އަލްޤާރީ މަޙްމޫދު އާދަމް
ފިތުރޯނުގެ/ ދ.ކުޑަހުވަދޫ

 

އަލްޤާރީ މަޙްމޫދު އާދަމަކީ، ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާގައި 1994 ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ކީރިތި ޤުރްއާން ރީތިކޮށް ކިޔެވުމަށް ކުޑައިރުއްސުރެ މަޙްމޫދު އާދަމްގެ ހިތްޕުޅުގައި ޚާއްޞަ ޝައުޤުވެރިކަމެއްވަނީ އުފެދިފައެވެ. އެފަދަ ފުރުޞަތަކަށް އިންތިޒާރު ކުރައްވަމުން ގެންދަވަނިކޮށް، 1990 ވަނައަހަރު މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއިން ފެށްޓެވި 3 އަހަރުގެ ޤާރީ ކޯހުގެ 13 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިއެވެ.  އަދި އެ ކޯސް ފުރިހަމަކުރައްވައި،  އެ ކޯހުން 1ވަނަ ދަރަޖައިގައި ފާސްވެވަޑައިގެންނެވިއެވެ. އަދި މަޢުހަދުން ހިންގާ ޤުރްއާން މުދައްރިސުން ތަމްރީނު ކުރުމުގެ ކޯސްވެސް ފުރިހަމަކުރައްވައި، ސެޓްފިކެޓް ޙާޞިލު ކުރައްވާފައިވެއެވެ. އޭގެފަހުން ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޯމާ ކޯސްވެސް މަޙްމޫދު އާދަމް ފުރިހަމަކުރައްވާފައިވެއެވެ. އަދި މިދާއިރާއިން، ރާއްޖެއިން ބޭރުން މެލޭޝިއާގެ ޔުނިވަރސިޓީ އިސްލާމް ސެލަންގޯރގައި ތަރައްނުމް މޮޑިއުލް 1 ފުރިހަމަކުރައްވާފައިވެއެވެ.
 
މަޙްމޫދު އާދަމްގެ ވަޒީފާގެ ހައިސިއްޔަތުން އޭނާގެ ޚިދްމަތް އެންމެ ބޮޑަށް ލިބިފައިވަނީ، ކަލާފާނު ސްކޫލަށެވެ. މަޙްމޫދަކީ، މިހާރު ކަލާފާނު ސްކޫލްގެ ގުރެޖުއޭޓް ޓީޗަރެކެވެ. ޤައުމީ ޤުރްއާން މުބާރާތްތަކަށް ކަލާފާނު ސްކޫލްގެ ދަރިވަރުން ތައްޔާރުކޮށްދެއްވުމަށް މަޙްމޫދު ކުރައްވާފައިވާ މަސައްކަތްތައް، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ. އަދި އެ މުބާރާތްތަކުން އެ ސްކޫލް ހޯދާފައިވާ ކާމިޔާބީތަކުގެ ފަހަތުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ މަޙްމޫދު އާދަމެވެ.
 
ވަޒީފާގެ ހައިސިއްޔަތުގެ އިތުރުން، މާލޭގެ ބައެއް ސްކޫލްގެ ދަރިވަރުން، ޤައުމީ ޤުރްއާން މުބާރާތަށް ތައްޔާރުކޮށްދެއްވުމަށް މަޙްމޫދު އާދަމް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީވެސް ފާހަގަކޮށްލެވޭ  މަސައްކަތްޕުޅުތަކެކެވެ. މިހާރު އަޅުގަނޑުމެންގެ ތެރޭގައި ޤުރްއާން ކިޔެވުމުގެ ރޮނގުން މަޝްހޫރު ބައެއް ދަރިވަރުންގެ އުސްތާޛަކީ، މަޙްމޫދު އާދަމެވެ. އެއީ، މަޙްމޫދަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފަލަކާއި ޝަރަފެކެވެ. މަރްޔަމް ސުހާނާ، ފާޠިމަތު ޝިފާ ރިޟާ އަދި ފާޠިމަތު ޝިފްނާފަދަ ކީރިތި ޤުރްއާން ކިޔެވުމުގެ ރޮނގުން ހުނަރުވެރި ދަރިވަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރްޞަތު ލިބުމުގައި މަޙްމޫދު އާދަމްގެ ޙިއްޞާ ވަރަށް ބޮޑެވެ. 2004 ވަނަ އަހަރު މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ބޭއްވުނު ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާފައިވަނީ، މަޙްމޫދު އާދަމްކަން ފާހަގަކޮށްލަންޖެހެއެވެ.
 
ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމާއި އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގެވި ޚާއްޞަ ޤުރްއާން ކްލާސްތަކުގައި 1990ގެ އަހަރުތަކުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް، ގަވާއިދުން ކިޔަވައިދެއްވި އެއްބޭފުޅަކީ، މަޙްމޫދު އާދަމެވެ. އަދި ޤައުމީ ޤުރްއާން މުބާރާތަށް 2009 ވަނައަހަރާއި 2010 ވަނަ އަހަރު، މަޙްމޫދު ނިސްބަތްވާ އަތޮޅުން ހޮވުނު ދަރިވަރުން މުބާރާތަށް ތައްޔާރުކޮށްދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް މަޙްމޫދުގެ ޚިދްމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެކެވެ.
 
މީގެއިތުރުން މަޙްމޫދު އާދަމަކީ މާލޭގެ ބައެއް މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރައްވާ ބޭފުޅެއްވެސް މެއެވެ. އަދި މިއީ މުދިމެއްގެ ހައިސިއްޔަތުން ކުރައްވާ ކަމެއް ނޫނެވެ. އަދި މިއީ އަގަކަށްވެސް ކުރައްވާ ކަމެއް ނުމެ ނޫންމެއެވެ. ހަމައެހެންމެ، ރާއްޖޭގައި ބޭއްވޭ އެކިއެކި ޤުރްއާން މުބާރާތްތަކުގައި، އޭނާ ފަނޑިޔާރުކަން ކުރައްވާފައިވާކަންވެސް ފާހަގަކުރެވެއެވެ.