އަލްފާޟިލް އަބޫބަކުރު ޢަބްދުއްރަޙްމާން
ވާދީ ލ. ހިތަދޫ

އަބޫބަކުރު ޢަބްދުއްރަޙްމާން ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، ލ. އަތޮޅު ކޯޓުގެ 2 ނަންބަރު ކާތިބުކަމުގެ ވަޒީފާގައި 11 ޖުލައި 1977 ގައެވެ. އުމުރުފުޅުން 55 އަހަރުވެގެން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަގާމުގައެވެ. ޝަރުޢީ ދާއިރާގައި ހޭދަކުރެއްވި 42 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި ލ.ހިތަދޫ ކޯޓުގެ ކާތިބުކަމާއި، ސީނިއަރ ކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓެރީކަމާއި، ސެކްރެޓެރީކަމުގެ ވަޒީފާވެސް އަދާކުރެއްވިއެވެ.

ޝަރުޢީ ދާއިރާގައި ލ. އަތޮޅު ކޯޓުގައްޔާއި ލ. ހިތަދޫ ކޯޓުގައި އަބޫބަކުރު ޢަބްދުއްރަޙްމާން ވަޒީފާ އަދާކުރެއްވިއިރު އެ ކޯޓުތަކުގައި ހިނގަމުންދިޔަ ޝަރީޢަތްތަކުގައި ނެގޭ ބަޔާންތަކާއި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ފަދަ ލިޔުންތައް އަތުން ރީތިކޮށް ފަރުވާތެރިކަމާއެކު ލިޔުއްވައިފައި ވެއެވެ. ފަހުން ޓައިޕްކުރައްވައިގެންވެސް ކޯޓުގެ އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަވައިފައި ވެއެވެ. އަދި އެކި މައްސަލަތަކުގައި ޝަރީޢަތަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމަށް ޗިޓު ހައްދަވައިގެން އަމިއްލަފުޅަށް ގޭގެއަށް ވަޑައިގެން ޗިޓު ރައްދުކުރުން ފަދަ މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ.

ލ. ހިތަދޫ ކޯޓުގެ ފައިސާއާބެހޭ އެންމެހައި ކަންކަމާއި މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، މުސާރަ ދިނުމާއި، އިންވެންޓްރީ ބެލެހެއްޓެވުން ފަދަ މަސައްކަތްތައްވެސް އަބޫބަކުރު ޢަބްދުއްރަޙްމާން ކުރެއްވިއެވެ. ދިގު މުއްދަތެއްވަންދެން މި މަސައްކަތްތައް ކުރެއްވިއިރު އެއްވެސް އިރެއްގައި މައްސަލައެއްޖެހިގެން ސުވާލެއްވެސް ކުރައްވައިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. ހަމައެއާއެކު ރަށަށް ޒިޔާރަތް ކުރާ ޝަރުޢީ ވަފުދުތަކާ ގުޅިގެން ކުރައްވަން ޖެހުނު ކަންކަންވެސް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވައިފައި ވެއެވެ.

އަބޫބަކުރު ޢަބްދުއްރަޙްމާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވުމުގައިވެސް ޙަރަކާތްތެރިވެ ވަޑައިގެންފައި ވެއެވެ. މިގޮތުން ކޯޓުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ތަމްރީނު ދެއްވުމާއި، ކައިރި ރަށްރަށުގެ ކޯޓުތަކުގައި ދިމާވާ އިދާރީ މައްސަލަތަކާއި ފައިސާގެ މައްސަލަތައް ޙައްލުކޮށްދެއްވުމުގައި އެހީތެރިވެދެއްވުމާއި، މަސައްކަތުގެ ތަޖުރިބާ ހޯދަން ކޯޓަށް އަންނަ ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ކަންކަން ކުރަންވީ ގޮތާއި ކަން ހިންގަމުން އަންނަގޮތް އޮޅުންފިލުއްވައި ދެއްވައިފައި ވެއެވެ.