އަލްފާޟިލް ޙަސަން އާދަމް
ނަސްރު ށ. ފުނަދޫ

އަލްފާޟިލް ޙަސަން އާދަމް، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، 2 ޑިސެންބަރު 1979 ގައި ށ.ނޫމަރާ ކޯޓުގެ ކާތިބުކަމުންނެވެ. އޭގެ ފަހުން، ވަޒީފާއިން ވަކިވެވަޑައިގެން ކުޑަ ދުވަސްކޮޅެއް ހޭދަކުރެއްވުމަށްފަހު 2 ފެބުރުވަރީ 1982 ން ފެށިގެން އަދާކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޕިޔޯނުކަމުގެ ވަޒީފާއެވެ. މި ވަޒީފާގައި ހުންނެވުމަށްފަހު، ނޫމަރާ ކޯޓުގެ ކާތިބުކަމުގެ މަގާމަށް އަލުން ބަދަލުވެވަޑައިގަތެވެ. އަދި ނޫމަރާ ކޯޓުގައި ސީނިއަރ ކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓެރީކަމާއި، ސެކްރެޓެރީކަމުގެ މަގާމު ފުރުއްވުމަށްފަހު، މާލޭ މުނިސިޕަލްޓީގެ ފްލެޓްތަކާބެހޭ ބައިގެ ޑިއުޓީ އޮފިސަރަކަށް ބަދަލުވެވަޑައިގަތީ 9 ސެޕްޓެންބަރު 2003 ގައެވެ. އޭގެ ފަހުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި ސެކިއުރިޓީ އޮފިސަރުކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. އަދި ވޮޗަރެއްގެ މަގާމުގައި ރިޔާސީ ގަނޑުވަރުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 19 ޑިސެންބަރު 2004 ގައެވެ. މިހާރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ސެކިއުރިޓީ އޮފިސަރުކަމުގެ މަގާމުގައެވެ.

ޙަސަން އާދަމް 40 އަހަރަށްވުރެން ގިނަ ދުވަހު ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވައިފައި ވެއެވެ. ނޫމަރާ ކޯޓުގައި ޙަސަން އާދަމް ވަޒީފާ އަދާކުރެއްވިއިރު ޝަރީޢަތްތަކާބެހޭ ލިޔުންތައް ލިޔުއްވުމުގެ މަސައްކަތް ކުރެއްވުމުގެ އިތުރަށް، ވަރިއާއި ކައިވެނީގެ ކަންކަމާބެހޭ އެންމެހައި މަސައްކަތްތައް ކުރައްވައިފައި ވެއެވެ. ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގައި މަސައްކަތްކުރެއްވިއިރު، އެކި ފަރާތްތަކަށް ރައްދުކުރަން ހަވާލުކުރެވޭ ސިޓީ ފަދަ ތަކެތި ފަރުވާތެރިކަމާއެކު ރައްދުކުރުމުގެ މަސައްކަތްކުރައްވައިފައި ވެއެވެ.

ޙަސަން އާދަމް، މާލޭ މުނިސިޕަލްޓީ ގައްޔާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި ވަޒީފާއަދާކުރެއްވިއިރު، ބެލެހެއްޓެވީ ސެކިއުރިޓީއާބެހޭ ކަންކަމެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގޭގެ ވަޒީފާއަކަށް ބަދަލުވެވަޑައިގަތުމަށްފަހު ބަލަހައްޓަވަމުން ގެންދަވަނީ ސެކިއުރިޓީއާ ބެހޭ ކަންކަމެވެ.

ޙަސަން އާދަމް ފާހަގަވެފައިވަނީ، ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއި، އިޚްލާޞްތެރިކަމާއި، ޒިންމާދާރުކަމާއެކުގައި ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ހަމައެއާއެކު މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތަކާއި އެ މައްސަލަތައް ޙައްލުކުރެއްވުމަށް ފެނިވަޑައިގަންނަވާ ގޮތްވެސް މެނެޖްމަންޓާ ހިއްސާ ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.