާނގައި، މެޑިކަލް ސަރވިސްގައާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގައާއި، އޯޑްނަންސްގައާއި، ކުއާޓަރ މާސްޓަރ ސަރވިސްގައާއި، އިންޓަގްރޭޓެޑް ހެޑްކުއާޓަރޒްގެ އިތުރުން، އެމް.އެން.ޑީ.އެފް.ގެ ނޮދަން އޭރިއާ ހެޑްކުއާޓަރޒްގައިވެސް ޢަބްދުﷲ އާދަމް ޚިދުމަތް ކުރެއްވިއެވެ.

ޢަބްދުﷲ އާދަމް، ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރެއްވިއިރު، ސިފައިން ފުރިހަމަކުރަންޖެހޭ ވަރަށްގިނަ ތަމްރީނުތައްވެސް ފުރިހަމަ ކުރެއްވިއެވެ. މީގެ އިތުރުން، ޤާރީ ކޯހާއި އިމާމު ކޯސް ފުރިހަމަ ކުރައްވައި، ސެޓްފިކެޓާއި ޑިޕްލޯމާ ހާސިލު ކުރެއްވިއެވެ. ޢަބްދުﷲ އާދަމަކީ، ދިވެހި ޢަސްކަރިއްޔާގެ ޤުރްއާން މުބާރާތުގައި ބައިވެރިވާ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން، މުބާރާތަށް ތައްޔާރު ކުރެއްވުމުގެ ގޮތުން ކިޔަވައިދެއްވަމުން ގެންދެވި ބޭފުޅެއްވެސް މެއެވެ.

ޢަބްދުﷲ އާދަމް، ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވިއިރު، ޝަރަފުގެ ނިޝާނުގެ ގޮތުގައި، ދިގު މުއްދަތުގައި ޚިދުމަތްކުރުމުގެ ކުލައާއި، އިޚްލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އަދި އަޚްލާޤީ ކުލަ ތިން ފަހަރަށް ހޯއްދަވައިފައި ވެއެވެ. އަދި ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއ، އަޚްލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17 ވަނަ ސާކް ސަމިޓްގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެލްވެސް ހާސިލު ކުރައްވައިފައިވެއެވެ.

ޚިދުމަތުން ވަކިވެވަޑައިގެންނެވިކަމުގައިވިޔަސް، ކޮންޓްރެކްޓް ވަޒީފާއެއްގައި ޢަބްދުﷲ އާދަމް މިހާރުވެސް ގެންދަވަނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިމާމެއްގެ ވަޒީފާ އަދާކުރައްވަމުންނެވެ.