އަލްފާޟިލް ފަހުމީ ރަޝާދު
ދަފްތަރު. ނަންބަރު ރސ 1625

7 އެޕްރީލް 1979 ގައި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ކާތިބެއްގެ ވަޒީފާއިން ސަރުކާރުގެ ޚިދުމަތަށް ނުކުމެވަޑައިގެންނެވި ފަހުމީ ރަޝާދަކީ، މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. އިންފޮމޭޝަން ޑިޕާޓްމަންޓުގައި ފައިސާ ބެލެހެއްޓެވުމާއި، އިދާރީ މަސައްކަތްތައް ފަހުމީ ކުރެއްވިއެވެ. އޭގެފަހުން 7 ފެބުރުވަރީ 1981ގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ވަރކްސް އެންޑް ލޭބަރުގެ ސެކްރެޓެރީއަކަށް ބަދަލުވެވަޑައިގަތެވެ. އެތާނގައިވެސް ފަހުމީ ކުރެއްވީ، ފައިސާ ބެލެހެއްޓުމާއި، އިދާރީގޮތުން ކުރައްވަންޖެހޭ މަސައްކަތްތަކެވެ. ދިވެހިރާއްޖޭގެ އަޑުގެ ފައިސާއާއި އިދާރީ މަސައްކަތްކުރައްވާ ސެކްރެޓެރީއަކަށް ފަހުމީ ބަދަލުވެވަޑައިގަތީ، 18 ނޮވެންބަރު 1982ގައެވެ. އޭގެފަހުން 21 މާރިޗު 1995ގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ވަޒީފާއަށް ބަދަލުވެވަޑައިގަތެވެ. އެ އޮފީހުގައި، ދެ އަހަރެއްހައި ދުވަހު ވަޒީފާ އަދާކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ އަޑުގެ ބަޖެޓް އޮފިސަރުގެ ވަޒީފާއަށް ބަދަލުވެވަޑައިގަތީ 22 ޖޫން 1997ގައެވެ. ދިވެހިރާއްޖޭގެ އަޑުގައި، ބަޖެޓް އޮފިސަރުކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރުކަމާއި، ޑިރެކްޓަރުކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ފަހުމީ ރަޝާދު މިހާރު ހުންނެވީ، ޑިރެކްޓަރ، ޓެކްނިކަލް ރިސޯސް މެނޭޖްމަންޓުގެ މަގާމުގައެވެ.

ފަހުމީ ރަޝާދުގެ ޚިދުމަތްތަކުގެ ތެރޭގައި އޮފީހުގެ ބަޖެޓު އެކުލަވައިލެއްވުމާއި، މުވައްޒަފުންނަށް މުސާރައާއި އެލަވަންސް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައްކުރެއްވުމާއި، ޕީ.އެސް.އެމް.ގެ އިންވެންޓްރީއާއި، ސްޓޮކް ބެލެހެއްޓެވުމާއި، ދުވަހުން ދުވަހަށް ކުންފުންޏަށް ލިބޭ ފައިސާއާއި ޚަރަދުކުރާ ފައިސާއާބެހޭ ކަންތައްތަކާއި، ކުންފުންޏަށް ބޭނުންވާ މުދަލާއި ޚިދުމަތް ހޯދައި ލިބިގަތުމުގެ ކަންކަން ކުރަމުން ގެންދާގޮތް މޮނިޓަރކޮށް ބެލެހެއްޓެވުމުގެ ކަންކަން ހިމެނެއެވެ. މީގެ އިތުރުން، އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓްގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓެވުމާއި، ނިއުސް ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓެވުމާއި، ޕްރޮގްރާމްތައް އުފައްދާ ޓެކްނިކަލް މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓެވުންވެސް ހިމެނެއެވެ.

ވަޒީފާގެ މަސްއޫލިއްޔަތުގެ ގޮތުން ކުރައްވާ ހުރިހާ މަސައްކަތްތަކެއްވެސް ފަހުމީ ރަޝާދު ކުރައްވައިފައިވަނީ، ދުރާލައި ކަންކަން އިންތިޒާމު ކުރައްވައިގެން، އިޚްލާޞްތެރިކަމާއެކުގައިކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.