އަލްފާޟިލް މުޙައްމަދު ނަޛީރު
މއ. ވެނީލާގެ

މުޙައްމަދު ނަޛީރު، ދިވެހިސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ ޓެލެވިޜަން މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓެރީއެއްގެ ގޮތުގައި 18 ފެބުރުވަރީ 1979 ގައެވެ. ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި ޓެލެވިޜަން މޯލްޑިވްސްގެ ޓްރާންސްމިޓިންގ ޓެކްނީޝަންކަމާއި، ސީނިއަރ ޓްރާންސްމިޓިންގ ޓެކްނީޝަންކަމާއި، ސްޓޫޑިއޯ ކޯޑިނޭޓަރުކަމާއި، މެއިންޓެނަންސް ކޯޑިނޭޓަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމު ހިމެނެއެވެ. އަދި މި ވަގުތު ހުންނެވީ ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖަރ، ޑިޖިޓަލް އާކައިވްސްގެ މަގާމުގައެވެ.

ސްކޫލް ނިންމަވައިލެއްވުމަށްފަހު ސަރުކާރާ ގުޅިވަޑައިގެންނެވި މުޙައްމަދު ނަޛީރު ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 42 އަހަރު ވެއްޖެއެވެ. ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުން މަސައްކަތާ ގުޅޭ ތަފާތު އެކި ތަމްރީނު ކޯސްތައް މުޙައްމަދު ނަޛީރު ވަނީ ފުރިހަމަ ކުރައްވައިފައެވެ.

މުޙައްމަދު ނަޛީރު، ޚިދުމަތުގައި ހޭދަކުރައްވައިފައިވާ ދިގު މުއްދަތުގެތެރޭގައި، މުހިންމު ގިނަ ޚިދްމަތްތަކެއް ވަރަށް އިޚްލާޞްތެރިކަމާއި ކުރައްވައިފައިވެއެވެ. ކުރެއްވި ކޮންމެ މަސައްކަތެއްވެސް ކުރައްވާފައިވަނީ އެކަމަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައިގެން ވަރަށް ފަރުވާތެރިކަމާއެކުގައެވެ.

މުޙައްމަދު ނަޛީރު ކުރައްވާފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި، 5 ވަނަ ސާކް ސަމިޓްގެ ޚަބަރާއި މަޢުލޫމާތު، ސެޓެލައިޓް މެދުވެރިކޮށް ދެއްކުމަށް ކުރެއްވި މަސައްކަތް ހިމެނެއެވެ. އަދި ޓީވީ މޯލްޑިވްސްގެ އާ ޓްރާންސްމީޓަރު ބެހެއްޓުމަށް ކުރައްވާފައިވާ މަސައްކަތާއި، ޓީވީ މޯލްޑިވްސްއަށް ޖަޕާން ސަރުކާރުން ހަދިޔާކުރެއްވި އިކްވިޕްމަންޓްތައް ބެހެއްޓުމަށް ކުރެއްވި މަސައްކަތާއި، ޓީވީ މޯލްޑިވްސްގެ ޓަވަރުގައި ހަރުކޮށްފައިވާ އެންޓެނާ ސިސްޓަމް ބަދަލުކުރުމަށް މުޙައްމަދު ނަޛީރު ކުރައްވައިފައިވާ މަސައްކަތްތަކަކީވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. މީގެ އިތުރުން، ޖަޕާނުން އިންޖިނޭރުން ގެންނަވައިގެން ޓެކްނިކަލް މުވައްޒަފުން ތަމްރީނުކުރުމަށް 1995 ވަނަ އަހަރު ހިންގި އިންޖިނިއަރިންގ ކޯސް ވިލަރެސް ކުރައްވައި ހިންގެވީ މުޙައްމަދު ނަޛީރެވެ.

މުޙައްމަދު ނަޛީރު، ތަފާތު އެކި ދާއިރާތަކުގައި ޓީވީ މޯލްޑިވްސްގައި ޚިދުމަތްކުރައްވައިފައިވެއެވެ. މިގޮތުން، އިދާރީ ބަޔާއި، ނިއުސް ރޫމާއި، އިންޖިނިއަރިންގއާބެހޭ ބަޔާއި، ޕްރޮގްރާމިންގ ބަޔާއި، ރެކޯޑިންގ ޔުނިޓުގައިވެސް މަސައްކަތްކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ އަޑުގެ ޑިޖިޓަލް އާކައިވްސްގެ މަސައްކަތް މިހާރު ބަލަހައްޓަވަނީ، މުޙައްމަދު ނަޛީރެވެ.