އަލްފާޟިލް އަޙްމަދުމަނިކު
ހ. ރީދޫގެ

ސިފައިންގޭގެ ވަޒީފާއިން ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވި އަޙްމަދުމަނިކަކީ، މިޔުޒިކުގެ ދާއިރާގައި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަޙްމަދުމަނިކު، 1979 ފެބުރުވަރީ 24 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެން ޚިދުމަތް ކުރެއްވުމަށްފަހު ދުވަސްކޮޅަކަށް މެދުކެނޑުމަކަށްފަހު، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ މިޔުޒިކް ގްރޫޕާ ގުޅިވަޑައިގެން އެތާނގައިވެސް ދުވަސްކޮޅަކު ޚިދުމަތް ކުރެއްވުމަށްފަހު ދެވަނަފަހަރަށްވެސް ސިފައިންގެ ޕްރައިވެޓެއްގެ ވަޒީފާގައި ޚިދުމަތް ކުރެއްވިއެވެ. މިޔުޒިކް ކުޅުއްވުމަށް އޮތް ޝައުޤުވެރިކަމެއްގެ ބޮޑުކަމުން ދިވެހިރާއްޖޭގެ އަޑުގެ މިއުޒިކް ގްރޫޕާ ދެވަނަ ފަހަރަށް ގުޅިވަޑައިގަތީ 8 ޖަނަވަރީ 1990 ގައެވެ. އޭރުއްސުރެ މިއަދާ ހަމައަށްވެސް ދެމިހުންނެވީ މިޔުޒިކު ކުޅުއްވުމުގައެވެ. ސިފައިންގޭގެ ޚިދުމަތުގައި އުޅުއްވިއިރުގައިވެސް މިޔުޒިކާ ދުރަށް ވަޑައެއްނުގަންނަވައެވެ.

އަޙްމަދުމަނިކަކީ، ދިވެހިރާއްޖޭގެ އަޑުގެ މިޔުޒިކް ގްރޫޕް "އެންޓާރިސް"ގެ ޑްރަމަރެވެ. މާލޭގައި ގިނަ އަހަރުތަކެއް ވަންދެން ބޭއްވުނު މަޝްހޫރު، ދިވެހި ފަންނާނުންގެ ޝޯއާއި، ޤައުމީ އެކިއެކި މުނާސަބަތުތަކުގައި ބޭއްވި ވަރަށްގިނަ ޝޯތަކުގައި އަޙްމަދުމަނިކު ބައިވެރިވެވަޑައިގެންފައި ވެއެވެ. ރަށްރަށުގައި ބޭއްވުނު އީދު ކުޅިވަރުތަކުގައިވެސް ދިވެހިރާއްޖޭގެ އަޑުގެ މިޔުޒިކް ގްރޫޕުގައި ހިމެނިގެން ފޯރިގަދަ ޝޯތަކެއް ހުށަހަޅައިދިނުމުގައި އަޙްމަދުމަނިކު ބައިވެރިވެވަޑައިގެންނެވިއެވެ. އަޙްމަދުމަނިކަކީ، ޒުވާނުންނަށާއި، މިޔުޒިކް ކުޅޭ އެހެން ފަންނާނުންނަށްވެސް، ބެރު ސިސްޓަމާގުޅޭ މަޢުލޫމާތާއި އިރުޝާދު ދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

މިޔުޒިކް ގްރޫޕްގެ ވަޒީފާގައި ހުންނެވިނަމަވެސް، އަޙްމަދުމަނިކަކީ އޮފީހުގެ އެހެން ކަންކަންކަމުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ޝައުޤުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ކޮންމެ މަސައްކަތެއްގައިވެސް އިސްވެ އުޅުއްވާ ބޭފުޅެއްވެސްމެއެވެ. ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 40 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.