އަލްފާޟިލް ސަޢީދު އިސްމާޢީލް
ރޯޒްމީޑް އދ. ކުނބުރުދޫ

އަލްފާޟިލް ސަޢީދު އިސްމާޢީލް، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 41 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. 23 ސެޕްޓެންބަރު 1979 ގައި ޚިދުމަތް ފެށްޓެވީ އ.ކުނބުރުދޫ ކޯޓުގެ ކާތިބުކަމުގެ ވަޒީފާއިންނެވެ. އޭގެފަހުން، އދ. ކުނބުރުދޫ ކޯޓުގެ ސީނިއަރ ކްލާކްކަން ކުރައްވައިފައި ވެއެވެ. 1 މާރިޗު 1999 ން ފެށިގެން އަދާކުރައްވަން ފެށްޓެވީ ކުނބުރުދޫ ކުޑަކަތީބު ކަމުގެ ވަޒީފާއެވެ.

ކުޑަކަތީބު ކަމުގެ މަގާމުގައި ސަޢީދު އިސްމާޢީލް ހުންނެވިއިރު، އޮފީހުގެ އިދާރީ ހިންގުމުގެ ޒިންމާ އަދާކުރައްވަމުން، އޮފީހުގެ އިންވެންޓްރީ އާއި، ޔައުމިއްޔާ އާއި، ރަށުގެ ބިމާބެހޭ ރެކޯޑުތައް ބަލަހައްޓަވައި، އަދި ފައިސާއާބެހޭ ކަންކަމާއި، މުވައްޒަފުންގެ ރެކޯޑުތައް ބަލަހައްޓަވައިފައި ވެއެވެ. މީގެއިތުރުން، ބިމުގެ އިން ވަކިކޮށްދެއްވުމާއި، ބިންތަކުގެ ރަޖިސްޓަރީ ހެއްދެވުމާއި، ބިމުގެ ދަފްތަރު ބެލެހެއްޓެވުމާއި، މިނޫންވެސް ބިމާ ބެހޭގޮތުން ކުރައްވަންޖެހޭ އެންމެހައި މަސައްކަތްތައް، ސަޢީދު އިސްމާޢީލް ކުރެއްވިއެވެ.

ސަޢީދު އިސްމާޢީލަކީ، ރަށުއޮފީހުގެ މުވައްޒަފުންނަށް އެކިއެކި ތަމްރީނުގެ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށްވެސް މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އޮފީހުގެ މުވައްޒަފުންނަށް ސަރުކާރުގެ ގަވާއިދުތަކާއި އުޞޫލުތައް އަންގަވައިދެއްވައި، އަލަށް ވަންނަ މުވައްޒަފުން މަސައްކަތްތަކަށް އަހުލުވެރި ކުރެއްވުމުގެ ގޮތުން އެކިއެކި ޕްރޮގްރާމްތައްވެސް ހިންގަވައި ދެއްވައިފައި ވެއެވެ. އަދި އޮފީހުގެ އިދާރީ މަސައްކަތްތައް، ކޮމްޕިއުޓަރައިޒް ކުރެއްވުމުގެ މަސައްކަތުގައިވެސް ސަޢީދު އިސްމާޢީލް މުހިންމު މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.

ރަށުގެ ތަރައްޤީއަށްޓަކައި ކުރެވިފައިވާ ވަރަށްގިނަ ކަންކަމުގައި ސަޢީދު އިސްމާޢީލް، ޢަމަލީގޮތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، ރަށުގެ ބަނދަރު ހެދުމުގެ ކުރިން ރަށަށް އަރައި ފޭބުމަށް ފާލަން އެޅުމުގައްޔާއި، އޮޑިދޯނިފަހަރު އަޅާ ސަރަޙައްދު ސާފުކުރެއްވުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ރަށުގެ އިލެކްޓްރިކް ކަރަންޓް، ރައްޔިތުންގެ ކަރަންޓަކަށް ބަދަލުކުރެއްވުމަށްޓަކައި ރަށުގެ އިންޖީނުގެ ރޭނުމާއި، މަގުތަކުގައި ކޭބަލް އެޅުމަށް ހިންގި މަޝްރޫޢުގެ އިދާރީ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. ކުނބުރުދޫގައި އިމާރާތްކުރެވުނު ޞިއްޙީ މަރުކަޒު އިމާރާތްކުރުމުގައި ރަސްމީ ހައިސިއްޔަތުން ކުރަންޖެހުނު ގިނަ މަސައްކަތްތައް ކުރެއްވީވެސް ސަޢީދު އިސްމާޢީލެވެ.

ސަޢީދު އިސްމާޢީލަކީ، 18 މޭ 2009 އިން ފެށިގެން 23 ފެބުރުވަރީ 2014 އަށް ކުނބުރުދޫ އޮފީހުގެ ޒިންމާދާރު ވެރިޔާގެ މަގާމުގެ މަސްއޫލިއްޔަތުވެސް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. ސަޢީދަކީ ގަޑިއަށް ފަރުވާތެރި ބޭފުޅެއްވެސް މެއެވެ.