އަލްފާޟިލާ ފާޠިމަތު ޒުހައިރާ
މ. ވައިނުޖެހޭގެ

އަލްފާޟިލާ ފާޠިމަތު ޒުހައިރާ ވަނީ، ދިވެހި ސަރުކާރުގެ ޚިދުމަތުގައި 40 އަހަރަށްވުރެން ދިގު މުއްދަތެއް ހޭދަކުރައްވައިފައެވެ. ޚިދުމަތާ ގުޅިވަޑައިގަތީ 16 އޮކްޓޫބަރު 1980 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އެއަރ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓެރީކަމުގެ ވަޒީފާއެވެ. ގާތްގަނޑަކަށް ދެ އަހަރެއްހައި ދުވަހު މި މަގާމުގައި ހުންނެވުމަށްފަހު ބަދަލުވެވަޑައިގަތީ، މަޖިދީއްޔާ ސްކޫލްގެ އިނގިރޭސި ސެކްރެޓެރީއަކަށެވެ. މަޖީދިއްޔާ ސްކޫލްގައި 6 އަހަރު ހޭދަކުރެއްވުމަށްފަހު 30 ޖަނަވަރީ 1988 ގައި ދިވެހިރާއްޖޭގެ އަޑާ ގުޅިވަޑައިގެންނެވީ، ޖާނަލިސްޓް (ޓްރޭނީ) އެއްގެ ގޮތުގައެވެ. އޭގެ ފަހުން ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމައަށްވެސް ހުންނެވީ، މި ދާއިރާގައެވެ. ދިވެހިރާއްޖޭގެ އަޑުގެ ޖަރނަލިސްޓްކަމާއި، އެޑިޓަރުކަމާއި، އެގްޒެކެޓިވް އެޑިޓަރުކަމާއި، އެސިސްޓެންޓް މެނޭޖަރ، އިންޓަރނޭޝަނަލް ރިލޭޝަންސް ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

އެއަރ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓެރީކަމުގެ މަގާމުގައި ހުންނެވިއިރު ކުރެއްވި މައިގަނޑު މަސައްކަތްތަކަކީ، ވެރިޔަކަށް ހުންނަވާ ބޭފުޅަކަށް އިދާރީގޮތުން އެހީތެރިވެދެއްވުމަށްޓަކައި ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތްތަކެވެ. މަޖީދިއްޔާ ސްކޫލަށް ބަދަލުވެވަޑައިގަތުމަށްފަހު ކުރައްވަމުން ގެންދެވީ، ކިޔަވާ ކުދިންގެ ރެކޯޑް ފައިލްތައް ބެލެހެއްޓެވުމާއި، ޓީޗަރުންގެ ހާޒިރީއާއި ޗުއްޓީގެ ކަންކަމާއި ޓެސްޓް ޕޭޕަރުތައް ޗާޕުކުރުވުމާއި ބެލެހެއްޓެވުމުގެ މަސައްކަތެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ އަޑަށް ބަދަލުވެވަޑައިގެން ފުރަތަމަ ކުރެއްވީ އިނގިރޭސި ޚަބަރުގެ ޑެސްކުގައި ބޭރުގެ ޚަބަރުތައް ދިވެހިބަހަށް ތަރުޖަމާކުރެއްވުމުގެ މަސައްކަތެވެ. ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު މި މަސައްކަތް ހީވާގިކަމާއި ފަރުވާތެރިކަމާއެކު ކުރައްވައިގެން އެންމެ އަވަހަށް ޚަބަރު ތަރުޖަމާކުރާ މީހުންގެ ތެރޭގައި ހިމެނިވަޑައިގަތުމުގެ ޝަރަފު ހޯއްދެވިއެވެ. އަދި ދިވެހިރާއްޖޭގެ އަޑުންނާއި، ޓީވީ މޯލްޑިވްސްއިން ފޮނުވަމުން ގެންދާ އިނގިރޭސި ޚަބަރު އުފެއްދުމުގެ އެންމެހައި ޒިންމާތައްވެސް ފާޠިމަތު ޒުހައިރާ ވަނީ އުފުއްލަވައިފައެވެ.

ޚަބަރު އުފެއްދުމުގެ މަސައްކަތުގައި ފާޠިމަތު ޒުހައިރާ ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ހުނަރުވެރިކަން އިތުރުކުރެއްވުމުގެ ގޮތުން ތަފާތު ތަމްރީނުތައް ފުރިހަމަކުރައްވައިފައި ވެއެވެ. ތަނުގެ ހިންގުމަށް ގެނެވުނު ބަދަލަކާ ގުޅިގެން ދިވެހިރާއްޖޭގެ އަޑުގެ ނިއުސް ރޫމާއި، ޓެލެވިޜަން މޯލްޑިވްސްގެ ނިއުސް ރޫމް އެއްކޮށްލުމަށްފަހުގައި ފާޠިމަތު ޒުހައިރާ އުފުއްލެވީ، އިންގްލިޝް އެންޑް އިންޓަރނޭޝަނަލް ޑެސްކްގެ ހެޑްގެ މަސްއޫލިއްޔަތެވެ. އަދި 2017 ވަނަ އަހަރުގެ ތެރޭގައި ބިޒްނަސް ޑިވެލޮޕްމަންޓަށް ބަދަލުވުމަށްފަހު ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ޒުހައިރާ ހުންނެވީ، ސޭލްސް އެންޑް މާކެޓިންގގެ އެސިސްޓެންޓް މެނޭޖަރަކަށެވެ.

ފާޠިމަތު ޒުހައިރާ ފާހަގަކޮށްލެވިފައިވަނީ، ހީވާގިކަމާއި ފަރުވާތެރިކަމާއެކު ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ދިގު މުއްދަތެއްގައި ކުރައްވައިފައިވާ ބޭފުޅެއްގެ ގޮތުގައެވެ. ނޫސްވެރިކަމުގެ އެންމެ މަތީ މިންގަނޑުތަކާ އެއްގޮތަށް ޚަބަރުތައް ގެނެސްދެއްވުމަށް މަސައްކަތްކުރެއްވުމުގެ އިތުރުން، ވެރިންނަށް ބޭނުންފުޅުވާ މަޝްވަރާދެއްވައި، މިދާއިރާއާ އަލަށް ގުޅޭ މުވައްޒަފުންނަށް އިރުޝާދުދެއްވައި ކުރިއެރުވުމަށް މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ފާޠިމަތު ޒުހައިރާ ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވި މުހިންމު ކަންކަމުގެ ތެރޭގައި، މިނިވަން 50 އާއި، މިނިވަން 25 އާއި، ޖުމްހޫރީ 30 އާއި، ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަސްތައް ފާހަގަކުރުމަށް ހިންގި ޙަރަކާތްތައް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.