އިބްރާހީމް ޙުސައިން ޒަކީ
ހ.ހުޅުގަލި

               އިބްރާހީމް ޙުސައިން ޒަކީ، ޚާއްޞަގޮތެއްގައި ފާހަގަވެގެންދަނީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނު، ސަރުކާރަށް ޚިދްމަތް ކުރައްވަމުން ގެންދަވާތާ 35 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އެމަނިކުފާނަށް ފުރަތަމަ ޕެންޝަން ލިބިވަޑައިގަތީ، 28 މެއި 1991 ގައެވެ. އިބްރާހީމް ޙުސައިން ޒަކީއަކީ ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ދައުލަތުގެ ވަޒީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

               ރާއްޖޭގެ ޚާރިޖީ ދާއިރާގައި އެމަނިކުފާނު ފުރުއްވި މުހިންމު މަގާމުތަކުގެ ތެރޭގައި، ސިލޯނުގައި ހުންނަ ދިވެހި އެމްބަސީގެ 3 ވަނަ ސެކްރެޓަރީ ކަމުގެ މަޤާމާއި، 2 ވަނަ ސެކްރެޓަރީ ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ވަކީލު ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ފޮރިން އެފާއާޒްގެ ސީނިއަރ އަންޑަރ ސެކްރެޓަރީ ކަމުގެ މަޤާމާއި، އެމިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ކަމުގެ މަޤާމު ހިމެނެއެވެ. އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު ކަމުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

               ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމު އެންމެ ފުރަތަމަ އަދާކުރެއްވި ދިވެހި ބޭފުޅަކަށްވެވަޑައިގަތުމުގެ ޝަރަފް، އެމަނިކުފާނަށްވަނީ ލިބިވަޑައިގެންފައެވެ. ރާއްޖޭގެ ޚާރިޖީ ދާއިރާގައި އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާއާއި، އެމަނިކުފާނުގެ ޢިލްމީ ޤާބިލިއްޔަތު، މިފަދަ މަޤާމެއް ލިބިވަޑައިގަތުމުގެ ހެއްކަކަށް ފުދެއެވެ.

               އިބްރާހީމް ޙުސައިން ޒަކީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ދިވެހިރާއްޖެއާއި ބޭރު ޤައުމުތަކާ ދެމެދު ތަފާތު އެކިފެންވަރުގައި ގުޅުން ބަދަހިކުރެއްވުމަށާއި، ރާއްޖެއަށް ބޭރުގެ ފަންނީ އެހީއާއި، މާލީ އެހީއާއި، އެނޫން އެކިއެކި އެހީތައް ހޯއްދަވައިދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް، ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. ބޭރު ދުނިޔޭގައި ރާއްޖޭގެ ޤަދަރާއި ހައިބަތު އުފުއްލެވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތަކަކީވެސް ހަނދާންކޮށްލަންޖެހޭ މަސައްކަތްޕުޅުތަކެކެވެ.

               11 ނޮވެމްބަރ 1993 ގައި މިނިސްޓަރ އޮފް ޓޫރިޒަމް ކަމުގެ މަޤާމު، އެމަނިކުފާނަށް ލިބިވަޑައިގަތެވެ. އަދި އޭގެ 5 އަހަރު ފަހުން 11 ނޮވެމްބަރ 1998 ން ފެށިގެން އަދާކުރައްވަމުން ގެންދެވީ، މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް ކަމުގެ މަޤާމެވެ. ވަޒީރު ކަމުގެ މަޤާމުގައި 10 އަހަރު ޚިދްމަތް ކުރެއްވިއިރު، އެމަނިކުފާނަކީ، އެމަނިކުފާނާ ޙަވާލުކުރެއްވި ކޮންމެ މަސައްކަތެއްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ކުރެއްވި ބޭފުޅެއްކަން އެމަނިކުފާނުވަނީ ސާބިތުކޮށްދެއްވާފައެވެ.

               ޓޫރިޒަމް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރެއްވުމަށް، އެކިފެންވަރުގައި ކުރެވުނު މަސައްކަތްތަކުގައި، ޒަކީ އަދާކުރައްވާފައިވާ ދައުރު ވަރަށް ބޮޑެވެ. ރާއްޖޭގެ ފަތުރުވެރިކަން، އެއް މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް ތަޢާރުފު ކުރެއްވުމާއި، އަދި ރިޒޯޓުތައް ކުއްޔަށް ދޫކުރުމަށް ބޭނުންކުރަމުން އައި ނިޒާމު ތަރައްޤީ ކުރައްވައި، އިންވެސްޓަރުންނަށް ޔަޤީންކަން ލިބިދޭފަދަ އަދި ހާމަކަންބޮޑުގޮތަކަށް އެ އުސޫލު ބަދަލުކުރެއްވި ބޭފުޅަކީވެސް އިބްރާހީމް ޙުސައިން ޒަކީއެވެ.

               ހަމައެހެންމެ، މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް ކަމުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ ޤައުމީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް އެކުލަވައިލެއްވުމުގައްޔާއި، އަދި ބައެއް އާ މަޝްރޫޢުތައް ފަށްޓަވައި، އެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގަވައި ނިންމެވިކަން އެއީވެސް އެމަނިކުފާނުގެ ޤާބިލްކަން ހާމަވެގެންދިޔަ ކަމެކެވެ. ރާއްޖޭގެ ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލެއްވުމުގައި ދިވެހިން ބޭނުންކުރެއްވުމާއި، ޤައުމީ ތަރައްޤީގައި ބައިވެރިވުމުގެ ދޮރު އަމިއްލަ ފަރާތްތަކަށް އެންމެ ފުޅާ ދާއިރާއެއްގައި ހުޅުއްވައިދެއްވި ބޭފުޅަކީވެސް އިބްރާހީމް ޙުސައިން ޒަކީއެވެ.

               އިބްރާހީމް ޙުސައިން ޒަކީއަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއިން ދިވެހި ދައުލަތާއި ދިވެހި ރައްޔިތުން ސަލާމަތް ކުރެއްވުމުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އިންޑިޔާ ސިފައިން ރާއްޖެއަށް ގެނައުމުގައި، ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ހިނގައިދިޔަ އެކިއެކި މުޢާމަލާތްތަކާއި މަޝްވަރާތަކުގައި، އެންމެ އިސް މެދުވެރިއެއްގެ ދައުރު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައި ހުންނަވައިގެން އަދާކުރެއްވި ބޭފުޅަކީ އެމަނިކުފާނެވެ.

               11 ނޮވެމްބަރ 2003ގެ ފަހުން އިބްރާހީމް ޙުސައިން ޒަކީ އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެންނެވުމުގައި، ހީވާގިކަމާއި މުރާލިކަމާއެކުގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ފުރިހަމަ ޑިމޮކްރެޓިކް ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރެއްވުމަށާއި، ސިޔާސީ ޕާޓީތައް ރާއްޖޭގައި އުފެއްދެވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް ހަނދާނުން ފޮހެވިގެންދާނެ މަސައްކަތްޕުޅުތަކެއް ނޫނެވެ. އަދި ސިޔާސީ ޕާޓީ އުފެއްދެވުމުގެ މަސައްކަތްތަކުގެ ތެރެއިން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އުފެއްދެވުމުގައި ޒަކީވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އޭރު ރާއްޖޭގެ މަސްރަޙު އޮތްގޮތުން، ވަރަށްގިނަ ދަތިތަކާއި ފިއްތުންތައް ކުރިމަތިވެވަޑައިގެންނެވި ކަމުގައިވީނަމަވެސް، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ، ދިވެހި ރައްޔިތުންނަށް ފުރިހަމަ ޑިމޮކްރަސީއެއް ހޯއްދަވައިދެއްވުމަށްޓަކައެވެ.

               އިބްރާހީމް ޙުސައިން ޒަކީއަކީ، ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅާއި އަރިއަތޮޅު ދެކުނުބުރީ މެންބަރުކަންވެސް ދިގު މުއްދަތެއްގައި ކުރެއްވި ބޭފުޅެކެވެ.