އަލްފާޟިލް އިބްރާހީމް ރަޝީދު
ފިނިފެންމާގެ ތ. ވޭމަންޑޫ

އިބްރާހީމް ރަޝީދުގެ ޒުވާން އުމުރުފުޅުގައި ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަތީ، 1969 ޖުލައިމަހުގެ 3 ވަނަ ދުވަހުއެވެ. ވޭމަންޑޫ ކަތީބުކަމުންނެވެ. ކަތީބުކަމުގައި ހުންނެވި ދުވަސްވަރު ރަށުގެ މަދަރުސާއަށް ރައްޔިތުންގެ އެހީގައި އިތުރަށް މުދައްރިސުން ހަމަޖެއްސެވުމާއި، މުދައްރިސެއްގެގޮތުން ރަށުގެ ކުދިންނަށް ތަޢުލީމު އުނގަންނައިދެއްވުމާއި، މަދަރުސާގެ ނާޒިރެއްގެގޮތުން އެދުވަސްވަރާ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި މަދަރުސާ ހިންގެވުމާއި، އަތޮޅުގެ ރައްޔިތުންގެ ވިޔަފާރި އިސްޓޯރާއި، ބޭސްފިހާރައިގެ މެނޭޖަރެއްގެ ހައިސިއްޔަތުން އެތަން ބަލަހައްޓަވައި ހިންގެވުމުގައި 10 ވަރަކަށް އަހަރު އިސްކޮށް އުޅުއްވައި، ރަނގަޅު އާމްދަނީއެއް ހޯއްދަވައިދެއްވިއެވެ. ރަށުގެ ކަތީބުކަމުގައި ހުންނެވިއިރު ރައްޔިތުންނާ ގުޅިގެން ރަށުގެ ޢުމްރާނީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. ރަށުގެ މަގުތަކަށް ނަން ދެއްވައި، މަގުތަކުގައި ނަންބޯޑު ހަރުކުރެއްވިއެވެ. ރަށުއޮފީހުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމުގައްޔާއި، ރަށު އޮފީހަށް ހުށަހެޅޭ މައްސަލަތަކާއި، ދޭދޭ މީހުންގެ މެދުގައި އުފެދޭ މައްސަލަތައް ބައްލަވައި ޙައްލުކޮށްދެވުމުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވިއެވެ. ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމު ކުރެއްވުމަށާއި، ދީނީގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމުގައިވެސް އިސް ދައުރެއް އަދާކުރެއްވިއެވެ.

ވޭމަންޑޫ ކަތީބުކަމުގައާއި، އަތޮޅު އޮފީހުގެ އިސް މަގާމުތަކުގައި ހުންނަވައިގެން، ރަށާއި، އަތޮޅުގެ އެހެން ރަށްރަށުގެ ގޯތިތައް ރަޖިސްޓަރީ ކުރެއްވުމުގެ މަސައްކަތާއި، ގޯތިތަކުގައި މިންއަޅައި ގޯތިތަކުގެ ރަޖިސްޓަރީ ހެއްދެވުމުގެ މަސައްކަތާއި، އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ޗާޓް ކުރެއްސެވުމުގައި އިސްބޭފުޅެއްގެގޮތުން އިބްރާހީމް ރަޝީދު މަސައްކަތް ކުރެއްވިއެވެ. ރަށްރަށުގެ ޗާޓުން، ރަށުގެ ހުރިހާ އިމާރާތްތަކަކާއި، ހުސްބިންތައް ތަފްސީލުކޮށް އެނގޭނެހެން، ފިލައިގައި ދަވާދުން ކުރަހައި ނަން ޖަހައިފައި ވެއެވެ. ރަށްރަށުގައި ތިބޭ ބަލިމީހުންގެ ތެރެއިން ތަނަވަސްކަން ނެތް މީހުންނަށް ބޭސްފަރުވާގެ އެހީ ހަމަޖައްސަވައިދެއްވުމުގައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

އިބްރާހީމް ރަޝީދަކީ، ވޭމަންޑޫ ކަތީބުކަމާއި، ކޮޅުމަޑުލު އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އަތޮޅުވެރިޔާގެ އިސްއެހީތެރިކަމާއި، ރާއްޖެތެރޭގެ ވަކީލުކަމާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ކޮންސްޓްރަކްޝަން ސުޕަވައިޒަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އަތޮޅުވެރިޔާ ނެތް ހާލަތުގައްޔާއި، އަތޮޅުވެރިން ޗުއްޓީގައި ހުންނަވާއިރު އަތޮޅުއޮފީސް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވައި، އަތޮޅު އޮފީހުގެ ޒިންމާދާރު ވެރިޔާގެ ހައިސިއްޔަތުން، ތިން އަހަރެއްހައިދުވަހު އަތޮޅު އޮފީސް ހިންގެވުމުގެ މަސްއޫލިއްޔަތުވެސް އިބްރާހީމް ރަޝީދު އުފުއްލަވައިފައި ވެއެވެ. ސަރުކާރުން ފޮނުއްވުމުން، ރާއްޖެތެރޭގެ ރަށްރަށުގެ ގޯތިގެދޮރުގެ މައްސަލަތައް ބައްލަވައި ޙައްލުކޮށްދެއްވުމުގައިވެސް ގިނަ މަސައްކަތްތަކެއް އިބްރާހީމް ރަޝީދު ކުރެއްވިއެވެ. އަދި ވޭމަންޑޫ ކަތީބު ކަމުގައްޔާއި، ތ.އަތޮޅު އޮފީހުގެ އިސް މަގާމުތަކުގައި ހުންނެވިއިރު، އަތޮޅު އޮފީހަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤު ކުރެއްވުމުގައިވެސް ގިނަ ދުވަސްތަކެއްވަންދެން އުޅުއްވައިފައި ވެއެވެ.

އިބްރާހީމް ރަޝީދަކީ، އަތޮޅު ކުރިއަރުވާ ކޮމިޓީ އުފެއްދެވީއްސުރެ ފެށިގެން އެ ކޮމިޓީ އުވައިލެއްވުމާ ހަމަޔަށް ކޮމިޓީގެ ސެކްރެޓެރީގެ ހައިސިއްޔަތުން ކޮމިޓީގެ ހުރިހާ މަސައްކަތްތަކެއްވެސް ބެލެހެއްޓެވި ބޭފުޅެކެވެ. އިބްރާހީމް ރަޝީދު ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވީ 40 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައެވެ.

އިބްރާހީމް ރަޝީދަކީ، ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅު ދިވެހި ދައުލަތާ ވަކިވުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި، އޭރުގެ ހަވަރުތިނަދޫގެ ލޮބުވެތި ރައްޔިތުންނަށް ލިބުނު ގެއްލުންތައް ބައްލަވައި ތަޙުޤީޤު ކުރެއްވުމަށް ސަރުކާރުން ފޮނުއްވި ވަފްދުގައި ހިމެނިވަޑައިގެން އެކަމުގައި ތިނަދުއާއި މާލޭގައި ކުރަންޖެހުނު އިދާރީ މަސައްކަތްތައް ކުރެއްވުމުގައި އުޅުއްވައިފައިވާ ބޭފުޅެއްވެސް މެއެވެ.