އަލްފާޟިލާ ޢަފީފާ ޢަފީފް
ދަފްތަރު. ނަންބަރު ރސ 3495

ޢަފީފާ ޢަފީފް، ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ، ނޯދަން ރީޖަނަލް އޮފީހުގެ ދެނަންބަރު ކާތިބާއެއްގެ ވަޒީފާއިންނެވެ. 1980 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 27 ވަނަ ދުވަހުން ފެށިގެން 7 އަހަރަށްވުރެ ގިނަދުވަހު އެ އޮފީހުގައި އެކިމަގާމުތަކުގައި ޚިދުމަތްކުރެއްވުމަށްފަހު، 20 ފެބުރުވަރީ 1988 ގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރަށް ބަދަލުވެވަޑައިގަތެވެ. އޭގެ ފަހުން، މިނިސްޓްރީގެ ނަމަށް އެކި ދުވަސްވަރު އެކި ބަދަލު އައިނަމަވެސް، ޢަފީފާ ކުރައްވާ މަސައްކަތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. މަސައްކަތް ކުރައްވަމުން ގެންދަވަނީ، ފަޅުރަށްރަށާބެހޭ ބައިގައެވެ.

ޢަފީފާ ޢަފީފަކީ، ވަޒީފާގެ މަސްއޫލިއްޔަތު ވަރަށް ފުރހަމަޔަށް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ސަރުކާރުން ދިގުމުއްދަތަށް ދޫކުރައްވާ ފަޅުރަށްރަށާއި، ވަކިކުރެވޭ ރަށްރަށުގެ މަޢުލޫމާތު ފުރިހަމައަށް އެނގޭނޭހެން ރެކޯޑުތައް ފުރަތަމަ ބަލަހައްޓަވަމުން ގެންދެވީ އަތުން ލިޔުއްވައިގެންނެވެ. މިހާރު ބަލަހައްޓަވަނީ ކޮމްޕިއުޓަރުގައި މަޢުލޫމާތު ރައްކާކުރައްވައިގެންނެވެ. ރަށްރަށް ކުއްޔަށް ދިނުމަށް ހެދޭ އެއްބަސްވުންތަކާއި، އެހެނިހެން ލިޔެކިޔުންތައް ރައްކާކުރައްވައި ބަލަހައްޓަވަމުން ގެންދަވަނީ، އެހެން ފަރާތްތަކަށްވެސް އެ މަޢުލޫމާތު ފަސޭހައިން އޮޅުންފިލާގޮތަށް ވިސްނަވައިގެން ފަރުވާތެރިކަމާއެކުގައެވެ. ފަޅުރަށްރަށާބެހޭގޮތުން ފޮތްފޮތުގައި ނަކަލުކޮށްފައިހުރި ކުރީގެ ލިޔެކިޔުންތައްވެސް ޢަފީފާ ވަނީ، ފަސޭހައިން ބެލޭނެ އަދި މަޢުލޫމާތު ހިއްސާ ކުރެވޭނެ ގޮތަށް މިޒަމާނުގެ ސިސްޓަމުގައި ރައްކާކުރައްވައިފައެވެ.

ޢަފީފާ ޢަފީފަކީ، އެކިއެކި މަޝްރޫޢުތައް ހިންގުމަށް ދޫކުރާ ފަޅުރަށްރަށް މޮނިޓަރ ކުރެއްވުމަށްޓަކައި އެ ރަށްރަށަށް ދަތުރު ކުރައްވައި، އެރަށްރަށުގައި ކުރިއަށް ގެންދާ މަސައްކަތްތައް ބައްލަވަމުން ގެންދަވާ ބޭފުޅެކެވެ. ފަޅުރަށްރަށާބެހޭ ބައިގައި މަސައްކަތް ކުރައްވަން ފެށްޓެވީއްސުރެ ފެށިގެން މިއަދާ ހަމައަށް ވެސް، ދަތުރުފަތުރު ކުރަން އުނދަގޫ ދުވަސްވަރުގައިވެސް ޢަފީފާ ދަތުރުތައް ކުރައްވަމުން ގެންދެވީ، ހިތްވަރާއި ކެރުމާއެކުގައެވެ. މީގެ އިތުރުން، މިނިސްޓްރީން ކޮންމެ އަހަރަކު ފާހަގަކުރާ ދަނޑުވެރީންގެ ދުވަހުގެ ޙަރަކާތްތައް އިންތިޒާމު ކުރެއްވުމުގައިވެސް ޢަފީފާ އުޅުއްވައިފައި ވެއެވެ. ސަރުކާރުން ހިންގި މިލިއަންގަސް ޕްރޮގްރާމްގެ ދަށުން މާލޭގެ މަގުތަކުގައި ގަސް އިންދުމާއި، ގަސްތަކަށް ކާނާ އެޅުމުގެ މަސައްކަތުގައްޔާއި، ޖުމްހޫރީ މައިދާނުގައި ވިނަ އިންދުމާއި، ހުޅުމާލެ ފެހިކުރުމުގެ ގޮތުން ގަސް އިންދުމުގެ މަސައްކަތްތަކުގައި ޢަފީފާ ބައިވެރިވެވަޑައިގެންނެވިއެވެ.

ޢަފީފާ ޢަފީފު މިހާރު ހުންނެވީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ. ޢަފީފާ ޢަފީފް، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 40 އަހަރަށްވުރެން ގިނަދުވަސް ވެއްޖެއެވެ.