އަލްފާޟިލް މުޙައްމަދު މާޖިދު
ހުޅުމާލެ ފްލެޓް ނަންބަރު 02-3-7 (މ.ޖާޔާ)

 

މުޙަންމަދު މާޖިދު، މިދާއިރާގައި ޚިދްމަތް ކުރައްވަމުން ގެންދަވާތާ 26 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. މުޙައްމަދު މާޖިދު ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ސަތަރި ފެހުމާއި، ދޮރުފޮތި ފެހުމާއި، ލޯންޗުފަހަރުގެ ސީޓްތައް ހެއްދެވުމާއި، ސޯފާ ބެޑާއި، ސޯފާ ގޮނޑި ހެއްދެވުމާއި، މިސްކިތްތަކަށް ބޭނުންވާ ދޫލަ، ބޭނުންވާގޮތަށް ތައްޔާރުކޮށްދެއްވުން ހިމެނެއެވެ. މިމަސައްކަތުގެތެރެއަށް މުޙައްމަދު މާޖިދަށް ވެދެވަޑައިގެންނެވުނީ، މެރިން ޑިޕާޓްމަންޓުގައި އުޅުއްވި ދުވަސްވަރު، އެތަނުގެ ލޯންޗުފަހަރުގެ ސީޓްތައް މަރާމާތު ކުރައްވަން ޖެހުމުންނެވެ.
 
މާޖިދު މިމަސައްކަތް ކުރައްވާ ހަތަރު ތަނެއް މާލޭގައި އެބަހުއްޓެވެ. މީގެތެރޭގައި ހިމެނެނީ، މަސައްކަތްކުރާ ތަންތަނާއި، މި މަސައްކަތާ ގުޅޭ ތަކެތި ވިއްކާ ތަންތަނެވެ. މިތަންތަނުގެ ވަޒީފާގައި 40 މީހުން ގެންގުޅުއްވައެވެ. އޭނާ ބޭނުންފުޅުވަނީ، ވީހާވެސް ގިނަ ދިވެހިން، މިމަސައްކަތަށް އަހުލުވެރި ކުރުވުމަށް ކަމުގައިވީ ނަމަވެސް، ބޭނުންފުޅުވާވަރަށް ދިވެހިން ލިބިވަޑައެއްނުގަންނަވައެވެ. ދިވެހިންނަށް މިމަސައްކަތް ދަސްކޮށްދެއްވި ކަމުގައިވިޔަސް، މިމަސައްކަތުގައި ދެމިތިބޭ މީހުން މަދުވުމަކީ، އޭނާ ވަރަށް ހިތާމަކުރައްވާ ކަމެކެވެ. މިރޮނގުން މިހާރުވެސް މާޖިދު މީހުން ތަމްރީނު ކުރައްވަމުން ގެންދަވައެވެ. އޭނާ މިމަސައްކަތް ދަސްކޮށްދެއްވި ބައެއްމީހުން، މިރޮނގުން އަމިއްލަ ވިޔަފާރި ފަށާފައިވާކަން އެއީ މާޖިދަށް ލިބިވަޑައިގަންނަވާ އުފާފުޅެކެވެ. މިއީ، މިކަމުން ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއެކެވެ.
 
 [ޖާޔާ ކުޝަން] އަކީ، މުޙަންމަދު މާޖިދުގެ އަމިއްލަ އިންވެސްޓްމަންޓެކެވެ. ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރައްވައި، މިމަސައްކަތް މިހާރުވަނީ ވަރަށް ބޮޑަށް ފުޅާކުރެވިފައެވެ. ފާހަގަކުރެވޭ އަނެއްކަމަކީ، މިމަސައްކަތަށް ބޭނުންވާ ތަކެތި އަމިއްލަފުޅަށް ރާއްޖެއިން ބޭރުން އެތެރެކުރައްވާކަމެވެ. އަދި މިކަމުގެ ވިޔަފާރިވެސް ފުޅާ ދާއިރާއެއްގައި ކުރައްވަމުން ގެންދަވާކަމެވެ.    
 
މުޙައްމަދު މާޖިދު މިހާތަނަށް މިމަސައްކަތް ކުރައްވަމުން ގެންދެވިއިރު، އެއްވެސް ލޯނެއް ނަންގަވާފައެއް ނުވެއެވެ. އަދި މިމަސައްކަތް ކުރައްވަމުން ގެންދެވީ، ލިބިވަޑައިގެންނެވި އާމްދަނީއަކުން ޚަރަދުތައް ހަމަޖައްސަވައިގެންނެވެ. ރާއްޖެއިން ބޭރުން ގިނަ ތަކެތި އެތެރެކުރައްވަމުން ގެންދަވާއިރުވެސް، އިރާދަކުރެއްވީތީ މިހާތަނަށް އެއްވެސް ލޯނެއް ނަންގަވަން ޖެހިވަޑައިގެންފައެއް ނުވެއެވެ. މާޖިދު ޤަބޫލުކުރައްވާގޮތުގައި، ކޮންމެކަމެއްވެސް ކުރިއަރައިދާނީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކީގައި މަސައްކަތްކުރީމާ ކަމަށްވާތީ، އޭނާ މަސައްކަތް ހަވާލުކުރައްވާ ފަރާތްތަކާ ދެމެދު ވަރަށްބޮޑު އިތުބާރެއް ދެމެހެއްޓެވުމަށް އޭނާ އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވައެވެ.
 
މުޙައްމަދު މާޖިދު ޢާންމު ގޮތެއްގައި ހިލޭސާބަހަށް ކޮށްދެއްވާ މަސައްކަތްތަކުގެ ތެރޭގައި، މިސްކިތްތަކުގެ އެކިއެކި މަސައްކަތްތަކާއި، ސްކޫލް ކުދިންގެ ދަބަސް ހައްދަވައިދެއްވުން ހިމެނެއެވެ.
 
އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމަކަށް މާޖިދު އިންތިޒާރު ކުރައްވަމުން ގެންދަވާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އެހެންކަމުން، މިއަދު އޭނާއަށް މި މަސައްކަތުން ހިތްވަރު ދިނުމުގެ އިނާމެއް ލިބިވަޑައިގަންނަވާކަން އެއީ އޭނާ ކުރައްވަމުން ގެންދެވި ދިގު އިންތިޒާރު ނިމުމަކަށް އައިސް، ޙަޤީޤަތަކަށް ވެގެންދާއިރު، އެއީ މި މަސައްކަތް، އާ ބާރަކާއެކު ކުރިއަށް ގެންދިޔުމަށް ލިބިވަޑައިގަންނަވާ އިތުރު ހިތްވަރެއްވެސްމެއެވެ.