އަލްފާޟިލް އަޙްމަދު ރަޝީދު މަޖުދީ
ޕާކްވިއު ސ. ހިތަދޫ

އަޙްމަދު ރަޝީދު މަޖުދީ، ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަތީ، 6 ޖުލައި 1977 ގައި، ޝިޕިންގ ޑިޕާޓްމަންޓުގެ އިނގިރޭސި ސެކްރެޓެރީކަމުގެ މަގާމުންނެވެ. ފަސް މަހެއްހައި ދުވަހުގެ ޚިދުމަތަށްފަހު، 1977 ޑިސެންބަރު 10 ވަނަ ދުވަހު، އެއަރޕޯޓް އޮފީހަށް ބަދަލުވެވަޑައިގަތެވެ. އެތާނގައި ފުރަތަމަ ޚިދުމަތް ފެށްޓެވީ، އެސިސްޓެންޓް އެއަރޓްރެފިކް ކޮންޓްރޯލަރުގެ މަގާމުންނެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް އަޙްމަދު ރަޝީދު ހުންނެވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގައި ޚިދުމަތް ކުރެއްވުމުގައެވެ.

އަޙްމަދު ރަޝީދު މަޖުދީ، އެއަރޕޯޓުގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ދުވަސްވަރަކީ، ބޭރުގެ ތަޖުރިބާކާރުން ގެންނަވައިގެން އެއަރޕޯޓުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދިޔަ ދުވަސްވަރެއްކަމުން، ބޭރުގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދު، އަޙްމަދު ރަޝީދު ހޯއްދަވަމުން ގެންދެވިއެވެ.

އަޙްމަދު ރަޝީދު މަޖުދީ ކުރެއްވި މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ވައިގެ ސަރަޙައްދު ކަނޑައެޅުމުގައި ބޭރުގެ މާހިރުންނާއެކު ބައިވެރިވެވަޑައިގެން ޢަމަލީގޮތުން ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ.

އަޙްމަދު ރަޝީދު މަޖުދީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރުކަމާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ސުޕަވައިޒަރުކަމާއި، ސީނިއަރ އެއަރ ޓްރެފިކް ކޮންޓްރޯލް ސުޕަވައިޒަރުކަމާއި، މެނޭޖަރ، އޭ.ޓީ.އެސް.ގެ މަގާމު އަދާކުރެއްވުމަށްފަހު، މިހާރު ހުންނެވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖަރ، ރީޖަނަލް ޔުނިޓްސްގެ މަގާމުގައެވެ.