އަލްފާޟިލް މުޙައްމަދު އަޙްމަދުދީދީ
ވ. ދައުރު

މުޙައްމަދު އަޙްމަދުދީދީ އަކީ، 40 އަހަރަށްވުރެން ދިގު މުއްދަތެއްވަންދެން ސަރުކާރަށް ޚިދުމަތްކުރެއްވުމަށްފަހު، ރިޓަޔަރ ކުރައްވައިފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 2 ޑިސެންބަރު 1979 ގައި މިނިސްޓްރީ އޮފް ހެލްތުގެ 2 ނަންބަރު ކާތިބުކަމުގެ ވަޒީފާއިންނެވެ. 9 އޮގަސްޓު 1980 ގައި ކަސްޓަމްސްގެ ކާތިބަކަށް ބަދަލުވެވަޑައިގަތީއްސުރެން ފެށިގެން ރިޓަޔަރ ކުރެއްވުމާ ހަމައަށް ޚިދުމަތް ކުރެއްވީ ކަސްޓަމްސްގައެވެ. ކަސްޓަމްސްގެ 2 ނަންބަރު ކާތިބުކަމާއި، ކަސްޓަމްސް އޮފިސަރުކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރުކަމާއި، ޗީފް ކަސްޓަމްސް އޮފިސަރުކަމާއި، ސްޕްރިންޓެންޑެންޓް ކަމާއި، ސީނިއަރ ސުޕްރިންޓެންޑެންޓްކަމުގެ މަގާމު ފުރުއްވައިފައިވެއެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓުގެ މަގާމުގައެވެ.

މުޙައްމަދު އަޙްމަދުދީދީ ވަނީ، ކަސްޓަމްސްގައި ޑިއުޓީ އިންޗާޖްކަމާއި، ޑިއުޓީ އެގްޒެކެޓިވްކަމާއި، ސެކްޝަންގެ ހެޑްކަން އަދި ޑެޕިއުޓީ ހެޑްގެ މަސްއޫލިއްޔަތު އަދާކުރައްވައިފައެވެ. އެންމެ ގިނަދުވަހު ކުރައްވާފައިވަނީ، ރާއްޖެއަށް އެތެރެކުރާ މުދަލަށް ޑިއުޓީ ނެގުމަށްޓަކައި ފުރަންޖެހޭ ޑިކްލަރޭޝަން ފޯމުތަކާ ގުޅޭ މަސައްކަތްތަކާއި، އެ މަސައްކަތްތައް ހަރުދަނާކުރެއްވުމުގެ މަސައްކަތެވެ. ރާއްޖެއަށް އިމްޕޯޓްކުރާ މުދަލަށް ޑިއުޓީ ނެގުމަށްޓަކައި މެނުއަލްކޮށް ފުރަމުންދިޔަ ޑިކްލަރޭޝަން ފޯމުތައް ކޮމްޕިއުޓަރ ސިސްޓަމް (އަސިކުޑާ) މެދުވެރިކޮށް ފުރިހަމަކުރާގޮތަށް ހަމަޖެއްސުމަށްޓަކައި، މުޙައްމަދު އަޙްމަދުދީދީ ބައިވެރިވެވަޑައިގެން ކުރެއްވި މަސައްކަތުގެ ސަބަބުން، ކަސްޓަމްސްއިން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ހަލުވި ވެގެން ދިޔައެވެ.

މުޙައްމަދު އަޙްމަދުދީދީ ފާހަގަވެފައިވަނީ، ކަސްޓަމްސްގެ ތަފާތު ސެކްޝަންތައް ހިންގެވުމުގައި ޙަރަކާތްތެރިވެވަޑައިގެންނެވި، ވަރަށް ޚިދުމަތްތެރި އިޚްލާޞްތެރި ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން ކަސްޓަމްސްގެ 11 ސެކްޝަނެއްގެ ސެކްޝަން ހެޑްކަން ކުރައްވައިފައިވެއެވެ. ކަސްޓަމްސްގެ ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، ސީ ކާގޯ އޮޕަރޭޝަންސްގެ ޑެޕިއުޓީ ޑިވިޜަން ހެޑްގެ ގޮތުގައެވެ.

މުޙައްމަދު އަޙްމަދުދީދީއަކީ ކަސްޓަމްސް ހިންގަވަން ތިއްބަވާ ވެރިންނަށް އެކިކަންކަމުގައި ލަފާދެއްވުމަށް އެކުލަވައިލައްވައިފައިވާ ތަފާތު ބޯޑުތަކާއި ކޮމިޓީތަކުގެ މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، އޮޕަރޭޝަންސް މެނެޖްމަންޓް ބޯޑާއި، ވެލުއޭޝަން ކޮމިޓީއާއި، އެޖެންޓް ކޮމިޓީ ފަދަ މުހިންމު އެތައް ކޮމިޓީއެއްގައި މަސައްކަތްކުރައްވައިފައި ވެއެވެ. މީގެ އިތުރުން، އަލަށް ކަސްޓަމްސްއަށް ލެއްވޭ އޮފިސަރުންނަށް ތަމްރީނު ދެއްވުމުގެ މަސައްކަތްވެސް މުޙައްމަދު އަޙްމަދުދީދީ ކުރައްވައިފައިވެއެވެ.

މުޙައްމަދު އަޙްމަދުދީދީއަކީ، ކަސްޓަމްސް ރަންބެޖް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. މީގެއިތުރުން، 1994 ވަނަ އަހަރު ކަސްޓަމްސްގެ މުވައްޒަފުންގެ ތެރެއިން 2 ވަނައަށް އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވިގެން އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާވެސް ވަނީ ހާސިލުކުރައްވައިފައެވެ. އަދި ކަސްޓަމްސްގައި ކުރައްވާ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެއްވާ ކުލަތަކުގެ ތެރެއިން، ދިގުމުއްދަތުގެ ކުލަ، އަޚްލާޤީ ކުލަ، އިޚްލާޞްތެރިކަމުގެ ކުލަ، ޚިދުމަތުގެ ކުލަ، ޤާބިލުކަމުގެ ކުލަ، ކާމިޔާބުގެ ކުލަވެސް ލިބިވަޑައިގެންފައިވެއެވެ.