އަލްފާޟިލް މުޙައްމަދު ޢަޒީޒް
ހ. އާހަމަ

މުޙައްމަދު ޢަޒީޒް، ދައުލަތުގެ ޚިދުމަތުގައި 42 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރެއްވިއިރު ތަފާތު ދާއިރާތަކުގައި ވަރަށް ޒިންމާދާރުކަމާއެކު ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. 10 އޯގަސްޓު 1967 ގައި ވުޒާރަތުލްމާލިއްޔާ (ކ) ގެ ކާތިބުކަމުގެ ވަޒީފާއަށް ނުކުމެވަޑައިގަތީއްސުރެން ފެށިގެން ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވެވަޑައިގެންނެވުމާ ހަމަޔަށް ދައުލަތުގެ 14 އިދާރާއެއްގައި މަސައްކަތް ކުރައްވައިފައި ވެއެވެ.

މުޙައްމަދު ޢަޒީޒް ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، މެޑިކަލް ސަރވިސް ޑިވިޜަންގެ 1 ނަންބަރު ކާތިބުކަމާއި، މިނިސްޓްރީ އޮފް ހެލްތުގެ 1 ނަންބަރު ކާތިބުކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 1 ނަންބަރު ކާތިބުކަމާއި، ވަޒީރުލްއަޢުޡަމުގެ އޮފީހުގެ 1 ނަންބަރު ކާތިބުކަން ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ސެކްރެޓެރީކަމާއި، ނީލަން ފިހާރައިގެ މެނޭޖަރުކަމާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ސެކްރެޓެރީކަމާއި، ޕްރޮޑަކްޓް މެނޭޖަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރުކަމާއި، މޯލްޑިވްސް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުގެ ޑިރެކްޓަރުކަމާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ޑިރެކްޓަރުކަމާއި، އެސިސްޓެންްޓް ޑިރެކްޓަރ ޖެނެރަލްކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމާއި، ޑިރެކްޓަރ ޖެނެރަލްކަމާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޑިރެކްޓަރ ޖެނެރަލްކަން ހިމެނެއެވެ. ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމުގައެވެ.

ދައުލަތުގެ އެކި އިދާރާތަކުގައި އިދާރީ މަސައްކަތްތައް ކުރެއްވުމުގެ އިތުރުން، އެސް.ޓީ.އޯ.ގައި ވަޒީފާ އަދާކުރެއްވިއިރު ކުރެއްވި އެންމެ މުހިންމު މަސައްކަތަކީ، ޢިމާރާތްކުރުމަށް ބޭނުންވާ މުދާ އެސް.ޓީ.އޯ.އިން ރާއްޖެއަށް އެތެރެކުރެއްވުމާއި ވިއްކެވުމުގެ މަސައްކަތެވެ. ފިޝަރީޒް މިނިސްޓްރީގައި ކުރައްވަމުން ގެންދަވާފައިވަނީ، މުވައްޒަފުންނާބެހޭ މަސައްކަތާއި، މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭގޮތުން ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ކުރެއްވުމުގެ މަސައްކަތެވެ. އަދި މަސްވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް އެމިނިސްޓްރީގައި ކުރައްވައިފައި ވެއެވެ.

މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުގައި ޚިދުމަތްކުރައްވަމުން ގެންދެވިއިރު އަތޮޅުތަކުގައި ތިއްބަވާ އަތޮޅުވެރިންނަށް ނިންމަވަން ދަތިފުޅުވި މައްސަލަތައް މިނިސްޓަރުގެ ލަފާފުޅުގެ މަތީން ނިންމެވުމާބެހޭ މަސައްކަތްތައް ކުރައްވައިފައި ވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވަޒީފާގައި ހުންނެވިއިރު، ޖަލްސާތަކުގެ އެޖެންޑާ އެކުލަވައިލައްވައި މެންބަރުންނަށް ފޮނުއްވުމާއި، މަޖިލީހަށް ހުށަހެޅޭ ބިލުތައް މެންބަރުންނަށް ފޮނުއްވުމާއި، ކޮމިޓީތައް އިންތިޒާމުކޮށް ވިލަރެސް ކުރެއްވުމުގެ މަސައްކަތް ކުރެއްވިއެވެ. މިނިސްޓްރީ އޮފް ފިނޭންސްގައި ޚިދުމަތް ކުރެއްވިއިރު، ދައުލަތުގެ ބަޖެޓް އެކުލަވައިލުމުގައި މިނިސްޓަރަށް ބޭނުންވާ މަޢުލޫމާތު އެކި އޮފީސްތަކުން ހޯއްދަވައިދެއްވުމުގެ މަސައްކަތްކުރައްވައިފައި ވެއެވެ.

މޯލްޑިވްސް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުގައި މުޙައްމަދު ޢަޒީޒަށް ކުރައްވަންޖެހިވަޑައިގެންނެވީ، މާލެއާއި ހުޅުލެއާއި ވިލިނގިލީގައި އެއް ފަންގިފިލާއަށްވުރެ އުސްކޮށް ޢިމާރާތްކުރުމަށް ހުއްދަދެއްވުމާބެހޭ މަސައްކަތެވެ. އެދުވަސްވަރު ދިމާވަމުންދިޔަ މައްސަލަތައް ޙައްލުކޮށް ހަރުދަނާ ކުރެއްވުމުގެ ގޮތުން، އިމާރާތްތައް ކުރަހަންވާނީ، އާކިޓެކްޓްގެ ދާއިރާއިން ދަށްވެގެން ޑިގްރީ ހާސިލުކުރައްވާފައިވާ ފަރާތަކުންކަމަށް ހަމަޖެއްސެވިއެވެ.

މުޙައްމަދު ޢަޒީޒް، ދައުލަތުގެ ޚިދުމަތުން ވަކިވެވަޑައިގެންނެވުމަށްފަހުގައިވެސް، އިސް ރަށްވެހިންގެ ޖަމުޢިއްޔާގައި ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.