އަލްފާޟިލާ އާމިނަތު ޒުބައިދާ
މ. އޭ ޒީ

އާމިނަތު ޒުބައިދާ، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 44 އަހަރު ވެފައިވާއިރު، ފުރަތަމަ ވަޒީފާއަކީ، މޯލްޑިވްސް ޝިޕިންގ ލިމިޓެޑްގެ ދެނަންބަރު ކާތިބާ ކަމުގެ ވަޒީފާއެވެ. އެއީ، 25 ޖުލައި 1975 ގައެވެ. 21 ޖަނަވަރީ 1977 ގައި، އެތާނގެ ވަޒީފާއިން ވަކިވެވަޑައިގަތެވެ. 4 އެޕްރީލް 1974 ގައި އަލުން ރޭޑިއޯ މޯލްޑިވްސްގެ ދެނަންބަރު ކާތިބުކަމުގެ ވަޒީފާއާ ގުޅިވަޑައިގެން ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. 17 މަސްދުވަހު ޚިދުމަތް ކުރެއްވުމަށްފަހު 9 ސެޕްޓެންބަރު 1978 ގައި ޕްރިޒްންސް ޑިވިޜަންގެ ދެނަންބަރު ކާތިބާގެ މަގާމަށް ބަދަލުވެވަޑައިގެން އެތާނގައި ޚިދުމަތް ކުރެއްވުމަށްފަހު 17 ޖަނަވަރީ 1979 ގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ދެނަންބަރު ކާތިބާއަކަށް ބަދަލުވެވަޑައިގަތެވެ. ކަސްޓަމްސްގައި 18 ވަރަކަށް އަހަރު ޚިދުމަތް ކުރެއްވިއެވެ. އޭގެ ފަހުން 14 އޮގަސްޓު 1994 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސީނިއަރ ކޮންފަރެންސް އޮފިސަރަކަށް ބަދަލުވެވަޑައިގަތެވެ. މިހާރުވެސް ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ، ރައްޔިތުންގެ މަޖިލީގެ އިދާރާގައި، ސީނިއަރ ސުޕަވައިޒަރުގެ މަގާމުގައެވެ.

އާމިނަތު ޒުބައިދާ، މޯލްޑިވްސް ޝިޕިންގ ލިމިޑެޓުގައްޔާއި، ރޭޑިއޯ މޯލްޑިވްސްގައްޔާއި، ޕްރިޒްންސް ޑިވިޜަންގައި ވަޒީފާ އަދާކުރެއްވިއިރު މައިގަނޑު ގޮތެއްގައި ކުރެއްވީ، އިދާރީ މަސައްކަތެވެ. ކަސްޓަމްސްގެ ވަޒީފާއަށް ބަދަލުވެވަޑައިގެން، އެތާނގެ ރެވެނިއު ބްރާންޗްގައި ކުރެއްވީ، އިމްޕޯޓް އެކްސްޕޯޓް މުދަލުގެ ހިސާބުތައް ބެލެހެއްޓެވުމުގެ މަސައްކަތެވެ. އޭގެ ފަހުން، ސަރވިސަސް ބްރާންޗުގައި، މުދާ ދޫކުރުމާއި، ދޫކުރާ މުދަލުގެ ޑެލިވަރީ ލިޔުއްވުމުގެ މަސައްކަތް ކުރެއްވިއެވެ. ކަސްޓަމްސްގައި އެންމެ ފަހުން އަދާކުރެއްވީ ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވަޒީފާއަށް ބަދަލުވެވަޑައިގެން އެ އިދާރާގައި ފުރަތަމަ ކުރެއްވީ އިދާރީ މަސައްކަތެވެ. 1 ސެޕްޓެންބަރު 2005 ން ފެށިގެން އަދާކުރައްވަމުން ގެންދަވަނީ ސީނިއަރ ސުޕަވައިޒަރުގެ މަގާމެވެ. އެ މަގާމުގައި ހުންނަވައިގެން ކުރައްވަމުން ގެންދަވަނީ، ރައްޔިތުންގެ މަޖިލީހުގެ ޢިމާރާތާ ބެހޭ އެންމެހައި ކަންކަމެވެ.

ކޮންމެ އޮފީހެއްގައި ވަޒީފާ އަދާކުރެއްވިކަމުގައި ވިޔަސް، އާމިނަތު ޒުބައިދާއަކީ، ގަޑިއަށް ފަރުވާތެރިކަން ބަހައްޓަވާ، އަދި ހަވާލުކުރައްވާ ކޮންމެ މަސައްކަތެއްވެސް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ކުރައްވަމުން ގެންދަވާ ހީވާގި ބޭފުޅެކެވެ.