މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު ޢަބްދުއްލަޠީފް ޢަލީ
ފިނިހިޔާގެ ލ. ފޮނަދޫ

މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު ޢަބްދުއްލަޠީފު ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 24 ސެޕްޓެންބަރު 1972 ގައި، ލ.އަތޮޅު އަތޮޅުކޯޓުގެ ޤާޟީކަމުގެ މަގާމުންނެވެ. ޝަރުޢީ ދާއިރާގައި ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ލ.ގާދޫ ކޯޓުގެ ޤާޟީކަމާއި، ލ.ފޮނަދޫ ކޯޓުގެ ޤާޟީކަމާއި، ފޮނަދޫ ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ސީނިއަރ މެޖިސްޓްރޭޓްކަމުގެ މަގާމު ހިމެނެއެވެ. ފަނޑިޔާރު ކަމުގެ މަގާމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންނެވިއިރު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު 44 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާތީ، [މެޖިސްޓްރޭޓް ރިޓަޔަރޑް] ގެ ލަގަބު ދެއްވައި ތަކްރީމް ކުރައްވައިފައި ވެއެވެ. އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދެއްވާ ޝަރަފުވެރިކަމުގެ މުގުރާއި މެޖިސްޓްރޭޓް ރިޓަޔަރޑް މެޑެލް ޢަބްދުއްލަޠީފަށް ލިބިވަޑައިގެންފައި ވެއެވެ.

ޝަރުޢީ ދާއިރާގައި ކޯޓުތަކުގައި ޢަބްދުއްލަޠީފު ޢަލީ މަސައްކަތްކުރެއްވިއިރު ކޯޓުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ޝަރުޢީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އިންތިޒާމުތަކާއި ވަރިއާބެހޭ މައްސަލަތައް ބެއްލެވުމާއި، ކައިވެނި ކޮށްދިނުމާއި، ފައިސާއާއި، ތަރިކައާއި، މާރާމާރީއާއި، ޑްރަގާބެހޭ މައްސަލަތަކާއި، ޖިނާއީ ކުށްތަކުގައި ފުލުހުން ހައްޔަރުކުރާ މީހުންގެ ބަންދުގެ މުއްދަތު ޖަހައިދިނުމާއި، މި ނޫނަސް ކޯޓުތަކަށް ހުށަހެޅުނު ތަފާތު ބާވަތުގެ މައްސަލަތައް ބައްލަވައި ނިންމެވިއެވެ. މައްސަލަތައް ނިންމެވުމުގައި ބައެއް ފަހަރަށް ވަރަށް ދަތި އުނދަގޫ ކަންކަމާވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، ޢަބްދުއްލަޠީފް ޢަލީ، މައްސަލަތައް ނިންމަވަމުން ގެންދެވީ، ޝަރުޢީ ހަމަތަކާއި ޤާނޫނުތަކުގައިވާ ގޮތުގެ މަތިންކަން ފާހަގަކޮށްލެވެއެވެ.

ޢަބްދުއްލަޠީފް ޢަލީ ވަނީ ޝަރުޢީ ދާއިރާގައި ބިނާކުރަނިވި މަސައްކަތްތަކެއް ކުރައްވައިފައެވެ. މިގޮތުން އަތޮޅުގެ އެހެން ރަށްރަށުގެ ކޯޓުތައް ވަގުތީގޮތުން ހިންގަވައި، ފޮނަދޫ ކޯޓުގެ އިމާރާތް ބިނާކުރުމަށް ކުރަން ޖެހުނު ކަންކަމުގައި މުހިއްމު ދައުރެއް އަދާކުރައްވައިފައިވެއެވެ. ކޯޓުގެ މާޙައުލަކީ ޝަރީޢަތަށް ހާޒިރުކުރެވޭ މީހުންނަށާއި މުވައްޒަފުންނަށް، ފަސޭހައިން ތިބެވޭނެ މާޙައުލަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ނަޒާހަތްތެރި މުވައްޒަފުންތަކެއް މަސައްކަތްކުރާ ކޯޓަކަށް، ފޮނަދޫ ކޯޓު ހެއްދެވުމުގެ ގޮތުން ޝަރުޢީ ދާއިރާގެ ގަވާއިދުތަކާއި އުސޫލުތަކަށް މުވައްޒަފުން އަހުލުވެރި ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، އަތޮޅުގެ ކޯޓުތަކުގެ ޤާޟީންނާބެހޭ ކަންކަން ވިލަރެސް ކުރައްވައި ބެލެހެއްޓެވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.

ޢަބްދުއްލަޠީފް ޢަލީއަކީ، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޝަރުޢީ ދާއިރާގެ މަސައްކަތް ކުރެއްވުމުގެ އިތުރުން، އިޖުތިމާޢީ ދާއިރާއާ ގުޅުންހުރި ކަންކަމުގައިވެސް ބައިވެރިވެވަޑައިގެން ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އިޖުތިމާޢީގޮތުން ރަށު ފެންވަރުގައި ކުރެވޭ އެންމެހައި ކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން އިސް ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ.