އަލްފާޟިލް ޢަލީ ޔޫސުފް
ހ. އަކާސިއާ

ޢަލީ ޔޫސުފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ 5 ފެބުރުވަރީ 1967 ގައެވެ. ފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ، ދާޚިލިއްޔާ (ނ) ގައި، ބަނޑޮހު މަސައްކަތު މީހެއްގެ ވަޒީފާއެވެ. އޭގެ ކުރިންވެސް ބަނޑޮހުގެ ވަގުތީ މަސައްކަތު މީހެއްގެ ވަޒީފާގައި ޢަލީ ޔޫސުފް އުޅުއްވިއެވެ. އޭރު އެރަށަކީ، ދައުލަތުގެ ފަރާތުން ބަލަހައްޓަވާ ކުދިން ބައިތިއްބާފައި ތިބޭ ރަށެވެ. ބަނޑޮހުގެ ވަޒީފާގައި އުޅުއްވިއިރު، ފައިސާ ނަގަން ދާޚިލިއްޔާއަށް ވަޑައިގަތުމާއި، ބަނޑޮހަށް ބޭނުންވާ ތަކެތި ބާޒާރުން ބައްލަވައިގަތުމާއި، ކުދިން ބެލެހެއްޓެވުމުގެ މަސައްކަތް ޢަލީ ޔޫސުފް ކުރެއްވިއެވެ.

އޭގެ ފަހުން 23 މާރިޗު 1978 ގައި ގަވަރންމަންޓް ހޮސްޕިޓަލުގެ ވަޒީފާއަށް ބަދަލުވެވަޑައިގެން އެތަނުގެ ފިރިހެން އެޓެންޑެންޓެއްގެ މަގާމާއި، ކްލީނަރސްގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި ސެންޓްރަލް ހޮސްޕިޓަލުގައި 1 ނަންބަރު އެޓެންޑެންޓެއްގެ މަގާމު އަދާކުރެއްވުމަށްފަހު 12 ޖަނަވަރީ 1985 ގައި ބަދަލުވެވަޑައިގަތީ، އިސްލާމީ މަރުކަޒުގެ ހާރިސްކަމުގެ މަގާމަށެވެ. އެ މަގާމުގައި ހުންނެވުމަށްފަހު 4 އޮކްޓޫބަރު 1986 ގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރުގެ ޑިއުޓީ އޮފިސަރަކަށް ބަދަލުވެވަޑައިގަތެވެ.

އޭގެ ފަހުން ފިނޭންސްގެ ޑިއުޓީ އޮފިސަރަކަށް ބަދަލުވެވަޑައިގެންނެވި ގޮތަށް އުމުރުފުޅުން 65 އަހަރުވުމާ ގުޅިގެން ވަޒީފާއިން ވަކިވެވަޑައިގަންނަވަންދެން ހުންނެވީ އެ އިދާރާގައެވެ. ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ސީނިއަރ ސެކިޔުރިޓީ އޮފިސަރުގެ މަގާމުގައެވެ. އެ މަގާމުގައި ޢަލީ ޔޫސުފް ހުންނަވައިގެން ހުރަވީ ބިލްޑިންގއާއި، ޣާޒީ ބިލްޑިންގ ފަދަ ދައުލަތުގެ މުއައްސަސާތައް ހިނގަމުންދިޔަ ބޮޑު ދެ ޢިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓެވިއެވެ. ޢަލީ ޔޫސުފް އެ ތަންތަން ބަލަހައްޓަވައިފައިވަނީ، ވަރަށް ފަރުވާތެރިކަމާ އެކުގައި ކަމަށްކަމޭހިއްތަވައިގެންނެވެ. އަދި ޚިދުމަތް ހޯދަން އެތަންތަނަށް އަންނަ މީހުންގެ މަސްލަހަތަށް ބައްލަވައިގެން އެހީތެރިވެދެއްވައިގެން ތަނުގެ ރައްކާތެރިކަން ނުގެއްލޭގޮތަށެވެ.

ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވާ ޢަލީ ޔޫސުފަކީ، ތަފާތު ދާއިރާތަކުގައި އަދި ވަސީލަތްތައް ނެތް ޒަމާނުގައި ހީވާގިކަމާއެކު މަސައްކަތްކުރެއްވި ޚިދުމަތްތެރި ބޭފުޅެކެވެ. އެގޮތުން ރާއްޖެއަށް ކުރިމަތިވި ކޮލެރާއާއި ޝިގެއްލާ ތެރޭގައި ހޮސްޕިޓަލް ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި، ފޮޅައި ސާފުކުރުމަށް ބޭނުންވާނެ އެކަށީގެންވާ ރައްކާތެރި ސާމާނު ނެތްނަމަވެސް ފަސްޖެހުމެއްނެތި، ހިތްވަރާއި މުރާލިކަމާއެކު މަސައްކަތް ކުރެއްވިއެވެ. ރާއްޖޭގައި ބިނާކުރެވުނު އެންމެ ފުރިހަމަ އެއްބިނާ ކަމުގައިވާ އިސްލާމީ މަރުކަޒު އެ ރީތި ކަމުގައި ބެހެއްޓެވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

ޢަލީ ޔޫސުފް ފާހަގަކުރެވިފައިވަނީ، އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ތަޖުރިބާގެ އަލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކުރައްވާނެ އައު ގޮތްތައް ހޯއްދަވައިގެން ތެދުވެރިކަމާއެކު ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.