އަލްފާޟިލް މުޙައްމަދު ޙުސައިން
ގ. ފުއްލާގެ

މުޙައްމަދު ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، 20 އޮގަސްޓު 1978 ގައި އޯޑިޓް އޮފީހުގެ 1 ނަންބަރު ކާތިބުކަމުންނެވެ. އެއަށްފަހު، އެ އޮފީހުގެ އެސިސްޓެންޓް އެކައުންޓެންޓެއްގެ މަގާމުގައި ހުންނަވަނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 1 ނަންބަރު ކާތިބުކަމުގެ މަގާމަށް ބަދަލުކުރެއްވީ 5 ޖަނަވަރީ 1980 ގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ސެކްރެޓެރީކަމާއި، ސެކްރެޓެރީކަމާއި، ސީނިއަރ ސެކްރެޓެރީކަމުގެ މަގާމު އަދާކުރެއްވިއެވެ. 1 އޮކްޓޫބަރު 1990 ގައި، އޯޑިޓް އޮފީހުގެ ވަޒީފާއަށް ބަދަލުކުރެއްވިފަހުން، ޚިދުމަތްކުރައްވަމުން ގެންދެވީ، އޯޑިޓް އޮފީސް ނުވަތަ މިހާރުގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުގައެވެ. އެ އޮފީހުގައި ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި، ސްޕެޝަލް ޑިއުޓީ އޮފިސަރުކަމާއި، އެސިސްޓެންޓް ޑިރެކްޓަރ އޮފް އޯޑިޓް ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ އޮފް އޯޑިޓް ކަމާއި، ޑިރެކްޓަރ އޮފް އޯޑިޓް ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް އޮފް އޯޑިޓްކަމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ، އޮޑިޓަރ ޖެނެރަލްސް ބިއުރޯ ކަމުގެ މަގާމު ހިމެނެއެވެ. 6 ފެބުރުވަރީ 2013 އިން ފެށިގެން މުޙައްމަދު ޙުސައިން ޚިދުމަތްކުރައްވަމުން ގެންދަވަނީ، އެސިސްޓެންޓް އޮޑިޓަރ ޖެނެރަލްގެ މަގާމުގައެވެ.

މުޙައްމަދު ޙުސައިނަކީ 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ހޭދަކުރައްވާފައިވާ 31 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި އެ އޮފީހުގެ މަސައްކަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ތަފާތު ރޮނގުތަކުން ކުރައްވައިފައި ވެއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީސް ވަރުގަދަކޮށް ޒަމާނީކުރުމަށް ފުރަތަމަ ހިންގުނު މަޝްރޫޢުތައް ހިންގެވުމުގައްޔާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފުރަތަމަ އެކުލަވައިލެވުނު ސްޓްރެޓީޖިކް ޕްލޭންތަކާއި އެކްޝަން ޕްލޭންތައް އެކުލަވައިލެއްވުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. ހަމައެފަދައިން، އެ އޮފީހުގެ އަހަރީ މަސައްކަތު ޕްލޭނާއި ބަޖެޓް އެކުލަވައިލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި އޯޑިޓް އޮފީހުން ދޭ ޚިދުމަތްތައް އަތޮޅުތަކާ ގާތަށް ފުޅާކުރެއްވުމުގައިވެސް މުޙައްމަދު ޙުސައިން، އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

މުޙައްމަދު ޙުސައިނަކީ، 29 މާރިޗު 2010 އިން 3 މޭ 2011 އަށް އޮޑިޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވީ ދަނޑިވަޅުގައި، އެ އޮފީސް ވަގުތީ ގޮތުން ހިންގެވި ބޭފުޅެއްވެސް މެއެވެ. ޤާނޫނީ ގޮތުން ދިމާވެފައިވާ ކަންކަމަށް ރިޢާޔަތްކުރައްވައިގެން، ކަމާބެހޭ ފަރާތްފަރާތުގެ ޤާނޫނީ ލަފާފުޅާއެކު އަދި އޮފީހުގެ އެހެން އިސް މަގާމުތަކުގައި ތިއްބެވި މުވައްޒަފުންގެ އެއްބާރުލެއްވުން ވެސް ހޯއްދަވައިގެން، އެއްވެސް ކަމަކަށް ފަސްޖެހިވަޑައިގަތުމެއްނެތި، ވިސްނުންތެރިކަމާއެކު ކަންކަން ނިންމަވަމުން ގެންދެވި ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެ އޮފީހުގެ ފައިސާއާބެހޭ ބައިގައި މުޙައްމަދު ޙުސައިން ވަޒީފާ އަދާކުރެއްވި ދުވަސްވަރު ސަރުކާރުން ހިންގެވި ވަރަށް ގިނަ މަޝްރޫޢުތަކުގެ އެކައުންޓްތައް ބެލެހެއްޓެވުމުގައި ޒިންމާދާރު ދައުރެއް އަދާކުރައްވައިފައި ވެއެވެ. ޚާއްޞަގޮތެއްގައި، އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް އެކި ފަރާތްތަކުން ލިބުނު އެހީގެ ފައިސާގެ އެކައުންޓާއި، ރާއްޖެތެރެ ތަރައްޤީކުރެއްވުމުގެ ޚާއްޞަ މަޝްރޫޢުގެ އެކައުންޓް ފަދަ މުހިންމު މަޝްރޫޢުތަކުގެ އެކައުންޓްތައް ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަވައިފައިވާކަން ފާހަގަކޮށްލެވެއެވެ. ހަމަ އެއާއެކު، އެދުވަސްވަރު ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ފިނޭންސްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ދައުލަތުގެ ބަޖެޓް ހުށަހެޅުއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރައްވަންޖެހޭ މަސައްކަތްތަކުގައި ވަރަށް އަވަދިނެތި ޢަމަލީ ދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި އެދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރެއްވި ބޭރުގެ އިއްޒަތްތެރިންގެ ދަތުރުފުޅުތަކާ ގުޅިގެން ކުރަންޖެހުނު ކަންކަމާއި، ރާއްޖޭގައި ބޭއްވުނު ކޮމަންވެލްތު ފިނޭންސް މިނިސްޓަރުންގެ ޖަލްސާއާ ގުޅޭ ގޮތުން ކުރަންޖެހުނު ކަންކަންވެސް ހީވާގިކަމާއެކު ކުރައްވައިފައި ވެއެވެ.

މުޙައްމަދު ޙުސައިނަކީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ހިންގެވި، އަތޮޅުތަކުގެ މުވައްޒަފުން ތަމްރީނުކުރެއްވުމުގެ ކޯސްތަކުގަޔާއި، މޯލްޑިވްސް ސެންޓަރ ފޮރ މެނެޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން އަދި ފަހުން އިންސްޓިޓިއުޓް އޮފް މެނެޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަނުގައި މުވައްޒަފުން ތަމްރީނުކުރެއްވުމަށް ހިންގެވި ކޯސްތަކުގައްޔާއި، ސަރުކާރުގެ މުދަލާއި ފައިސާ ބަލަހައްޓާނެ ގޮތް ކިޔަވައިދެއްވައިފައިވާ ބޭފުޅެކެވެ.

މުޙައްމަދު ޙުސައިން ކުރެއްވި ކޮންމެ މަސައްކަތެއްވެސް އަދި ކުރެއްވި ކޮންމެ ކަމެއްވެސް ކުރައްވައިފައިވަނީ، ޤާނޫނުތަކާއި ގަވާއިދުތަކަށާއި އުސޫލުތަކަށް ފެތޭގޮތަށް ކަމަށްކަމޭހިއްތަވައިގެން ފަރުވާތެރިކަމާއެކުގައިކަން ފާހަގަކޮށްލެވެއެވެ.