އަލްފާޟިލް ޢަލީ މޫސާ
އެތެރެދޫ ލ. ފޮނަދޫ

ޢަލީ މޫސާ، ދިވެހި ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1966 އޮކްޓޫބަރު 17 ވަނަ ދުވަހު، ލ. އަތޮޅު އޮފީހުގެ ކާތިބެއްގެ ގޮތުންނެވެ. ހައެއްކަ އަހަރު އެ ވަޒީފާގައި ޚިދުމަތް ކުރެއްވުމަށްފަހު، 2 މޭ 1973 ގައި ލ. ހިތަދޫ ކުޑަކަތީބު ކަމުގެ މަގާމަށް ބަދަލުވެވަޑައިގަތެވެ. އޭގެ ފަހުން، ލ. ގާދޫ ކަތީބުކަމާއި ކުޑަކަތީބުކަން ކުރެއްވުމަށްފަހުގައި 3 މޭ 1998 ގައި އަމިއްލަފުޅަށް އެދިވަޑައިގެން ވަޒީފާއިން ވަކިވެވަޑައިގެންނެވިއެވެ. ދެވަނަ ފަހަރަށް ދިވެހި ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، ލ. އަތޮޅު އޮފީހުގެ އެހީތެރިޔާގެ ވަޒީފާގައި 2 އޮގަސްޓު 1998 ގައެވެ. އޭގެ ފަހުން، ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާގެ މަގާމު އަދާކުރެއްވުމަށްފަހު، ވަޒީފާއިން ރިޓަޔަރކުރެއްވިއިރު ދެފަހަރު މަތިން ޖުމުލަ 41 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވައިފައި ވެއެވެ.

ޢަލީ މޫސާއަކީ، ލ. އަތޮޅު އޮފީހުގެ ކާތިބުކަމުގެ މަގާމުގައި ހުންނެވިއިރު، މުވާޞަލާތީ ގުޅުން ދަތި އުނދަގޫގޮތަކަށް އޮތް ދުވަސްވަރެއްގައި ވަރަށް ބުރަ އުފުއްލަވައިގެން އެންޓަނާ ޖައްސަވައިގެން މުވާޞަލާތީ ގުޅުން ގާއިމުކުރައްވައިގެން ފާހަގަކޮށްލެއްވޭ މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން ލ. ކަލައިދޫ މީހުން ލ. މާމެންދުއަށް ބަދަލުކުރެއްވުމަށް ކުރެވުނު މަސައްކަތުގައި ޢަލީ މޫސާ އަދާކުރެއްވި ދައުރު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

ލ. ހިތަދޫ ކުޑަކަތީބުކަމުގައި ޢަލީ މޫސާ ހުންނެވި ދުވަސްވަރު، އޭރުގެ ކަތީބު، ކޯހެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުން އޮފީސް ހިންގުމާ ޙަވާލުވަޑައިގެން އެރަށުގެ ރައްޔިތުންނަށްވެސް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވެއެވެ. އޭގެ ފަހުން، ގާދޫ ކަތީބުކަމުގެ މަގާމަށް ވަޑައިގެންނެވުމަށްފަހުގައި އެރަށުގެ ހާލަތު ބައްލަވައި ރަށުގައި ހުރި ދެ މިސްކިތް ބާވެފައިވާތީ އެ ދެ މިސްކިތުގެ އާބާތުރަފިލުއްވައި މަރާމާތު ކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި މި މަސައްކަތް ކުރެއްވިއިރު ރައްޔިތުންނެކޭ އެއްފަދައިން ޚުދު ޢަލީ މޫސާވެސް މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. ހަމައެއާއެކު، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދީ ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ރައްޔިތުންގެ މަސައްކަތާއެކު ޖަނަރޭޓަރެއް ހޯއްދަވައިގެން ރަށުގައި ކަރަންޓު ލައިދިނުން ފަދަ މަސައްކަތްތަކުގައިވެސް ޢަލީ މޫސާ އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގެންފައި ވެއެވެ.

ޢަލީ މޫސާ ގާދޫގައި ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް މަސައްކަތަކީ، ރެޑްބާނާ ޖަމާޢަތުގެ އެހީގައި އެރަށުގައި މުޅިން އާ ސްކޫލެއް ޢިމާރާތްކޮށްދެއްވައި ތަޢުލީމީ ބިންގާ ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކާއި، އޭރު ގާދޫގައި ބާވެ ވީރާނާވެފައިހުރި ރަށު އޮފީސް، އޭރުގެ ބޭނުންތަކަށް ފެތޭގޮތަށް ޖާގަބޮޑުކުރައްވައި މަރާމާތުކުރެއްވުމަށް ކުރެއްވި މަސައްކަތެވެ. އަދި ދެވަނަ ފަހަރަށް ސަރުކާރުގެ ޚިދުމަތާ ޢަލީ މޫސާ ގުޅިވަޑައިގެން އަތޮޅު އޮފީހުގައި ޚިދުމަތްކުރައްވަމުން ގެންދެވިއިރު، އަތޮޅުގެ އެކި ރަށްރަށަށް ވަޑައިގެން ރަށްރަށުގެ އޮފީސްތައް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވިއިރު، އަމިއްލަފުޅަށް އިސް ނަންގަވައިގެން އެރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވުމުގައިވެސް ޢަލީ މޫސާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ.