އަލްފާޟިލާ ފާޠިމަތު ފަހީމް
ހ. ފެހިވިނަމާގެ

ފާޠިމަތު ފަހީމަކީ، ދިވެހި ސަރުކާރަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޓައިޕިސްޓެއްގެ މަގާމުގައި 8 އޮގަސްޓު 1977 ގައެވެ. އޭގެ ފަހުން، އެ މިނިސްޓްރީގައި ސެކްރެޓެރީއެއްގެ މަގާމު އަދާކުރެއްވުމަށްފަހު 6 ސެޕްޓެންބަރު 1992 ގައި ބަދަލުވެވަޑައިގެންނެވީ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒަށެވެ. ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ސީނިއަރ ސެކްރެޓެރީކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަގާމު ހިމެނެއެވެ. ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރުކަމުގެ މަގާމުގައެވެ.

ފާޠިމަތު ފަހީމް، ޓްރޭޑް މިނިސްޓްރީގައި ކުރައްވާފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، އިދާރީ މަސައްކަތްތަކާއި، ބަޖެޓާއި ފައިސާއާބެހޭ މަސައްކަތެވެ. އޭގެ އިތުރުން، މުވައްޒަފުންގެ މަގާމުތަކުގެ ރަޖިސްޓަރީއާއި މުވައްޒަފުންގެ ރަޖިސްޓަރީ ބެލެހެއްޓެވުމުގެ މަސައްކަތާއި، މިނިސްޓްރީގެ އެކި މަގާމުތަކަށް މުވައްޒަފުން ލެއްވުމާބެހޭ އެންމެހައި މަސައްކަތްތައް ކުރައްވައިފައިވެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތަކުގެ ކޯޓާގެ ކަންކަން ބެލެހެއްޓެވުމާއި، ކާޑުގެ ބާވަތްތަކާބެހޭގޮތުން އެސް.ޓީ.އޯ.އަށް ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުއްވުމާއި، މޯލްޑިވްސް އިލެކްޓްރިސިޓީ ބިއުރޯއަށާއި، ރައީސުޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް އެކުލަވައިލައި ފޮނުވުމުގެ މަސައްކަތްވެސް ކުރައްވައިފައިވެއެވެ.

ފުރަތަމަ ޕެންޝަނަށްފަހުވެސް ގިނަ ދުވަހު ސަރުކާރުގެ ޚިދުމަތުގައި އުޅުއްވުމަށް ފާޠިމަތު ފަހީމަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ހިތްވަރަކަށްވީ، ފުރަތަމަ ޕެންޝަނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ސިޓީފުޅެވެ.

ފާޠިމަތު ފަހީމްވަނީ މަސައްކަތަށް ބޭނުންވާ ތަމްރީނު ހޯއްދެވުމުގެ ގޮތުން ތަމްރީނު ޕްރޮގްރާމްތަކުގައްޔާއި ސެމިނަރތަކުގައި ބައިވެރިވެވަޑައިގެންފައެވެ. ފާޠިމަތު ފަހީމު ފާހަގަކުރެވިފައިވަނީ، ވަރަށް އިޚްލާޞްތެރިކަމާއެކު، ފޫހިފުޅުވުމެއްނެތި ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި މިނިސްޓްރީގެ ފަރާތުން އިންތިޒާމުކުރާ އެކިއެކި ކަންކަމުގައި ހީވާގިކަމާއެކު ވަރަށް އިސްކޮށް ޢަމަލީ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ކުރައްވާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، މިނިސްޓްރީން އިންތިޒާމު ކުރައްވައިގެން ބޭއްވެވި އަތު މަސައްކަތާއި އަތްތެރި މަސައްކަތުގެ މައުރަޒުތައް ބޭއްވުމަށް ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން، މޯލްޑިވްސް އިލެކްޓްރިސިޓީ ބިއުރޯ އުފައްދަވައިގެން އެތަނަށް އެކަށީގެންވާ ވަރަށް މުވައްޒަފުން ހަމަޖެހެންދެން، އެތަނުގައި ކުރަންޖެހުނު އިދާރީ މަސައްކަތްތައްވެސް ފާޠިމަތު ފަހީމްވަނީ ކުރައްވައިފައެވެ.