އަލްފާޟިލާ މައިމޫނާ ޝުޖާޢު
ހ. ބުރެވިމާގެ

އަލްފާޟިލާ މައިމޫނާ ޝުޖާޢު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ، ސަރުކާރު ހޮސްޕިޓަލުގެ ސްޓާފް ނަރުހެއްގެ ގޮތުގައި 14 އޮކްޓޫބަރު 1981 ގައެވެ. ވަޒީފާ އަދާކުރައްވަން ފެށްޓެވީއްސުރެން ފެށިގެން މިއަދާ ހަމަޔަށްވެސް ހުންނެވީ، ޞިއްޙީ ދާއިރާގައި ޚިދުމަތުގައެވެ. ޚިދުމަތުގައި ދެމިހުންނަވާތާ 40 އަހަރަށްވުރެން ގިނަ ދުވަސް ވެއްޖެއެވެ.

މައިމޫނާ ޝުޖާޢު އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، ސެންޓްރަލް ހޮސްޕިޓަލުގެ ސްޓާފް ނަރސްކަމާއި، ސީނިއަރ ސްޓާފް ނަރސްކަމާއި، ނަރސިންގ ސުޕަވައިޒަރުކަން ހިމެނެއެވެ. އަދި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ނަރސިންގ ސުޕަވައިޒަރުކަމާއި، އެސިސްޓެންޓް ޑިރެކްޓަރ އޮފް ނަރސިންގކަމާއި، ޑެޕިއުޓީ ޑިރެކްޓަރ އޮފް ނަރސިންގކަމާއި، ޑިރެކްޓަރ އޮފް ނަރސިންގގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ. މިހާރު ހުންނެވީ، ޑިރެކްޓަރ ޖެނެރަލް އޮފް ނަރސިންގގެ މަގާމުގައެވެ.

މައިމޫނާ ޝުޖާޢު، ނަރުހެއްގެ ގޮތުގައި ޞިއްޙީ ދާއިރާގެ ޚިދުމަތާ ގުޅިވަޑައިގެން، މަސައްކަތްކުރައްވަމުން ގެންދަވައިފައިވަނީ، އިޚްލާޞްތެރިކަމާ އެކުގައެވެ. ކުރައްވަންޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއްވެސް ކުރެއްވުމުގައި އިސްކަން ދެއްވަނީ ވީހާވެސް ގާތުން ރަނގަޅަށް ޚިދުމަތް ދެއްވުމަށެވެ. މައިމޫނާއަކީ، ހާޒިރީއަށް ފަރުވާބަހައްޓަވާ، އަދި ކަމަށްކަމޭހިއްތަވައިގެން ޚިދުމަތް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ދެއްވާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމުގެ ގޮތުން ތަފާތު ތަމްރީނުތައްވެސް ފުރިހަމަ ކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ.

މައިމޫނާ ޝުޖާޢަކީ، ޞިއްޙީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. ޚާއްޞަކޮށް ނަރުހުންގެ ކަންކަން ރާއްވަވައި ހިންގެވުމުގައި، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، ނަރުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރައްވައި، ތަރައްޤީކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ޤާބިލު ބޭފުޅެކެވެ. މައިމޫނާ ޝުޖާޢު ފާހަގަވެފައިވަނީ، ނަރުހުން މަސައްކަތްކުރާ ވާރޑްތަކަށާއި، އެހެނިހެން ތަންތަނަށް ވަޑައިގެން ނަރުހުންގެ މަސައްކަތްތައް ގާތުން ބައްލަވައި އިރުޝާދު ދެއްވާ ބޭފުޅެއްގެ ގޮތުގައެވެ.

މައިމޫނާ ޝުޖާޢުވަނީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އެގްޒެކެޓިވް ބޯޑުގައި، ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކުރެއްވުމަށާއި ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލަފާ ދެއްވުމުގައި، 21 ނޮވެންބަރު 2014 އިން ފެށިގެން 5 އަހަރުދުވަހުގެ މުއްދަތަށް ޚިދުމަތްކުރައްވައިފައެވެ. އަދި ނަރުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ކުރަންޖެހޭ ކަންކަންކުރުމުގައްޔާއި، އެކަންކަން ތަންފީޒުކުރުމުގައި ނަރސިންގ އެގްޒެކެޓިވް ކޮމިޓީގެ ޗެއަރޕަރސަންގެ ހައިސިއްޔަތުން 13 އަހަރުވަންދެން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

ޞިއްޙީ ދާއިރާގެ ޚިދުމަތާ ގުޅިވަޑައިގެންނެވިފަހުން، ހޮސްޕިޓަލުގައި ހިންގާ ކޮންމެ ޙަރަކާތެއްގައި މައިމޫނާ ޝުޖާޢު ވަނީ ނުހަނު ޝައުޤުވެރިކަމާއެކު ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، ސަރުކާރުގެ އެހެނިހެން އިދާރާތަކާއި ބޭރުގެ ޖަމްޢިއްޔާތަކާ ގުޅިގެން ކުރެވޭ ކަންކަމުގައި، ހޮސްޕިޓަލް ތަމްސީލު ކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، ޞިއްޙީ ކަންކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ފާހަގަކުރެވޭ ދުވަސްތަކާއި، ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ކަންކަން ހިނގަމުންދަނީ މައިމޫނާގެ ބެއްލެވުމާއި، އިރުޝާދުގެ ދަށުން ކަމަށްވާއިރު، އެ ހުރިހާ ޙަރަކާތްތަކެއްގައިވެސް ޢަމަލީގޮތުން މައިމޫނާ ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.