އަލްފާޟިލާ ރަމްލާ ޢަބްދުލްޣަނީ
ހ. ހަތިހާ

އަލްފާޟިލާ ރަމްލާ ޢަބްދުލްޣަނީ، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އުމުރުން އެންމެ 17 އަހަރުގައެވެ. ފުރަތަމަ އަދާކުރެއްވީ، އަމީނިއްޔާ ސްކޫލްގެ 1 ނަންބަރު ކާތިބާކަމުގެ ވަޒީފާއެވެ.

ރަމްލާ ޢަބްދުލްޣަނީއަކީ، 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. މިވޭތުވެދިޔަ ދިގު މުއްދަތުގައި، ސަރުކާރުގެ ތަފާތު ދާއިރާތަކުގައި އެކި މަގާމުތައް ފުރުއްވައިފައި ވެއެވެ. ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ތިޖާރާގެ 1 ނަންބަރު ކާތިބާ ކަމާއި، އިރުޝާދުގެ ހިސާބު ބަލަހައްޓާ ކާތިބާ ކަމާއި، މަޙްކަމަތުއް ޝަރުޢިއްޔާގެ 1 ނަންބަރު ކާތިބާ ކަމާއި، ޕަބްލިކް ހެލްތު ޑިވިޜަން، މާލޭ ހެލްތު ސެންޓަރުގެ ކާތިބާ ކަމާއި، ސެކްރެޓަރީކަން ހިމެނެއެވެ. އޭގެފަހުން، ޕޯޓް ކޮމިޝަން އެންޑް ޕަބްލިކް ވަރކްސް ޑިޕާޓްމަންޓްގެ ސެކްރެޓަރީ ކަމާއި، ސީނިއަރ ސެކްރެޓަރީ ކަމާއި، ގަވަރންމަންޓް ހޮސްޕިޓަލްގެ ރަޖިސްޓްރާރ ކަމާއި، ހޮސްޕިޓަލް އަލްމޯނަރކަންވެސް ކުރައްވައިފައި ވެއެވެ.

ހުޅުލޭ އެއަރޕޯޓް ތަރައްޤީ ކުރެއްވުމަށްޓަކައި، އޭރު ސަރުކާރުން ހިންގެވި އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ހުޅުލޭ ފަޅުން ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދިޔައިރު، ޕޯޓް ކޮމިޝަން އެންޑް ޕަބްލިކް ވާރކްސްގެ ބަޖެޓް ބެލެހެއްޓެވުމާ ޙަވާލުވެވަޑައިގެން ހުންނެވީ ރަމްލާއެވެ. ހުޅުލޭގައި ތިބި މީހުން މާލެއަށް ބަދަލުކުރުމަށް މާލޭގެ ހުޅަނގުފަރާތުން ބިން ހިއްކުމުގެ މަސައްކަތް ކުރެއްވިއިރުވެސް ރަމްލާ ހުންނެވީ މިދެންނެވި ކަންތައް ކުރެއްވުމުގައެވެ.

ރަމްލާ ޢަބްދުލްޣަނީ އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވަނީ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގައްޔާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައެވެ. 1 ފެބުރުވަރީ 1983ން ފެށިގެން 1 ޖުލައި 1995ގެ ނިޔަލަށް މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގައި ޚިދުމަތް ކުރެއްވިއިރު، އެ މިނިސްޓްރީގެ އެސިސްޓެންޓް އަންޑަރ ސެކްރެޓަރީ ކަމުގެ މަގާމާއި، ވަކީލު ކަމުގެ މަގާމާއި، ސީނިއަރ އަންޑަރ ސެކްރެޓަރީ ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. 1 ޖުލައި 1995ން ފެށިގެން 1 މޭ 2008 ގައި ވަޒީފާއިން ރިޓަޔަރ ކުރައްވަންދެން ރަމްލާ ޚިދުމަތް ކުރައްވަމުން ގެންދެވީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައެވެ. އޭރު ހުންނެވީ، އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައެވެ. އެ މިނިސްޓްރީގެ ޑިރެކްޓަރު ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، މި ދެންނެވި ދާއިރާތަކުގައި ރަމްލާ ކުރައްވައިފައި ވަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެކެވެ. މަޙްކަމަތުއް ޝަރްޢިއްޔާގައި ޚިދުމަތް ކުރެއްވިއިރު، ޤާޟީން ތަމްރީނު ކުރުމަށް ހިންގި ކޯސްތަކުގައި ބައިވެރިވާނެ މީހުން ހޯއްދެވުމާއި، ކޯހުގެ އިދާރީ ހުރިހާ ކަމެއް ބެލެހެއްޓެވިއެވެ. ޕަބްލިކް ހެލްތު ޑިވިޜަން، މާލޭ ހެލްތު ސެންޓަރުގައި ވަޒީފާ އަދާކުރެއްވިއިރު، މައިގަނޑު ގޮތެއްގައި ކުރެއްވީ ޕަބްލިކް ހެލްތު ޑިވިޜަންގެ ބަޖެޓް ބެލެހެއްޓެވުމުގެ މަސައްކަތެވެ. އޭގެ އިތުރުން، ހުރިހާ އަތޮޅެއްގައި ހެލްތް ސެންޓަރުގެ ޚިދުމަތް ފުޅާކުރެއްވުމަށާއި، ހެލްތް އެސިސްޓެންޓުން ތަމްރީނުކުރުމަށް ހިންގެވި ޕްރޮގްރާމުގައި އިދާރީގޮތުން ކުރައްވަންޖެހުނު މަސައްކަތްވެސް ކުރެއްވިއެވެ. އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް، ޕޯޓް ކޮމިޝަން އެންޑް ޕަބްލިކް ވަރކްސް ޑިޕާޓްމަންޓުން ކުރައްވަމުން ގެންދެވިއިރު، ބަޖެޓް ބެލެހެއްޓެވުމާއި، ސަރުކާރުން އޭރު ހިންގެވި އެންމެ ބޮޑު އެ ޕްރޮޖެކްޓުގައި މަސައްކަތްކުރި 900 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާގެ ކަންތައް ބެލެހެއްޓެވީވެސް ރަމްލާއެވެ.

މާލޭ ގަވަރންމަންޓް ހޮސްޕިޓަލްގައި ޚިދުމަތް ކުރެއްވިއިރު، ރަޖިސްޓްރާރއެއްގެ ގޮތުން ގިނަ މަސައްކަތްތަކެއް ރަމްލާ ކުރެއްވިއެވެ. މާލޭގައި އޭރު ފެތުރުނު ޝިގެއްލާ ރޯގާއާ ގުޅިގެން، ބަޖެޓުން ކުރަންޖެހުނު އެކިއެކި ޚަރަދުތައް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ކުރެއްވިއެވެ.

މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގައި ރަމްލާ ޚިދުމަތް ކުރެއްވިއިރު، އެޓޮލްސް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑުގެ އިދާރީ އެންމެހައި ކަންކަން ކުރެއްވިއެވެ. އަދި އެ ބޯޑުން ހިންގަވާ ރާއްޖެތެރޭގެ ރަށްރަށުގެ ވެރިން ތަމްރީނުކުރާ ކޯސްތަކާއި، އެކިއެކި ސެމިނާރުތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، އަތޮޅުވެރިންގެ ބައްދަލުވުންފަދަ މުހިންމު ކަންކަމުގައި ކޯޑިނޭޓަރެއްގެ ގޮތުގައި ރަމްލާ ޚިދުމަތް ކުރެއްވިއެވެ. މީގެއިތުރުން، އައިޑެންޓިޓީ ކާޑު ހެދުމާބެހޭ ޔުނިޓުގެ މަސައްކަތްތަކާ އެޓޮލްސް މިނިސްޓްރީން ހަވާލުވެވަޑައިގެން ހުންނަވާ އިސްބޭފުޅަކީ، ރަމްލާ ކަމަށް ހަމަޖެއްސެވުމާ ގުޅިގެން، ކާޑު ހެދުމަށް ބައެއް އަތޮޅުތަކަށް ދަތުރުކުރައްވައި، އެކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. ހޯމް މިނިސްޓްރީގައި ރަމްލާ ޚިދުމަތް ކުރެއްވިއިރު، އެ މިނިސްޓްރީން ޤައުމީ ފެންވަރުގައި ފާހަގަކުރައްވާ ދުވަސްތައް ފާހަގަކުރެއްވުމުގައި، ވަރަށް އިސް ދައުރެއް އަދާކުރެއްވިއެވެ.

ރަމްލާ ޢަބްދުލްޣަނީއަކީ، މުވައްޒަފުންނާ ވަރަށް ގާތުން މަސައްކަތް ކުރެއްވި އަދި މުވައްޒަފުން ސުޕަވައިޒް ކުރައްވައި، މުވައްޒަފުންނަށް އެކިއެކި ކަންކަން ކުރަން ދަސްކޮށްދެއްވި ބޭފުޅެކެވެ. ކަމެއް ހަވާލުކުރެއްވުމުން، އެކަމެއް ވެވެން އޮތް އެންމެ ރަނގަޅަކަށް، އެންމެ ފުރިހަމައަށް ކުރެއްވުމުގައި ނަމޫނާ ދެއްކެވި ބޭފުޅެއްވެސް މެއެވެ.